މީގެ މަހެއްހައި ދުވަސް ކުރިން ގެއްލުނު ހދ. ނޮޅިވަރަންފަރު ޒުވާނާ ވީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ގެއްލިގެން ހޯދަމުން އަންނަ އެ މީހާއަކީ ނޮޅިވަރަންފަރު/ މޯނިން ސަން، މިސްބާހު މުހައްމަދެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެނބުރި ރާއްޖެ އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ދިޔައީ ކޮން ގައުމަކަށް ކަމެއް އަދި ދިޔަ ބޭނުމެއް ނޭނގެ އެވެ. ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ ދޫކޮށް ގޮސްފައި ވަނީ ދުބާއީ އަށެވެ.

ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު 'ވަން' އަށް ބުނި ގޮތުގައި، ކަންނެއްޔަށް ގޮސް އުޅޭ އެ ޒުވާނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރު ކުރި ޒުވާނެކެވެ. އަދި ރަށުގައި ދިރިއުޅުމަށްފަހު މިދިޔަ އަހަރުގެ އޯގަސްޓު މަހު މާލެ އައި ގޮތަށް ހަބަރެއް ވެފައެއް ނުވެ އެވެ.