އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 92

އަބްދުﷲ ފާރޫގް ހަސަން

(15 މެއި ގެ އަދަދާ ގުޅޭ)

އަޅުގަނޑު ވަނީ މާތް اللّـه ގެ ވާގިފުޅާއެކު ކޮންމެ އަގެއްގައިވެސް ޙިޞްނުއްލައިޠު ފަތަޙަކުރާން ޢަޒުމު ކަނޑައަޅައިފައި. އަޅުގަނޑު މާތް اللّـه ގެ މަގުގައި ކުރިޔަށްއެޅި ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އެނބުރި ފަހަތަކަށް ނާޅާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް މިތަނަށް ވަޑައިގަންނަވަން ދަޢުވަތު އެރުވީ ތިޔަބޭފުޅުންގެ އަރިހުގައި ވަޢުޡު ބުނެފައި ކުރިޔަށް އޮތްތާނގައި ހެޔޮނިޔަތްޕުޅުގައި އަޅުގަނޑާ ބައިވެރިވެވަޑައިގެންދެއްވާތޯ އިލްތިމާސްކޮށް ދަންނަވާކަށެއް ނޫން. އަޅުގަނޑު ޞަރީޙަކޮށް ދަންނަވަން. ތިޔަބޭފުޅުން މާތް اللّـه ގެ ރަސްކަންފުޅުގެ ބަދަލުގައި ބިރުފުޅުގެން ވަޑައިގަންނަވަނީ އަލްފާންސޫދެކެ ކަމުގައިވާނަމަ އަޅުގަނޑު ތިޔަބޭފުޅުން އެނބުރި ވަޑައިގެންނެވުމަކަށް ހުރަހެއް ނާޅަން. މަންޒިލާ ދިމާޔަށް ފުރަގަސްދީގެން ތިބޭ ބައެއްގެ އެކުވެރިކަމެއް އަޅުގަނޑު ބޭނުމެއް ނޫން."

ބިޠުލިޔޫސުގެ أميـر ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ވެދިޔަތަނާމެދު އަޅުގަނޑުމެން ހިތާމަކުރުމުން މަނިކުފާނު އެވަރުން ފުއްދައިލައްވާނެކަމުގައިވާނަމަ އަޅުގަނޑުމެން މިތިބީ މުސްތަޤުބަލުގައި މަނިކުފާނަށް ވަފާތެރިވާނެކަމަށް ހުވާކުރާން ތައްޔާރަށް."

معـتـمـد ތެދުވެވަޑައިގެން އެވާހަކަފުޅަށް ތާއީދުކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކުރީގެ ފަރުވާކުޑަކަމަށް އިޢުތިރާފުވަން. އެކަމަކު މަނިކުފާނަށް މީގެފަހަކުން އަޅުގަނޑުމެންނާ ދިމާޔަކަށް ނިޔަތް ނުބައިކަމާއި ފިނޑިކަމުގެ ވާހަކަފުޅުން މަލާމާތެއް ނުކުރެއްވޭނެ."

مـعــتــصـم ވިދާޅުވިއެވެ. "އެފުރިކާގެ ބަހާދަރުންނާ އަޅުގަނޑުމެންނާ ވަރުންއަޅައިލެވޭނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. އެކަމަކު މަނިކުފާނަށް ދެވަނަފަހަރަކަށް ތިޔަކަހަލަ ވާހަކަފުޅެއް ދައްކަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެ."

މުލޫކުއްޠަވާއިފުންގެ ދެންތިއްބެވި ބޭފުޅުންވެސް أميـر يـوسف ގެ ހިތްޕުޅު ހަމަޖައްސަވައިދެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. أميـر يـوسف އިރުކޮޅަކު ހިމޭނުން ހުންނެވުމަށްފަހު ވިދާޅުވިއެވެ. "ތިޔަބޭފުޅުން ޢަހުދު އާކުރެއްވުމުގެ ކުރީން ރަނގަޅަށް ވިސްނައިވަޑައިގަންނަވާތި! ތިޔަބޭފުޅުން ތިޔަ ވެވަޑައިގަންނަވާ ވަޢުދު ޢަމަލީ ތަރާދުން ކިރައިލެވޭނެ ދުވަސްއޮތީ މާކަދުރަކު ނޫން. އަޅުގަނޑު ފިނޑީންނަށާއި ހިތްވަރެއް ފަންވަރެއްނެތް އަންހެންދުޅާ މީހުންނަށް މާފުކޮށްފާނަން. އެކަމަކު ޢަހުދާ ޚިލާފުވާ މީހުންނާމެދު އަޅުގަނޑުގެ ހިތުގައި ރަޙުމަކަށް ކުޑަވެސް ޖާގައެއް ނޯންނާނެ. ތިޔަބޭފުޅުން އަވަސްވެވަޑައިނުގަންނަވާ! މާދަމާ އިރުއޮއްސެންދެން އަޅުގަނޑު ތިޔަބޭފުޅުންނަށް މުހުލަތު އަރުވަން. މާދަމާރޭ ޢިޝާނަމާދަށްފަހު އަޅުގަނޑުމެން ހަމަމިތާނގައި ބައްދަލުވާނީ. މާދަންރޭ މި ގޮނޑިތަކުން ދެކެން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންނާއެކު އަލިފާނާ ކުޅުއްވާށާއި ލެއިން ފެންވަރުއްވަން ޢަޒުމު ކަނޑައަޅުއްވައިގެން ތިއްބަވާ ބޭފުޅުން!"

މުލޫކުއްޠަވާއިފުން އެ ބައްދަލުވެވަޑައިގެންނެވުން ނިންމަވައި ލައްވައިފައި ބޭރަށް ނުކުމެވަޑައިގެންނެވުމުން ދޮރުމަތީން އެބޭފުޅުންނަށް ފެނިވަޑައިގެންނެވީ قـاضى أبــو جـعـفـر އާއި قـاضى أبــو الــوليــد އާ ދެބޭކަލުން މުރާކިޝްގެ ފަޤީހަކާ ވާހަކަފުޅު ދައްކަވަން ތިއްބަވަނިކޮށެވެ.

މާލިޤާގެ ރަސްގެފާނު معـتـمـد ގެ ކަންފަތްޕުޅުދޮށުގައި ވިދާޅުވިއެވެ. "މިއަދު މުރާބިޠީންގެ أميـر ގެ ދޫފުޅުން ވާހަކަދެއްކެވީ قـاضى أبـو جـعـفـر ގެ ރޫޙު!"

معـتـمـد ޣަރުނާޠާގެ ރަސްގެފާނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު އަޑުއަހައިފައިވާ ގޮތުގައި މީނާ މިތާނގައި އުޅުއްވާތާ ހަފުތާއެއްހައި ދުވަސްވެއްޖެ. މަނިކުފާނަށް އޭނާއަށް ކޮންމެވެސް ފަރުވާއެއް ކުރެއްވޭނެނަމަ މިއަދު އަޅުގަނޑުމެންނަށް މިނިކަމެތިކަމާ ކުރިމަތިލާކަށެއް ނުޖެހުނީސް—!"

عبد اللّـه ވިދާޅުވިއެވެ. "أبـو جـعـفـر އާ ބެހޭގޮތުން މަނިކުފާނަށް ދެވަނަފަހަރަކު ޝަކުވާ ކުރައްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެ. އަޅުގަނޑު މި އިންތިޒާރު ކުރަނީ އޭނާ ޣަރުނާޠާއަށް ވަޑައިގަންނަވާނެ ދުވަހަކަށް."

މާލިޤާގެ ރަސްގެފާނު ވިދާޅުވިއެވެ. "މަޑުން ވާހަކަފުޅު ދައްކަވާ! مـعــتــصـم ގެ ކަންފަތްޕުޅު ވަރަށް ތޫނުވާނެ."

معـتـمـد އާއި عبد اللّـه އާ ދެބޭފުޅުން ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު مـعــتــصـم، إبـن رشـيــق އާ ވާހަކަދައްކަވާން ހުންނަވަނިކޮށް ފެނިވަޑައިގެންނެވުމުން ވާހަކަފުޅު ހުއްޓައިލައްވައިފައި ހިމޭންވެވަޑައިގެންފިއެވެ.

* * * * * * * * * * *

ޙިސްނުއްލައިޠުގެ ހުޅަނގު އުތުރުން ކޯރުގެ އައްސޭރީގައި ކުޑަކުޑަ ކިއްލާއެއް ހުރެއެވެ. އެއީ އެހިސާބުގަނޑުގެ ޢަސްކަރީ ހަރަކާތްތައް ބެލެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކިއްލާއެކެވެ. سعد بــن عبــدالمنـعـــم ޙިޞްނުއްލައިޠުގެ މައިދާނުން އެކިއްލާ ރައްކާތެރިކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ވަޑައިގެންނެވިފަހުން ތިންމަހެއްހައިދުވަސް ވެއްޖެއެވެ. أميـر يـوسف ވަނީ سعد ގެ ވެރިކަމުގެ ދަށަށް އެއްހާސް އަސްވާރުން ދޫކުރައްވައިފައެވެ. سعد އޭގެތެރެއިން ކިއްލާގައި ބައިތިއްބަވައިފައިވަނީ ދުއިސައްތަ ފަންސާހަކަށް ސިފައިންނެވެ. ދެންތިބި މީހުން ޚާއްޞަ ކުރައްވައިފައިވަނީ ޤަޞްޠިލާއާއި ޠުލައިޠުލާއިން ދުޝްމިނުންނަށް ފޯރުމާލާއި އަފުރާދީ އެހީ ލިބެންހުރި މަގުތައް ބެލެހެއްޓުމަށެވެ. سعد ވަނީ ކޯރުގެ އައްސޭރި އޮތްގޮތަށް އެތައްހިސާބެއްގެ ދުރަށް ކުދިކުދި ޗެކްޕޯސްޓުތަކެއް ހައްދަވައިފައެވެ. ޙިސްނުއްލައިޠުގެ މައިދާނުން އެކިއްލާއަށް ބަދަލުވެވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި سعد ވަނީ ميـمــونـة އޭނާގެ އަރިހަށް ގެންނަވައިފައެވެ. އެއީ ميـمــونـة ގެ ޙަޔާތްޕުޅުގެ އެންމެބޮޑު އެދިވަޑައިގެންނެވުމެވެ. ވަށައިގެންއޮތް މަސްރަޙު އިންތިހާޔަށް ނާމާންކަމުގައި ވުމާއެކުވެސް ميـمــونـة ހުންނެވީ سعد ގެ އަރިހުގައި އިންނެވޭތީ އިންތިހާދަރަޖަޔަށް ހިތްޕުޅު ހަމަޖެހިވަޑައިގެންފައެވެ. ނުހަނު އުފާފުޅުންނެވެ. އެކިއްލާގެ އެއްފަރާތެއްގައިހުރި ކުޑަކުޑަ ގެއަކީ އޭނާގެ އަރިހުގައި ސުވަރުގޭގެ ނަމޫނާއެއްފަދަ އުފާފާގަތި ތަނެކެވެ. ޣަރުނާޠާއިން ميـمــونـة އާއި އޭނާގެ ޚާދިމާއާ ގޮވައިގެން އައީ المـــاس އެވެ. އޭނާ ހުންނަނީ އެގޭގެ ތިރީބައިގެ ކޮޓަރިޔެއްގައެވެ.

