ޚަބަރު

ކުޑަފަރީގެ ފެނާއި ނަރުދަމާ ގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ރިފާ ހަލީލު

ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

ކުޑަފަރީ ފެނާއި ނަރުދަމާގެ މަސައްްކަތް ކުރިއަށް ދާ ގޮތް ހިއްސާ ކުރަމުން ފެން ކުންފުނިން ބުނީ މުޅި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 31 ޕަސެންޓް މިހާރު ނިމިފައިވާ ކަމަަށެވެ.

އެގޮތުން، މި މަޝްރޫއުގެ ދަށުން، ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 58 ޕަސެންޓު އަދި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅިގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ 93 ޕަސެންޓް މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، ކުޑަފަރީގައި ފެން އުފެއްދުމަށްޓަކައި ދއ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުން ހިމެނޭ ކަމަށާއި އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.

ނަރުދަމާ ނިޒާމުގައި ހިމެނޭ 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކުގެ ހޮޅިވަޅުލުމުގެ 50 ޕަސެންޓް އަދި ޕަންޕިން ސްޓޭޝަންތަކުގެ 44 ޕަސެންޓުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެއިތުރުން، ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ގާއިމުކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް މި މަޝްރޫއުގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށްވެސް ފެން ކުންފުނިން ވަނީ ބުނެފަ އެވެ. މިއާއެކު، މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ފެން ކުންފުންޏާ ހަވާލު ކޮށްފައިވަނީ ޖުމުލަ 38.2 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.