ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ފަރުވާ ހޯއްދަވަމުން ގެންދަވާ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިމަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އޭގެ ހަފުތާއެއް ފަހުން މިއަދު އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. އަދި ހޮސްޕިޓަލާ ކައިރިން ހޮޓަލަކަށް ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ އާއިލާ އިން ވަނީ ބުނެފައެވެ.

"ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ހަފުތާއަކު ދެ ފަހަރު އަދި އެބަޖެހޭ ހޮސްޕިޓަލަށް ދާން،" ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު "ވަން" އަށް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ގިނަ ޓެސްޓުތަކަކާއި ސްކޭންތަކެއް ހެދިކަން ފާހަގަކޮށް ޑރ. ނާޝިދު ވިދާޅުވީ، އިތުރު އޮޕަރޭޝަނެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނަކީ ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތަކަށް ނުވުމުން ރިކަވަރީ ވަމުން އަންނަ ސްޕީޑް ރަނގަޅު ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

"އަދި ގާތްގަނޑަކަށް މަހެއް ވަންދެން އެބަޖެހޭ ހޮސްޕިޓަލަށް ވެސް ދައްކަން. އެހެންވީމަ އަދި ރާއްޖެ އާދެވޭނެ ދުވަހެއް ބުނާކަށް ނޭނގެ،" ޑރ. ނާޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.