ޚަބަރު

އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުން އަދި ކައުންސިލަރުން ހުވާކޮށްފި

މުއާވިޔަތު އަންވަރު

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް އަލަށް އިންތިހާބުވި މޭޔަރުންނާއި ކައުންސިލަރުން ހުވާކޮށްފިއެވެ.

އެ ތިން ސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުތަކެއްގައި ތިން މޭޔަރުންނާއި ކައުންސިލަރުން ވެސް ހުވާކޮށްފައިވަނީ، ކޮވިޑް-19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

އެގޮތުން އައްޑޫ ސިޓީގެ މޭޔަރުގެ ހުވާކޮށްފައިވަނީ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޒާރެވެ. ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ހުވާ ކޮށްފައިވަނީ، އިސްމާއިލް ރަފީގެވެ. އަދި އަލަށް އުފެއްދި ކުޅުދުއްފުށީ ސިޓީގެ މޭޔަރުގެ ހުވާ ކޮށްފައިވަނީ މުހައްމަދު އާތިފެވެ. ތިން މޭޔަރުންވެސް އެ މަގާމު އަދާކުރާ މިއީ ފުރަތަމަ ފަހަރެވެ.

އެ ތިން ސިޓީގެ މޭޔަރުން ވެސް ނިސަބަތް ވަނީ، ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށެވެ. އަދި އެ ބޭފުޅުން ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނާ ވާދަކޮށެވެ.

އެގޮތުން އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް އަލީ ނިޒާރު އިންތިހާބުވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓާ ވާދަކޮށް 3211 ވޯޓުގެ ތަފާތުންނެވެ. ފުވައްމުލަކު ސިޓީގެ މޭޔަރުގެ މަގާމަށް އިސްމާއިލް ރަފީގް އިންތިހާބުވީ 577 ވޯޓުގެ ތަފާތުންނެވެ. އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް މުހައްމަދު އާތިފް އިންތިހާބުވީ 740 ވޯޓުގެ ތަފާތުންނެވެ.

އެ ތިން ސިޓީއާ ހިލާފަށް ވެރިކަން ކުރާ މާލެ ސީޓީގެ އިންތިހާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮންލައިންކޮށެވެ. އެއީ މާލޭގެ ކޮވިޑުގެ ހާލަތު ގޯސްވެފައި ބައެއް ކައުންސިލަރުން ކަރަންޓީނުގައި ތިބުމުންނެވެ.