ގުޅިފަޅުގައި ޕޯޓް އެޅުން ހުއްޓުވައި، ގެދޮރުވެރިކަމުގެ ހާއްސަ މަންޒިލަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގެދޮރުގެ މައްސަލަ ހައްލުކުރުމުގައި މާލޭގެ ރައްޔިތުން އެންމެ ބޭނުންވަނީ ގުޅިފަޅުގައި ޕޯޓެއް އެޅުމުގެ ބަދަލުގައި ގެދޮރުވެރިކަމުގެ ހާއްސަ މަންޒިލަކަށް ހެދުން ކަމަށެވެ. އެއީ ކައުންސިލް އިންތިހާބުގައި ރައްޔިތުން ދިން މެސެޖު ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގައުމީ ތަރައްގީގެ ޕްލޭން އޮންނަން ވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި ތަރައްގީގެ ޕްލޭނަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ އެއްޗެއް ކަމަށެވެ. ރައްޔިތުން އެދެނީ ގުޅިފަޅަކީ ގެދޮރުގެ މައްޒިލަކަށްވުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"މިއަދުގެ ކައުންސިލްގެ އިއްތިފާގުން މި ނިންމީ މިކަމާ ގުޅޭ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދަން. މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދަން. އެންމެ ފުރަތަމަ ރައީސް ސޯލިހުގެ އެޕޮއިންޓްމެންޓެއް ލިބުނުހާ އަވަހަކަށް ބައްދަލުކޮށް ހުށަހަޅާނަން ރައްޔިތުންގެ މި އެދުން. ރައީސްގެ ޕްލޭން ހިއްސާ ކުރައްވާނެކަން ޔަގީން،" މުއިއްޒު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ވެސް މިކަމާ ގުޅިގެން މަޝްވަރާކޮށް، އެ މިނިސްޓްރީގެ ޕްލޭންވެސް އަޑުއަހާނެ ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ގުޅިފަޅަކީ ގެދޮރުވެރި މަންޒިލަކަށް ހެދުމަށް ފަންނީ ބޭފުޅުންގެ ލަފަޔާއެކު، ރައްޔިތުން އެދޭ ގޮތަށް ޕްލޭނެއް ހަދާނެ ކަމަށެވެ. އަދި ސަރުކާރަށް އެ ޕްލޭން ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް މުއިއްޒު ކެމްޕެއިން ކުރެއްވި ދުވަސްވަރު އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ގުޅިފަޅުގައި އަޅާ ޕޯޓް، ތިލަފުއްޓަށް ބަދަލުކޮށް، ގުޅިފަޅަކީ ގެދޮރުވެރި މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލުން މިގޮތަށް ނިންމާފައިވާ އިރު، މިނިސްޓަރު އަސްލަމް ވަނީ ގުޅިފަޅުން ގޯތި ދޫކުރާނީ މާލޭގެ ރަށްވެހިންނަށް އެކަނި ކަމަށާއި އެގޮތުން މާލޭގެ ރަށްވެހީންގެ ތެރެއިން ކުދި ބިންތައް އޮތް މީހުންނަށް އެ ބިންތައް ދޫކޮށްލުމަށްފަހު ގުޅިފަޅުން ބިން ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ގުޅިފަޅުން ދޫކުރަނީ 700 އަކަފޫޓުގެ 1،200 ގޯތި ކަމަށް ވިދާޅުވެފައެވެ.