އެއްރެޔަކު ميـمــونـة އިންނެވީ އޭނާގެ ކޮޓަރީގައެވެ. ފިރިކަލުންގެ އިންތިޒާރުގައެވެ. سعد ބޭރަށް ވަޑައިގެންނެވީ އެދުވަހުގެ މެންދުރުފަހުންނެވެ. އެކިއްލާއާ ފަނަރަވަރަކަށް ކޯހުގެ ދުރުން ކޯރުގެ ކައިރިން ދުޝްމިނުންގެ ގެމަތަކެއް ފެނިފައިވާ ޚަބަރު ލިބިވަޑައިގެންނެވުމާ ވިދިގެންނެވެ. سعد ވަޑައިގެންނެވީ ސަތޭކަ އަސްވާރުން ގޮވައިގެންނެވެ. ރޭދެބައިވާން ކައިރިވެފައި ހުއްޓައި ميـمــونـة އަށް އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. ميـمــونـة ގެ ހިތްޕުޅު ތެޅޭންފަށައިފިއެވެ. ميـمــونـة ދެލޯފުޅު މަރުއްވައިލެއްވުމަށްފަހު އޭނާގެ ހިތްޕުޅުން ވިދާޅުވާން ފައްޓަވައިފިއެވެ. "މިހާރު އޭނާ ކިއްލާއަށް ވެދެވަޑައިގެންފާނެ. މިހާރު އޭނާ އަސްމަތީން ފައިބައިވަޑައިގެންފާނެ. މިހާރު އޭނާ ސިޑިއާ ދިމާޔަށް ވަޑައިގަންނަވާނެ. މިހާރު އޭނާ ސިޑީން އަރައިވަޑައިގަންނަވާނެ." އެކެއް، ދޭއް، ތިނެއް، ހަތަރެއް، މީހަކު ސިޑީން އަރާއަޑު އިވިވަޑައިގެންނެވުމުން ميـمــونـة ގެންދެވީ އެމީހެއްގެ ފިޔަވަޅުތައް ގުނުއްވަމުންނެވެ. ބާވީހާ ހަމަޔަށް ގުނުއްވޭއިރަށް ފިޔަވަޅުގެ އަޑު ހުއްޓިއްޖެއެވެ. މިހާރު އެމީހަކު ހިނގާ އަޑު އިވެނީ ފެންޑާމަތީންނެވެ.

"ميـمــونـة! ميـمــونـة!" އެއީ سعد ގެ އަޑުފުޅެވެ. ميـمــونـة ލޯފުޅު މަރުއްވައިލައްވައިގެން ހުންނަވައި ކޮޅަށްތެދުވެވަޑައިގެންފިއެވެ. އޭނާ ދެއަތްޕުޅު ފަތުރައިލެއްވިއެވެ. سعد ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. "ميـمــونـة! އަޅުގަނޑު އަތުވެއްޖައިން. ދެން ލޯހުޅުވައިލައްވާ—!" ميـمــونـة ހިނިފުޅުވަޑުވަމުން ކުރިޔަށް ވަޑައިގެން އޭނާގެ ފިރިކަލުންނާ އޮޅުލައިވަޑައިގެންފިއެވެ.

سعد އޭނާގެ ރީތި އިސްތަށިފުޅުގައި އަތްޕުޅު ފިރުންމަވައިލައްވަމުން ވިދާޅުވިއެވެ. "ކަލާ މިހާގިނައިރު އަޅުގަނޑަށް އިންތިޒާރު ނުކުރައްވާ! މިދުވަސްވަރު އަޅުގަނޑަށް ވަރަށް ގިނަވަގުތު އުޅޭންޖެހޭނީ ކިއްލާއިން ބޭރުގައި. މިދުވަސްކޮޅު މިހިސާބުގަނޑުގެ މަސްރަޙު އޮތީ ހިތްހަމަޖެހޭކަހަލަ ގޮތަކަށެއް ނޫން. ބައެއްފަހަރުފަހަރު އަޅުގަނޑުގެ ހިތަށްއަރާ ކަލާ ގެޔަށް ފޮނުވައިލާންވީއޭ!"

ميـمــونـة ވިދާޅުވިއެވެ. "މުސްތަޤުބަލާމެދު އަޅުގަނޑު ފިކުރުބޮޑު ނުކުރައްވާ! އަޅުގަނޑު އަޑުއަހަން ބޭނުންވަނީ މިއަދުގެ ޚަބަރުތައް!"

"އަޅުގަނޑަށް ލިބުނު މަޢުލޫމާތަކީ ރަނގަޅު މަޢުލޫމާތެއް. ދުޝްމިނުން އައީ ބަޣަލްތަކަކަށް ފޯރުމާލު އަރުވައިގެން. އިރުއޮއްސުމުން އަޅުގަނޑުމެން އެބައިމީހުންނަށް ހިތްހަމަޖެހިލައިގެންތިބެ ކޯރު ހުރަސްކުރުމުގެ ފުރުސަތު ދީފީމު. އެއަށްފަހު ކުއްލިޔަކަށް ފަރުބަދައެއްގެ ބިއްދޮށުން ނުކުމެ އެބައިމީހުން ވަށައިލައިފީމު. ދުޝްމިނުންގެ ތެރެއިން ފަންސާސް މީހުން ޤަތުލުވި. މީހުންކޮޅެއް ފިލައިގެންވެސް ދިޔަ. ފޯރުމާލު އަރުވައި ބަރުކޮށްފައިވާ ދުއިސައްތަ ބަޣަލު އަޅުގަނޑުމެންނަށް އަތުލައިގަނެވުނު."

ميـمــونـة ވިދާޅުވިއެވެ. "އަޅުގަނޑު ފަރީއްކޮޅު ގެންނާނަން."

سعد އެހެން ކޮޓަރިޔަކަށް ވަޑައިގެން އަތްޕުޅާއި މޫނުފުޅު ދޮންނަވައިގެން ވަޑައިގެން ގޮނޑިޔެއްގައި އިށީނދެވަޑައިގެންފިއެވެ. ميـمــونـة ފަރީއްކޮޅު ގެންނަވައި سعد ގެ ކުރިފުޅުމަތީގައި ބަހައްޓަވައިފައި ވިދާޅުވިއެވެ. "ކަލާ ދަހަނާކޮޅު ނުބާލުއްވާނުތޯ؟"

"އާދެ! އަޅުގަނޑު ހަމަ މިހާރު ބޭރަށް ގޮސްލާން ބޭނުން."

ميـمــونـة އިތުރު އެހެން ސުވާލެއް ނުކުރައްވައެވެ. އޭނާގެ ފިރިކަލުންގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެންފިއެވެ. سعد ވަރަށް އަވަސްއަވަހަށް ފަރީއްކުޅުއްވައި ނިންމަވައިލެއްވުމަށްފަހު ތެދުވެވަޑައިގެންފިއެވެ. "ميـمــونـة! އިރާދަކުރެއްވިއްޔާ އަޅުގަނޑު މާދަންނޫން އަނެއްދުވަހު އެނބުރި އަންނާނަން."

"ކަލާ ތިޔަވަޑައިގަންނަވަނީ ވަރަށް ދުރަށްތޯ؟" ميـمــونـة ކަންބޮޑުވެވަޑައިގެން ސުވާލު ކުރެއްވިއެވެ.

"އަޅުގަނޑު މިދަނީ أميــر يـوسف ގެ އަރިހަށް. އަޅުގަނޑު އަމިއްލަޔަށް އޭނާގެ އަރިހަށް ދާންޖެހޭ ބައެއް ސަބަބުތައް އެބަހުރި."

ميـمــونـة ވިދާޅުވިއެވެ. "ކަލާ ވަޑައިގެންނެވުމުގެ ކުރީން ވަޢުދުވެވަޑައިގަންނަވާ! އަޅުގަނޑު ގެޔަށް ފޮނުއްވުމާ ބެހޭގޮތުން ބައްޕާފުޅާ މަޝްވަރާ ނުކުރައްވާނެކަމަށް!"

"އަޅުގަނޑު ވަޢުދުވަން. އިންތިހާދަރަޖައިގެ ނުސިޔާނު ޙާލަތެއްގައި މެނުވީ އަޅުގަނޑު ކަލާ ގެޔަކަށް ނުފޮނުވާނަން." سعد އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ.

