ދިވެހިންނަކީ އަބަދުވެސް ފަލަސްތީނާއެކު ތިބޭ ބައެކެވެ. ހާއްސަގޮތެއްގައި މިއަދު ފެނިގެން ދިޔައީ ދިވެހި ކުޑަކުދިންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބެވެ. އެކުދިންގެ ފެންވަރުގައި ދިވެހި ކުޑަކުދިން މިއަދު ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ހިތާއި ދުލުން އަދި އަމަލުން ވެސް ކުށްވެރިކޮށް އެކުދިންގެ ޝުއޫރުތައް ދައްކާލައިފައެވެ.
ކޮވިޑާ ގުޅިގެން ބޭރަށް ނިކުތުން މަނާ ގަޑިއާ ދިމާކޮށް މިއަދު މާލޭގައާއި މުޅި ރާއްޖޭގައި ވަނީ ދިވެހިން އެމީހުންގެ ޝުއޫރުތައް ގެތަކުގެ ބެލްކަނިންނާއި ކުޑަދޮރުތަކުންނާއި ގެތަކުގެ ކުރިމަތިން ފާޅުކޮށްފައެވެ.
ފަލަސްތީނުގެ ދިދައާއެކު ގޭ ހަތަރު ފާރުގެ އެތެރެއިން ޝުއޫރު ފާޅުކުރުމަށް ޒުވާނުންތަކެއް އިސްނަގައިގެން އިއުލާނު ކުރި ހަރަކާތުގެ ލީޑު ނެގި ތަން މި ފެނުނީ މައުސޫމް ކުޑަކުދިންނެވެ. އެކުދިންގެ އަމިއްލަ އަތުން ކުލަ ޖައްސައިގެން، ފަލަސްތީނުގެ ދިދަ ހިފައިގެން ތިބި ކުޑަކުދިންތައް މާލެ އާއި ހުޅުމާލެ އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނުނެވެ.
ރަތް ހިތަކާއެކު އަހަރެމެން ވެސް މިތިބީ ފަލަސްތީނާ އެކުގައި ކަމަށް ގަނޑުތަކުގައި ލިޔެގެން ތިބި ކުދިން ވެސް މަދެއް ނޫނެވެ.
"އެއީ ހަމަނުޖެހުމެއް ނޫން، ކުރަމުން ދަނީ ހަނގުރާމައިގެ ކުށްތަކެއް،" އެއް އަތުން ފަލަސްތީނުގެ ދިދައެއް ހިފައިގެން، އަނެއް އަތުން އޭނާގެ ޝުއޫރު އަމިއްލަ އަތުން ގަނޑެއްގައި ލިޔެގެން ހުރި ކުޑަކުއްޖަކު އޭނާގެ ޝުއޫރުތައް ދައްކައިލިއެވެ.
ފަލަސްތީނަށް މިނިވަންކަމާއި އިންސާފު ލިބެން ޖެހޭކަމަށް ގަބޫލުކުރާ ކުޑަކުއްޖަކު ބެލްކަނިން ދައްކާލީ އެގައުމުގެ ދިދައިގައި ރަމްޒުކޮށްދޭ ހުދާއި ކަޅާއި ރަތް ކުލައިން އޭނާ ލިޔެފައިވާ ލިޔުންކޮޅެވެ. ކައިރީގައި އަމިއްލަ އަތުން ކުލަ ޖައްސައިގެން ހެދި ފަލަސްތީނުގެ ދިދަ ހިފައިގެން ހުރީ ކުޑަ އަންހެން ކޮއްކޮއެވެ.
މަގުމަތިން ދަމުން ކެމެރާ ދިއްކޮލުމުން މައުސޫމު ހިނިތުންވުމަކާއެކު ފެނުނު ދެ ކުދިން ވެސް އަމިއްލަ އަތުން ކުލަ ޖައްސާލައިގެން ހުރި ފަލަސްތީނު ދިދައިގެ މަތީގައި ލިޔެލާފައިވަނީ އެކުދިން ވެސް ތިބީ ފަލަސްތީނާ އެކުގައި ކަމެވެ.
މިނިވަން ފަލަސްތީނެއް ފެންނާނެ ދުވަހެއް ދެކެން ބޭނުން ކަމަށް ބުނެ ކޮލާޖަކުން އެގައުމުގެ ދިދަ ހަދައި ބެލްކަނިން ފެންނާނެހެން ބަހައްޓާފައި ހުއްޓެވެ.
ކުށެއް ނެތް މައުސޫމު މީހުން މެރުން ހުއްޓާލަން ގޮވާލައި، ކަރުދާސް ފޮށިން ދެ ރޮކެޓް ހަދައި، ހުދު ކުލައިގެ ފޮތިގަނޑެއްގައި ރަތް އަތް ތިލަތަކެއް ޖަހައި އެކުދިން މުޅި ދުނިޔެއަށް އެ ދޫކޮށްލަނީ ވަރުގަދަ މެސެޖެކެވެ.
ފަލަސްތީނާއެކު ތިބިކަން ދިވެހި ކުޑަކުދިން މިއަދު ދައްކާލި އިރު، އިސްރާއީލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރި ނުކުރާ ދިވެއްސަކު ނެތެވެ. ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ފަލަސްތީނާއެކު ހުންނެވިކަން ހާމަކުރައްވައި ޓުވީޓެއް ކުރައްވައިފައެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ މެސެޖުން ދިވެހިންނަށް ލިބުނީ އިތުރު ހިތްވަރެކެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިއަދުގެ ހަރަކާތް އިންތިޒާމުކުރި ޒުވާނުން ވަނީ ބުނެފައެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް