ޚަބަރު

މާއެނބޫދޫން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެއްޖެ

އަލީ ޔާމިން

ދ. މާއެނބޫދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މާއެނބޫދޫ ހެލްތު ސެންޓަރުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު، ނަޝީދާ އަބްދުލްއަޒީޒް "ވަން" އަށް މިރޭ ވިދާޅުވީ، އެރަށުން އިއްޔެ ނެގި 17 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މާއެނބޫދޫން ސާމްޕަލް ނަގާފައިވަނީ ދ. ކުޑަހުވަދުއަށް ދިޔަ މީހުންނާއި ބަލީގެ އަލާމާތްތައް ހުރި މީހުންގެއެވެ. އެމީހުންގެ ސާމްޕަލްތައް ނަގާފައިވަނީ ކުޑަހުވަދޫގައި މިހާރު ކޮވިޑް ފެތުރެމުންދާތީއެވެ. މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުޑަހުވަދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މާއެނބޫދޫން ޕޮޒިޓިވްވީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ނަޝީދާ ވިދާޅުވިއެވެ. އެ ކުއްޖާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން،" ނަޝީދާ ވިދާޅުވިއެވެ.

މާއެނބޫދޫން ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވި ނަމަވެސް އެރަށް އަދި މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.