* * * * * * * * * * *

سعد بــن عبــدالمنـعـــم ހުންނެވީ أميــر يـوسف بــن تـاشـفـيـن ގެ ކުރިފުޅުމަތީގައެވެ. سيـر بــن أبى بـكـر އާއި ބަރުބަރީ އެހެން ޖަނަރަލަކާ ދެބޭފުޅުންވެސް أميـر يـوسف ގެ އަރިހުގައި ތިއްބެވިއެވެ. أميـر يـوسف އާއި سعد އާ ދެބޭފުޅުންގެ ދެމެދުގައި ވަރަށްބޮޑު މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ޗާޓެއް ފަތުރާލައިފައި އޮތެވެ. سعد ޗާޓުގެ ނުކުތާއެއްގައި އިނގިލިފުޅު ޖައްސައިލައްވައިފައި ވިދާޅުވިއެވެ. "މިއީ ކިއްލާގެ ހުޅަނގުން އަޅުގަނޑުމެންގެ އެންމެފަހުގެ ޗެކްޕޯސްޓު. އެހިސާބުން ފެށިގެން ޤުރުޠުބާގެ ސަރަޙައްދާ ހަމަޔަށް ބާކީއޮތް ސަރަޙައްދު ބެލެހެއްޓުމާ ހަވާލުވެފައިވަނީ އިޝްބީލިއްޔާގެ ސިފައިންނާ. އެކަމަކު އަޅުގަނޑު ވަނީ ރައްކާތެރިވުމުގެ ގޮތުން އެހިސާބުގަނޑަށް ޖާސޫސުންގެ ބަޔަކު ފޮނުވައިފައި. އިޝްބީލިއްޔާގެ ސިފައިންގެ ފަރުވާކުޑަކަމުން އެހިސާބުގަނޑުން ބަޔަކު ސަރަޙައްދު ހުރަސްކުރި ކަމުގައިވިޔަސް ވީހައި އަވަހަކަށް އަޅުގަނޑަށް މަޢުލޫމާތު ދިނުމަށްޓަކައި. ވަގުތު އޮއްވައި މިކޮޅަށްވެސް މަޢުލޫމާތު ފޮނުވުމުގެ ބޭނުމުގައި. މީގެ ފަސްދުވަސް ކުރީން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި ދުޝްމިނުންގެ ތިންސަތޭކަ ސަވާރުން ސަރަޙައްދު ހުރަސްކުރި. އޭގެކުރީދުވަހުވެސް އިރުމަތީފަރާތުން އަޅުގަނޑުމެންގެ އެންމެފަހު ޗެކްޕޯސްޓާ ދިހަމޭލު ދުރުން ދުޝްމިނުންގެ ގެމަތަކެއް ސަރަޙައްދު ހުރަސްކުރިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބުނު. އެ ސަރަޙައްދު ބަލަހައްޓަނީ މުރުސިއްޔާއާއި އަލްމަރިއްޔާގެ ސިފައިން. އަޅުގަނޑު ކަންބޮޑުވަނީ ދެފަރާތުންވެސް ފަސޭހަކަމާއެކު ބަޔެއްގެ ހުރަސްއެޅުމަކާ ކުރިމަތިނުލައި ދުޝްމިނުން ސަރަޙައްދު ހުރަސްކުރާތީ. އޭގެ އެއްސަބަބަކަށްވާނީ އެ ސަރަޙައްދުތަކުގެ ޗެކްޕޯސްޓުތަކުގެ ސިފައިންގެ ފަރުވާކުޑަކަން. އެމީހުންގެ ޣާފިލުކަމުގެ ފައިދާ ހޯދައިގެން ރޭގަނޑު ބަޔަކު ސަރަޙައްދު ހުރަސްކުރާކަން އެމީހުންނަށް ނޭނގުން. އަނެއް ސަބަބަކީ ދުޝްމިނުންގެ ސިފައިން ފެނުމުންވެސް އެމީހުން އަޅައިނުލުން. ހަނގުރާމަ ނުކުރުން. އެހެންވާންޖެހޭނީ އެބައިމީހުން ސިއްރުން ދުޝްމިނުންނާ ކޮންމެވެސް ގުޅުމެއް ބާއްވަމުން ގެންދާތީ!"

سيـر بــن أبى بـكـر ވިދާޅުވިއެވެ. "ދުޝްމިނުންގެ ގެމަތަކެއް ކޯރު ހުރަސްކުރިކަމުގައިވާނަމަ އެމީހުންގެ މަންޒިލަކަށްވާނީ ޙިޞްނުއްލައިޠު ފިޔަވައި އެހެން ތަނެއްކަމަކަށެއް ނުވާނެ! ކަލާ އެޚަބަރު ފޮނުއްވުމާއެކު އަޅުގަނޑުމެންވަނީ މުލޫކުއްޠަވާއިފުންގެ ލަޝްކަރުގެ ސަމާލުކަމަށް އެކަން ގެންގޮސްފައި. ހުޅަނގުފަރާތުން ކިއްލާއާ ހަމަޔަށް އާދެވޭ ހުރިހައި މަގުތަކެއް ބަންދުކުރާން އަޅުގަނޑު އެންގިން. އެކަމަކު އިތުރު ބަޔަކު ކިއްލާއަށް އައި ޚަބަރެއް އަދިއެއް ނުލިބޭ."

سعد ވިދާޅުވިއެވެ. "ކޮންމެވެސް އެހެން މަގަކުން ލައިފައި ބަޔަކު ކިއްލާއަށް ވަންކަމުގައިވެފައި ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިނުގެން އޮވެއްޖެނަމަ އޭގެ މާނަޔަކީ މުލޫކުއްޠަވާއިފުންކުރެ ކޮންމެވެސް ބޭފުޅެއްގެ ލަޝްކަރުން ގަސްދުގައި ދުޝްމިނުން ފޮނުވައިދިނީ. އެމީހުން އަދި ކިއްލާޔަށް ނާންނަކަމުގައިވާނަމަ ފަރުބަދަތެރޭގެ ކޮންމެވެސް ތަނެއްގައި ފިލައިތިބޭނެ. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުގެ ޖާސޫސުންގެ މަޢުލޫމާތު ދޮގެއްނުވާނެ. ދުޝްމިނުންވަނީ ފާރަވެރީންގެ ފަރުވާކުޑަކަމުގެ ފައިދާ ހޯދައިގެން ކޯރު ހުރަސްކޮށްފައި!"

أميـر يـوسف ވިދާޅުވިއެވެ. "ކަލާގެ ވާހަކަފުޅު ނިމިވަޑައިގެންފިތޯ؟ ނުވަތަ އިތުރު ވާހަކަފުޅެއް އެބައޮތްތޯ؟"

سعد ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ވާހަކަ ނިމުނީ."

"އެހެންވީއިރު ކަލާ އަވަހަށް އެނބުރި ކިއްލާއަށް ވަޑައިގަންނަވާ! އަޅުގަނޑު އިތުރު ފަސްސަތޭކަ ސިފައިން ކަލާގެ އަރިހަށް ފޮނުވާނަން. އެބައިމީހުން މުރުސިއްޔާއާއި އަލްމަރިއްޔާއާއި އިޝްބީލިއްޔާގެ ސިފައިންނާ ގުޅިގެން ތަންކޮޅެއް ދުރުގައިހުރި ޗެކްޕޯސްޓުތައް ބަލަހައްޓާގޮތަށް ހަމަޖައްސަވާ! ވަށަވަށައިގެން މިހިރަ ފަރުބަދަތަކުގެތެރެ ބަލަހައްޓަންވެސް އަޅުގަނޑު ގެމަތަކެއް ފޮނުވާނަން. އަޅުގަނޑަށް އެނގޭ މުހާސިރާ ދިގުވުމުގެ ސަބަބުން މުލޫކުއްޠަވާއިފުންގެ ލަޝްކަރުތައްވަނީ ހިތްވަރު އެލިފައި. އެކަމަކު އެއިން އެއްވެސް ބޭފުޅަކު ދުޝްމިނުން ބައިވެރިވެވަޑައިގެން ނުބައި ރޭއްވެވުންތަކެއް ރާއްވަވާ ކަމަކަށް އަދިއެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ. سعد! ކަލާގެ މަރުކަޒުގައި ފިސާރި ހޭފުޅުލައްވައި ހުންނަވާތި! އަޅުގަނޑު ވަރަށް އަވަހަށް ކިއްލާއަށް އެންމެފަހުގެ ޙަމަލަ ދޭނަން. ދެދުވަސް ކުރީން ކަލާއަށް ޚަބަރު ފޮނުވާނަން. ޙަމަލަދޭ ދުވަހު ހުރިހާ ޗެކްޕޯސްޓުތަކެއްގައި ތިބި ސިފައިންވެސް އަނބުރައި ގެންނަން އަޅުގަނޑު ބޭނުންވާނެ. ކަލާވެސް ކަލާގެ ސިފައިންކުރެ ގިނަމީހުން މިކޮޅަށް ފޮނުއްވަންވާނެ. އެކަމަކު ކަލާ ކިއްލާގައި މަޑުކުރައްވާތި. އެއީ ވަރަށް މުހިންމު ކިއްލާއެއް. އެކިއްލާ ބަލަހައްޓަން ކަލާއަށްވުރެ އެކަށީގެންވާ މީހަކު އަޅުގަނޑުގެ ވިސްނުމަކަށް ނުގެނެވޭ! ކަލާ ދެން ވަޑައިގެންނެވިޔަސް އެންމެ ރަނގަޅު!"

(ނުނިމޭ)