އިޒްރޭލުން ފަލަސްތީނަށް ބޮމުގެ ހަމަލާތައް ދެމުން ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެކަން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ވާޗުއަލް ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ވިދާޅުވީ އިޒްރޭލުގެ ސިފައިން ހިފާފައިވާ އިރުމަތީ ގުދުސް އަދި ގާޒާގައި ފަލަސްތީނުގެ އާއްމުންނާ ދެކޮޅަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ކުށްވެރިކުރައްވާ ކަމަށެވެ.

"ޝެއިހް ޖައްރާގައި ފަލަސްތީނުގެ އާއިލާތައް ގަދަކަމުން އެމީހުންގެ ގެދޮރުން ނެރުމާއި އަލްއަގްސޯގައި އަޅުކަން ކުރަން ތިބި ހަތިޔާރެއް ނެތް މުސްލިމުންނަށް ހަމަލާދިނުމާއި މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މެދުއިރުމަތީގެ ސުލްހައަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް އެކަށަ އެޅޭ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމުކުރުން ކަމަށާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ބަލައިގަނެގެން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިސްނެގުމަކަށް ބޭއްވި މި ބައްދަލުވުމަކީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އޯއައިސީގެ ބައްދަލުވުން ނިންމާލާފައިވަނީ ހަމަލާ ދިނުން ހުއްޓާލުމަށް ގޮވާލައި އަދި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިވާތީ އެކަން ކުށްވެރިކޮށް ބަޔާނެއް އެޑޮޕްޓް ކުރުމަށްފަހުއެވެ.

57 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީން ގެންދަނީ މެދުނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، "ޓޫ ސްޓޭޓް ސޮލިއުޝަން" އަށް ގޮވާލަމުންނެވެ.