ގ. ބިއްލޫރިޖެހި ގޭގައި މާލޭ ސިޓީ ކައުންސިލުން ހެދި ޕާކިން ޒޯނުގެ މަސައްކަތް ރޭ ނިންމާލައި އެތަނުގައި ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހަދާފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކް ނުކުރެވޭ ގޮތް ހެދުމަށް ފަހުގައެވެ.

ނިމިދިޔަ ދައުރުގެ ސިޓީ ކައުންސިލުން ފަށާފައިވާ އެ މަސައްކަތް އެއްކޮށް ނިންމާލާފައި މިވަނީ އާ ކައުންސިލުން ހުވާކުރިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

ސިޓީ ކައުންސިލްއާ ޖެހިގެން ހުންނަ ބިއްލޫރިޖެހިގޭ ޕާކިން ޒޯނުގައި 250 އާއި 300 އާ ދެމެދުގެ އަދަދަކަށް ސައިކަލް ޕާކް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލްގެ ސެކްޓްރީ ޖެނެރަލް އަހްމަދު ޝަރީފް ވިދާޅުވެއެވެ. އަދި އެ ތަނުގައި އަށް ކާރަށް ޕާކު ކުރެވޭނެ ޖާގަ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިއްލޫރިޖެހިގޭ ޕާކިން ޒޯނު ހުޅުވުމާއެކު އެ ސަރަހައްދުގެ ބަނަފްސާ މަގުން ފެށިގެން ރަތްދެބައި މަގާ ހަމައަށް މަޖީދީ މަގުގައި ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.