ކޮވިޑަށްފަހު ޖެހުނު ސްޓްރޯކެއްގައި އަރިޖިތު ސިންގުގެ މަންމަ މަރުވެއްޖެއެވެ.

ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގުގެ މަންމަ މަރުވެފައިވަނީ ކަލްކަތާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އަރިޖިތުގެ މަންމަ އަދިތީއަށް ކޮވިޑު ޖެހި ބަލި ހާލަތު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް ހޯމަދުވަހު ބައްޔަށް ނެގެޓިވް ވެފައި ވަނިކޮށް އިއްޔެ ވަނީ ސްޓްރޯކެއް ޖެހި ހާލަތު ގޯސްވެފައި ކަމުގައި މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އަރިޖިތުގެ މަންމަ އަދިތީ މަރުވެފައިވަނީ ސްރިޖީތު މުކަރްޖީ އަދި ސްވަސްތިކާ މުކަރްޖީ އަދިތީއަށް ލޭ ހަދިޔާކުރާނެ ފަރާތެއް ހޯދުމަށް މީސްމީޑިއާގައި ގޮވާލަމުން ދަނިކޮށެވެ.

އެކަމާ ގުޅިގެން އަރިޖިތު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރުވެރިވާ ކަމަށާއި ނަމަވެސް މަޝްހޫރު ނަމަކަށް ވީތީ އެހީތެރިކަން ފުޅާކުރުމުގައި ކަންތައް ބޮޑު ނުކުރަމަށާއި އެކަކު އަނެކަކަށް އިހުތިރާމު ކޮށްގެން މެނުވީ މިބަލިމަޑުކަމުން އަރައިނުގަނެވޭނެ ކަމަށެވެ. އަދި ކޮންމެ މީހަކީވެސް މުހިއްމު މީހެއް ގޮތުގައި ބަލައިގަތުމަށް އެދޭ ކަމަށެވެ.