އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މިރޭ ވެސްޓްބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ގޯލްކީޕަރު އެލިސަން ބެކާ ޖެހި ގޯލާއެކު ލިވަޕޫލުން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ވެސްޓްބްރޮމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު 2-1 އިން ލިވަޕޫލް ކާމިޔާބު ކޮށްފައިވާ އިރު، މެޗު އެއްވަރުވާން ދަނިކޮށް، ފަހު މިނެޓުގައި ލިބުނު ކޯނަރަކަށް ކުރިއަށް އަރައި ލިވަޕޫލަށް ތިން ޕޮއިންޓް ހޯދައިދިނީ އެލިސަންގެ ގޯލަކުންނެވެ. މަދުން ނޫނީ ފުޓުބޯޅައިގައި ނުފެންނަ މަންޒަރެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ގޯލްކީޕަރު އެލިސަންގެ ގޯލުން މޮޅުވެ ލިވަޕޫލުން ވަނީ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފައެވެ.

މިހާތަނަށް ކުޅުނު 36 މެޗުން 63 ޕޮއިންޓް ހޯދައި ލިވަޕޫލް ފަސްވަނައަށް ޖެހިލާފައިވާ އިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް 36 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީންވެސް އެ އަދަދަށް މެޗު ކުޅެ 66 ޕޮއިންޓް ހޯދާފައިވާ އިރު، ލެސްޓާއާއި ޗެލްސީގެ ކުރިމަތިލުމެއް އަންނަ ހަފުތާގައި އޮންނާނެއެވެ. އެ މެޗު އޮތުމުން ލިވަޕޫލަށް ވަނީ ގަދަ ހަތަރަކަށް އެރުމަށް އުންމީދު އާވެފައެވެ.

ލީގުގައި ބާކީ ދެ ހަފުތާގެ ކުޅުން އޮތް އިރު، މިދިޔަ އަހަރުގެ ޗެމްޕިއަން ލިވަޕޫލުން މިރޭގެ މެޗުން މޮޅުވީ ފަހަތުން އަރައެވެ. މެޗުގެ ކުރީކޮޅުގައި ރޮބްސަން ކާނޫ ޖެހި ގޯލާއެކު ލިވަޕޫލުން މާޔޫސްވި ނަމަވެސް، ހާފް ނިމުމުގެ ކުރިން މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ކޯނަރަށް ކުރިއަށް ޖެހި އެލިސަން އޭނާގެ ގޯލް ޖެހީ ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. އެލިސަން ގޯލް ޖަހާފައިވާ އިރު، މީގެ ކުރިން ލިވަޕޫލްގެ ގޯލްކީޕަރަކު ގޯލެއް ޖަހާފައިވަނީ 1892 ވަނަ އަހަރުއެވެ.

މެޗަށްފަހު އެލިސަން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ޖަޒުބާތުގައި ހުރި މަންޒަރެވެ. މިދިޔަ މަސް ތެރޭގައި އޭނާގެ ބައްޕަ ގެނބިގެން ކުއްލިއަކަށް މަރުވި މަރުވުމާ ގުޅިގެން އެލިސަންއަށް ހިތާމަވެރި ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ އިރު، އޭނާގެ ފޯމަށްވެސް ވަނީ އަސަރުކޮށްފައެވެ. ގޯލުގެ ވާހަކަދައްކަމުން އޭނާ ވަނީ ބައްޕަގެ މަތިން ހަނދާންކޮށް، ބައްޕައަށް ގޯލު ހާއްސަ ކުރާ ކަމަށްވެސް ބުނެފައެވެ.