Close
ޚަބަރު

ފިއްލަދޫ އާއި މާބައިދޫ ކައުންސިލުގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި

މުއާވިޔަތު އަންވަރު

ހއ. ފިއްލަދޫ އާއި ލ. މާބައިދޫ ކައުންސިލުގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ހައި ކޯޓުން އެ ދެ އަމަރު ވަކިވަކިން ނެރެފައިވަނީ މިއަދުއެވެ.

ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓުގެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ، އެއް ވޯޓުގެ ތަފާތުން އެ އިންތިހާބުން ނާކާމިޔާބުވި ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އިރުޝާދެވެ. ދާއިމީ ނަތީޖާއިން އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެނޑިޑޭޓް ފަތުހުﷲ ހަސަނަށް ލިބުނީ 335 ވޯޓެވެ. އެ ދާއިރާގައި ބާތިލުވެފައިވަނީ 30 ވޯޓެވެ.

މާބައިދޫ ކައުންސިލުގެ ރައީސްގެ އިންތިހާބު ވެސް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ވިސާމް ކާމިޔާބުކޮށްފައިވަނީ އެއް ވޯޓުގެ ތަފާތުންނެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ 279 ވޯޓު ލިބުނު ހަސަން އާދިލެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ ގޮތުގައި 40 ވޯޓު ވަނީ ހިމަނައިފައެވެ.

ދެ ރަށުގެ ކައުންސިލުގެ ރައީސުން ވެސް ހުވާކުރުން މަޑުޖައްސާލުމަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ނުވަތަ ހައިކޯޓުން ވަކި ގޮތެއް އަންގަންދެން ގާނޫނީ ހުވާކުރުން ފަސްކުރުމަށް އަންގާ އަމުރު ކުރާ ކަމަށެވެ.

އެ އަމުރު ރައްދު ވަނީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އަދި ކައުންސިލްތަކުގެ ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.