ކޮވިޑް ޖެހުމަށްފަހު ލޮލުގެ ފެނުން ގެއްލޭ އިންފެކްޝަން، މިއުކޯމައިކޮސިސް ނުވަތަ ބްލެކް ފަންގަސްއަށް ދޭ ބޭސް ރާއްޖޭގައި ނުހުންނާނެ ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވެފައި މިވަނީ، ބްލެކް ފަންގަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނުމާ ގުޅިގެންނެވެ. އެއީ ބްލެކް ފަންގަސް ބަލިކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ޑރ. ފައިސަލް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކަޅު ފަންގަސް" އަށް ދޭ ބޭސް ރާއްޖޭގައި ނުވެސް ހުންނާނެ ކަމަށާއި އެ ބައްޔަށް ދޭ "އެމްފޯޓެރިސިން ބީ" ބޭސްކޮޅެއް އެސްޓީއޯ އިން ރާއްޖެ ގެނެސް ބަހައްޓަން ޖެހޭ ކަމަށެވެ. އަދި އިންޑިއާ އިން ވެސް މިހާރު އެ ބޭސް ހޯދަން އުނދަގޫކަން އޭނާ ފާހަގަކުރެއްވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް (ސީމެޓް)ގެ ފަރާތުން ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ މިއުކޯމައިކޮސިސް ކަމަށް ޝައްކު ކުރެވޭ ކޭހެއް ބަލަމުން އަންނަ ކަމަށާއި މިހާރު ޓެސްޓުކުރުމަށް ލެބޯޓަރީއަށް ފޮނުވާފައިވާ ކަމަށެވެ.
"މިއުކޯމައިކޮސިސް ޕޮޒިޓިވް އައިސްފި ކަމަށް ވާނަމަ، އަޅުގަނޑުމެން ދޭނެ ބޭސްތައް ނިންމައި، ބޭސް ހުރިތޯ ޔަގީންކޮށް ހަދާފައި މިހާރު މިވަނީ. މިއުކޯމައިކޮސިސް އަކީ ފަންގަލް އިންފެކްޝަނެއް. އެ ބައްޔަށް ދެ ގޮތަކަށް މި ޑައިގްނޯސް ކުރަނީ. އެއް ގޮތަކީ ފަންގަލް ކަލްޗާއެއް ހެދުން. ފަންގަލް ކަލްޗާއަކީ ތަންކޮޅެއް ސްލޯކޮށް އަންނާނެ އެއްޗެއް. އާންމުގޮތެއްގައި އާލީ ޓްރީމަންޓަކަށް އަޅުގަނޑުމެން ބޭނުންވާ ނަމަ، ކޭއޯއެޗް ސްޓެއިނިންއެއް ހަދައިގެން އެ ދެނެގަންނާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ ރިޕޯޓު ވަރަށް އަވަހަށް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޝިހާމް ވިދާޅުވީ މިއުކޯމައިކޮސިސްގެ ފުރަތަމަ ފަރުވާގައި ބަލި ފެންނަތާ ފަހެއް ނުވަތަ ހަ ދުވަސް ތެރޭ ބޭސް ފަށާނެ ކަމަށާއި އެ ބައްޔަށް ފަރުވާ ދޭން ބޭސް ހުރިކަން އެބަ އެނގޭ ކަމަށެވެ.
"ބޭސް ހުރިކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަޅުގަނޑުމެން އަދި ނުނިންމަން މިއުކޯމައިކޮސިސް ކަމަކަށް. އެހެންނަމަވެސް އެގޮތަށް ވެސް އަޅުގަނޑުމެން އިންވެސްޓިގޭޓްކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވިއެވެ.
މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓާއި ގުޖުރާތު ސްޓޭޓުގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ބްލެކް ފަންގަސް" ކިޔާ މި ބަލި މިހާރު އާއްމުކޮށް ޖެހެނީ ކޮވިޑް ޖެހުމަށް ފަހު ބަލީން ފަސޭހަވަމުން އަންނަ މީހުންނާއި އެއްކޮށް ފަސޭހަވެފައިވާ މީހުންނަށެވެ.
މި ބައްޔަކީ އާންމު ގޮތެއްގައި ބިންމަތީގައި ނުވަތަ ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ލޯ އަނދިރިވުމުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ދިމާވެއެވެ. އޭގެ ތެރޭގައި ސައިނަސް އާއި ސިކުނޑި އަދި ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު