ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އަޑުގަދަކުރައްވަން ފެއްޓެވުމުން އެކަން ނުކުރެއްވުމަށް، ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ ތަކުރާރުކޮށް ނަސޭހަތް ދެއްވައި، އިންޒާރު ދެއްވުމަށްފަހު، އެ މެންބަރުގެ ނަން އިއްވައި މަޖިލިސް ޖަލްސާއިން ބޭރު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ޖާބިރު ބޭރު ކުރީ، ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތައް ހުއްޓާލަންދެން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާ ކޮށް، އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރަށް އިލްތިމާސްކޮށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ އެ މައްސަލައަށް ބަހުސް ފެށުމާއެކު އެކަމަށް ނުރުހުން ފާޅުކޮށް، ޖަލްސާގައި އަޑުގަދަކުރައްވައި މެންބަރުން ވާހަކަ ދެއްކުމަށް ތަކުރާރުކޮށް ހުރަސް އަޅުއްވަމުން ގެންދަވާން ފެއްޓެވެމުންނެވެ.
އެ މައްސަލައަށް މެންބަރުން ވާހަކަ ދައްކަވަން ފެއްޓެވުމުން، ޖާބިރު ނުރުހުން ފާޅު ކުރެއްވީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަށް، މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ ޓެރަރިސްޓް ހަމަލާ ދީފައިވާއިރު، އެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަނު ވިލާތަށް ވަޑައިގެންފައި ވަނިކޮށް، އެކަމަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ފަލަސްތީނު މައްސަލައަށް ވާހަކަ ދައްކަން ފެށުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ މަޖިލިސް ރައީސަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވާ މައްސަލައަށް ބަހުސް ކުރުމަށެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ފަލަސްތީނުގެ މައްސަލައާ ބެހޭގޮތުން ކުއްލި ދެ މައްސަލައެއް ހުށަހަޅާފައި ވާތީ، އެ ދެ މައްސަލަ ހުށަހެޅުއްވި ދެ މެންބަރުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު، ގުރުއަތުން ހޮވުނު މެންބަރަށް އެ މައްސަލަ ހުށަހެޅުއްވުމަށް ފުރުސަތު ދެއްވިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއާ ދެ މެންބަރުންގެ މެދުގައި ބޭއްވި ގުރުއަތުލުން ކާމިޔާބު ކުރެއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
އެ މައްސަލައިގެ ބަހުސްގެ ތެރެއިން އަތް ޖައްސަވައި އަޑުގަދަ ކުރައްވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެފަދަ ހަމަލާއެއް ދީފައި ވާއިރު މަޖިލީހުގައި ބަހުސް ކުރަން ޖެހޭނީ އެ މައްސަލައަށް ކަމަށެވެ.
މަޖިލީހުގެ ރައީސް މަރާލާފައި އޮއްވައި މެންބަރުން މި ދައްކަަނީ ކޮން ވާހަކައެއްތޯ، އާއި ރައްޔިތުންގެ މަޖިލީހަކީވެސް މުގައްދަސް ތަނެއް ކަމަށް ވިދާޅުވެ، އަދި މަޖިލީހުގެ ބައެއް މެންބަރުންނަށް ނިސްބަތް ކުރައްވައި ވައްކަމުގެ ބަދުނާމު އަޅުއްވައިވެސް، ނިޒާމީ މައްސަލަ ނަންގަވައިގެންނާއި ޖަލްސާގެ ތެެރެއިން އަޑުގަދަ ކުރައްވަމުން ޖާބިރު ގެންދެވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް