މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު އެކަމަށް ގޮވާލައްވާފައި މިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އަނެއްކާވެސް އާމްދަނީއަށް އަސަރުކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑުގެ ނުރައްކާތެރި މި ހާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށެވެ.
"ކޮވިޑް 19 ގެ ނުރައްކާތެރި މި ހާލަތުގައި، މާލެ ސިޓީގައި ގިނަ ވަގުތު ކާފިޔު އިއުލާންކޮށްފައި އޮންނާތީ، ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށްފި! ވުމާއެކު، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ފެނާއި ކަރަންޓު ބިލަށް ލުޔެއް ދެއްވުން އެދި ގޮވާލަން." މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިމަހު މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ވަކި ވަގުތުތަކެއްގައި ކާފިއު ހިންގަން ފަށައިފައެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ނިޔަލަށް އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) 1،603 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 52،405 އަށް އަރައިފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1،025 މީހަކާއި އަތޮޅުތެރެއިން 571 މީހަކާއި ރިސޯޓުތަކުން ހަތް މީހެކެވެ. މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 21،079 މީހަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު