ޖަރުމަނު ބުންޑަސްލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް، ރޮބާޓް ލެވަންޑޮސްކީ ވެއްޖެއެވެ.
މިރޭ ބަޔާން އިން އޮސްބާގާ ދެކޮޅަށް ކުޅުނު ސީޒަންގެ ފަހު މެޗުގެ ފަހު ސިކުންތުގައި ގޯލު ޖަހައި ލެވަންޑޮސްކީ ވަނީ މި ސީޒަންގެ ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު 41 އަކަށް އަރުވައިފައެވެ. އެއީ މިހާތަނަށް ލީގު ސީޒަނެއްގައި ޖަރުމަނު ލީގުގެ ކުޅުންތެރިޔަކު އެންމެ ގިނައިން ގޯލު ޖެހި އަދަދެވެ.
މީގެ ކުރިން އެ ރެކޯޑު އޮތީ ލެޖެންޑަރީ ކުޅުންތެރިޔާ ގާޑް މުލާ އަތުގައެވެ. އޭނާ މީގެ 49 އަހަރު ކުރިން، 1972 ވަނަ އަހަރުގެ ލީގުގައި ޖަހާފައި ވަނީ 40 ގޯލެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ އަހަރު ހޯދި ޕޮލެންޑުގެ ފޯވަޑް ލެވަންޑޯސްކީ މިފަހަރުގެ ލީގުގައި 41 ގޯލު ޖެހީ 29 މެޗުންނެވެ. އަނިޔާގެ ސަބަބުން ލެވަންޑޯސްކީ އަށް މެޗު ލީގުގައި ނުކުޅެ ދޫކޮށްލާފައިވެއެވެ.
މިރޭގެ މެޗުން ޗެމްޕިއަން ބަޔާން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، ލެވަންޑޮސްކީގެ އިތުރުން ގޯލުތައް ޖެހީ ކިންގްސްލީ ކޯމަން، ޔޯސުއާ ކިމިޗް، ސާޖް ގްނަބްރީ އަދި ޖެފްރީ ފޯވިލިީއުއެވެ. އޯސްބާގްގެ ގޯލުތައް ޖެހީ އަންޑްރޭ ހާން އާއި ފްލޯރިއަން ނެއިޑާލާޝްނާއެވެ.
މިރޭގެ މެޗަށް ނުކުތް އިރުވެސް ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ބަޔާންއަށް އޮތީ ކަށަވަރު ވެފައެވެ. އެޓީމުން ލީގު ނިންމާލީ 78 ޕޮއިންޓާ އެކުގައެވެ.
ލެވަންޑޮސްކީ ޕޮލެންޑާއެކު ޔޫރޯއަށް ތައްޔާރުވުމަށް ގައުމީ ޓީމާ ގުޅުމަށް ތައްޔާރުވެފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި ގައުމީ ޓީމު އަދި ކްލަބަށް ކުޅުނު 46 މެޗުގައި ލެވަންޑޮސްކީ ވަނީ 53 ގޯލު ޖަހައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު