ޚަބަރު

ރޯ މަސް ލިބުން ދަތިވެ މަހުގެ އަގުތައް އުފުލިއްޖެ

މުއާވިޔަތު އަންވަރު

މޫސުން ގޯސްވެ ރޯ މަސް ލިބުން ދަތިވުމާ އެކު މާލޭ މަސް މާރުކޭޓުގައި މަހުގެ އަގުތައް އުފުލިއްޖެ އެވެ.

މާލޭ މަސް މާރުކޭޓުގައި އިއްޔެ މަސް ހުރީ ވަރަށް މަދުންނެވެ. އެއާ އެކު މަހުގެ އަގުތައް ވެސް މި ފަހުން ނުއުފުލޭ ވަރަށް މަތިވެފެ އެވެ. އެންމެ ބޮޑަށް އުފުލިފައިވަނީ ކަޅުބިލަމަހާއި ކަންނެލީގެ އަގެވެ. އެގޮތުން ކިލޯއެއް ހުރީ 75 އާއި 95 ދެމެދު އެވެ.

ކަނޑުމަހުގެ އިތުރުން ފަރު މަހުގެ އަގުވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެގޮތުން ރަތް މަސް ހުރީ 300 އާއި 500 އާ ދެމެދު އެވެ. ގިއުޅުގެ އަގު ހުރީ 160ގަ އެވެ. ގިނި މަހެއްގެ އަގު ވަނީ 50 އާއި 70 އަށް އުފުލިފަ އެވެ. ކުދި މުށިމަސް ވެސް މިއަދު ހުރީ 20 ރުފިޔާއަށް ތިން މަހެވެ. ހަނދި ހުރީ ކިލޯއެއް 50 އާއި 60 ދޭތެރޭގަ އެވެ.

މާރުކޭޓުގައި މަސް ވިއްކާ ބައެއް ފަރާތްތަކުން ބުނީ މަހުގެ އަގު އުފުލިފައި މި ވަނީ، ހަ ރޯދަ އާއި އެކު ވިއްސާރަ ވުމުގެ ސަބަބުން ގިނަ މަސް ދޯނިތަކަށް މަހަށް ނުނިކުމުވޭތީ ކަަމަށެވެ. ނަމަވެސް މިހާރު މޫސުން ރަނގަޅުވަމުން އަންނައިރު މަހުގެ އަގުތައް ދަށަށް ދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ރޯ މަހުގެ އަގުތައް މަތިވެފައިވާއިރު، މިހާރު މި ވަނީ ރޯދަ މަސް ފެށުނު އިރު މަހުގެ އަގުތައް ހުރި ވަރަށްވުރެ ވެސް މަތިވެފަ އެވެ. ރޯދަ މަސް ފެށުނުއިރު ކަނޑުމަސް ކިލޯގެ އަގު ހުރީ 65ރ. އަށެވެ. އަދި ކަންނެލީގެ އަގު ހުރީ ކިލޯއެއް 50ރ. އަށެވެ. ނަމަވެސް ފަހުން ވަނީ މަހުގެ އަގު ވަރަށް ބޮޑަށް ތިރިވެފަ އެވެ. އެގޮތުން، މަހުގެ އަގު މައްޗަށް އެރުމުގެ ކުރިން އޭރު ކަނޑުމަސް ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާއަށެވެ. އަދި ބޮޑު ކަންނެލި މަސް ކިލޯއެއް 50 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުއްޓެވެ.