ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
އެލްޖީއޭގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެލްޖީއޭގެ ބޯޑު އަލުން އެކަލަވާލައި އެ ބޯޑުގެ ރައީސަކަށް އައްޔަނު ކޮށްފައިވަނީ، ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ އެވެ. ނައިބު ރައީސަކީ މުހައްމަދު މާހިރު އީސާ އެވެ. ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު އަފްޝަން ލަތީފެވެ.
ދެން އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު އަދި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.
މި ބޭފުޅުންގެ ތެރެއިން ހޯމް މިނިސްޓަރު އިމްރާނަކީ ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރެވެ. އަދި އަފްޝަން އައްޔަން ކުރައްވާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައި ބުނެފައިވަނީ އެލްޖީއޭގެ ކަންކަން ދުވަހުން ދުވަހަށް ހިންގާނީ އެ އޮތޯރިޓީގެ ބޯޑުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށެވެ. އަދި އެ މަގާމަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު