ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވެ ދުއްވައިގަތުމަށް ވިދާޅުވެ، ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯސަލް މީޑިއާއަށް މެސެޖެއް ދޫކޮށްލައްވައިފިއެވެ.
ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ޖަރުމަނުގެ ވެރިރަށް ބާލިންގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދުގެ އެ މެސެޖު ސޯޝަލް މީޑިއާއަށް ދޫކޮށްލާފައިވަނީ އެމަނިކުފާނާ އާއިލީ ގޮތުން ގާތް އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
ރައީސް ނަޝީދުގެ 54 ވަނަ އަހަރުގެ އުފަންދުވަހުގެ ތަހުނިޔާ ދަންނަވައި ސޯޝަލް މީޑިއާއަށް އެ މެސެޖު ދޫކޮށްލައްވަމުން އީވާ ވިދާޅުވެފައިވަނީ "އާ ދުވަސްތަކަކަށް އާ ފެށުންތަކަކަށް" ކަމަށެވެ.
މިއަދުގެ ތާރީހު ޖެއްސެވުމަށް ފަހު، ނޯޓު ފޮތެއްގައި ކަޅު ކުލައިގެ ގަލަމަކުން ރައީސް ނަޝީދު ލިޔުއްވީ، "ވެއްޓޭ ވަރަށް ވުރެ ބާރަށް ތެދުވާށެވެ. ތެދުވެ ދުއްވައި ގަންނާށެވެ،" އެހެންނެވެ.
އެ ބަސްކޮޅަކީ މީގެ ކުރިން އެތައް ފަހަރަކު ރައީސް ނަޝީދު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
އިތުރު ފަރުވާ ދިނުމަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11:00ގައެވެ. އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ އެމަނިކުފާނު ގެންދިއުމަށް ހާއްސަކޮށްފައި އޮތް ޕްރައިވެޓް ޖެޓެއްގައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެރެނީގެއިން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައިވަނީ ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ވަރުގަދަ ބޮމުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަނިގޮތަކަށެވެ. މި ހާދިސާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަދެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނުގެ އޮޕަރޭޝަންތައް ކުރުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު