އަދިތިޔާ ނަރަޔާން އޭނާގެ އަންހެނުން ޝްވެތާ އަގަރްވާލްއާ މިދިޔަ އަހަރު ކައިވެނި ކުރަން ނިންމި ސަބަބު ކިޔައިދީފިއެވެ.
އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި އަދިތިޔާ ބުނެފައިވަނީ މިދިޔަ އަހަރު ފުރަބަންދުކުރުމުން ޝުވެތާއާ ދިމާ ނުވެ ގިނަދުވަސް ވާން ފެށުމުން ކުދިކުދި މައްސަލަތައް ޖެހެމުންދިޔަ ކަމަށާއި، ގެއާ އެހާ ދުރު ނޫން ހިސާބެއްގައި އުޅުނު ނަމަވެސް ބައްދަލު ވެވޭނެ ގޮތެއް ނެތުމުން ވީ އުނދަގޫ، ކައިވެނިކުރަން ނިންމި ސަބަބު ތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ފުރަބަންދުގެ ތެރޭގައި ވަރަށް ފުންކޮށް އެކަމާ ދޭތެރޭ ވިސްނައި ލުއިތައް ދިނުމާއެކު ކައިވެންޏަށް އަހާނެ ގޮތަކާ މެދު ވިސްނަމުން ދިޔަކަމުގައި އަދިތިޔާ ބުނެފައިވެއެވެ.
''ކޮވިޑުގެ ކަންތައް ވީ ކައިވެނި އަވަސްކުރަން ދިމާވި ސަބަބަކަށް. ފުރަބަންދުގެ ތެރޭގައި ޝްވެތާއާ ބައްދަލު ނުކުރެވޭތީ ރުޅިގަދަ ވެ ދެމީހުން މެދުގައި ކުދިކުދި މައްސަލަތައްވެސް ޖެހުނު. ކިތަންމެ ކައިރީގައި ގެ ހުއްޓެއްކަމަކު ބައްދަލުކޮށް ނުލައި އުޅުންވީ އުނދަގޫކަމަށް. އެހެންވެ އަހަރެން ނިންމީ ފުރަބަންދަށްފަހު ދެމީހުން ދިމާ ނުވުމުގެ ސަބަބުން މައްސަލަ ނުޖެހޭނެ ގޮތެއް ހަދަން'' އަދިތިޔާ ކިޔައިދީފައިވެއެވެ.
ޝްވެތާގެ މައިންބަފައިން ކައިރިން ކައިވެންޏަށް އެދުނު ގޮތްވެސް އަދިތިޔާ ވަނީ އިތުރަށް ކިޔައިދީފައެވެ. އެގޮތުން ކައިވެނި ކޮންމެ ތަނަކު ކުރަން ޖެހުނަސް، ކައިވެނީގައި ބަޔަކަށް ބައިވެރި ނުވެވުނަސް އޭނާގެ ފަރުވާލެއް ނެތް ކަމަށާއި ހަމައެކަނި ބޭނުންވަނީ ޝުވެތާ އާއި ކައިވެނިކުރުމުގެ ހުއްދައަކަށް ކަމަށް ބުނެ ޝުވެތާގެ މައިންބަފައިން ގާތުން އެދުނު ކަމުގައި އަދިތިޔާ ވަނީ ބުނެފައެވެ.
ކަން ދިމާކުރިގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު ކައިވެނިކުރަން ނިންމިއިރު ކޮވިޑުގެ ހާލަތު ވަނީ ކޮންމެވެސް ވަރަކަށް ރަނގަޅުވެލާފައިވާކަން އަދިތިޔާ ފާހަގަކުރިއެވެ. އަދި މިހާރު އަނެއްކާވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ އޭރު އެ ނިންމުން ނިންމުނީތީ އުފާކުރާކަމުގައިވެސް އަދިތިޔާވަނީ ބުނެފައެވެ.
އަދިތިޔާ އާއި ޝުވެތާ މިދިޔަ އަހަރު ކައިވެނިކޮށްފައިވަނީ ރަށްޓެހިވެގެން ދިހަ އަހަރުދުވަހު އުޅުމަށްފަހުގައެވެ. މިދެމީހުން ފުރަތަމަ ބައްދަލުވެފައިވަނީ އަދިތިޔާގެ ފުރަތަމަ ފިލްމު ޝާޕިތުގައި އެކުގައި މަސައްކަތްކުރަން އުޅުމުގެ ތެރޭގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން