ފިތިރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން 6.7 މިލިއަން ރުފިޔާ ދައްކައިފި އެވެ. އަދި އެއީ ވޭތުވެދިޔަ ތިން އަހަރަށްވުރެ އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ލިބިފައިވަނީ 6،274،800 (ހަމިލިއަން ހަ ދެލައްކަ ސާޅީސް ހަ ހާސް އަށްސަތޭކަ ނުވަދިހަ ހަ ރުފިޔާ) ކަމަށެވެ. ފިތުރު ޒަކާތް ދައްކާފައިވަނީ 164392 މީހުން ކަމަށެވެ.

މާލެ ސިޓީގައި ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ އަދަދަކީ 1498 އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ފިޔަވައި އެހެން ހުރިހާ މީހުނަށް ފިތުރު ޒަކާތް ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެޏެވެ.

މާލެ ސިޓީން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ފަގީރުންގެ ދަފުތަރުގައި ތިބި މީހުނަށް ބަހާފައި ވަނީ، 6،274،800 (ހަމިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ރުފިޔާ) އެވެ. ބާކީ 472،096ރ. ދީފައި ވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗާއި އަމާންވެށީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ރިކޯޑް އަދަދަކަށް ފައިސާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 6.6 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު 5.6 މިލިއަން ލިބުނު އިރު 2018 ވަނަ އަހަރު ލިބިފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ.