ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެއް ހަފުތާގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މާދަމާ އިން ފެށިގެން އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމި އެ ފިޔަވަޅުތައް ދެން ނިމުމަކަށް އަންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގުން ހިމެނެއެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލައި، ކޮވިޑް ގައިޑްލައިނާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރުމަށް ވެސް ނިންމާފައިވެއެވެ.