ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރަންޖެހޭނީ ސިޓީ ކައުންސިލްގެ މެމްބަރަކާއި އަތޮޅު ކައުންސިލްގެ ރައީސަކާއި ރަށު ކައުންސިލްގެ މެމްބަރެކެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ އިންތިހާބު އޮންނާނީ ޖޫން މަހުގެ 12 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 14:00 އަށް ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ، ހުވާކޮށްފައިވާ ސިޓީ ކައުންސިލްގެ މެންބަރުން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ، ހުވާކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގައި އިންތިހާބުވެ، ހުވާކޮށްފައިވާ ރަށު ކައުންސިލްގެ މެންބަރުން
އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ އަދި ޕާސްޕޯޓު ސައިޒުގެ ފޮޓޯ ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ.
އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށެވެ. ފޯމު މެއިލް ކުރާނީ [email protected] މެއިލަށް ކަމަށްވެސް އީސީން ބުންޏެވެ.
ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލަރުން ހުވާ ކުރާތާ 30 ދުވަހުގެ ތެރޭގައި އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން ހޮވުމުގެ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރާ ތާރީހު އިއުލާންކޮށްފައިވާ އިރު، އާ ކައުންސިލަރުން ހުވާކުރެއްވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވައިފައެވެ.
މިގޮތުން އެލްޖީއޭގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ފާތުމަތު އަފްޝަން ލަތީފެވެ. މާލީ ކަންކަމާ ގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފެވެ.
އޭގެ އިތުރުން އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ، އެލްޖީއޭގެ ނައިބު ރައީސް މުހައްމަދު މާހިރު އީސަ އާއި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު