އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 91

އަބްދުﷲ ފާރޫގް ހަސަން

1

(13 މެއިގެ އަދަދާ ގުޅޭ)

މުރާބިޠީނުން ވަނީ ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޢީސާއީން ގެންދިޔައީ ފާރުމަތީން ތީރުގެ ވާރޭ ވެއްސަމުންނެވެ. އެއާއެކު ކެކިކެކިހުރި ތެޔޮ އޮއްސަމުންނެވެ. އެނާޒުކު ވަގުތުގައި أميـر يـوسف އަށް އެނގިވަޑައިގެންނެވީ އޭނާގެ ބައިވެރީން ފަހަތަށް ޖެހިވަޑައިގެންފިކަމެވެ. އެހެންކަމުން أميـر يـوسف މުރާބިޠީންގެ ލަޝްކަރަށްވެސް ޙަމަލަދިނުން ހުއްޓައިލައިފައި އެނބުރިދާން އަމުރުކުރައްވައިފިއެވެ.

އެދުވަހުގެ ހަވީރު ވީއިރު މުލޫކުއްޠަވާއިފުންގެ އެކިބޭފުޅުންވަނީ ވަކިވަކީން ވަޑައިގެން أميـر يـوسف ގެ އަރިހުގައި ޢުޒުރުވެރިވެވަޑައިގެންފައެވެ. އެހެން ބޭފުޅުން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

أميـر معـتـمـد ސާބިތުކޮށްދެއްވާން މަސައްކަތްޕުޅު ކުރެއްވިއެވެ. "އަޅުގަނޑުގެ ލަޝްކަރު އޮތީ އެންމެކުރީގައި. އެކަމަކު ބިޠުލިޔޫސާއި، ޣަރުނާޠާއާއި، އަލްމަރިއްޔާއާއި މުރުސިއްޔާގެ ލަޝްކަރުތަކުގެ ފިނޑިކަމުން ދުޝްމިނުންނާ ހަމަޔަށް ދެވުމާއެކު ފިލާން ދުއްވައިގެންފި. އެތަން ފެނުމުން އަޅުގަނޑުގެ ލަޝްކަރުގެވެސް ހިތްވަރު އެލިއްޖެ—" ބިޠުލިޔޫސުގެ ރަސްގެފާނަށް أميـر يـوسف އާ އެކަހެރީން ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އެދުވަހުގެ ނާކާމިޔާބުގެ ހުރިހައި ޒިންމާއެއް އެޅުއްވީ އިޝްބީލިއްޔާގެ މީހުންގެ ބޮލުގައެވެ. އެގޮތުން މުލޫކުއްޠަވާއިފުންކުރެ ކޮންމެ ބޭފުޅަކުވެސް ވަނީ އެބޭފުޅަކަށް ލިބިވަޑައިގެންނެވި ކަޅު ދެލީގެ ހިއްސާ އެހެން ކޮންމެވެސް ބޭފުޅެއްގެ މޫނުފުޅުގައި އުނގުޅުއްވައިފައެވެ. أميـر يـوسف ހަނުހިމޭންކަމާއެކު އެބޭފުޅުންގެ ވާހަކަފުޅުތައް އަޑުއެއްސެވިއެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވީ މުލޫކުއްޠަވާއިފުންގެ ހުރިހައި ބޭފުޅުންގެވެސް މޫނުފުޅުގެ ކަޅުކަމެވެ. أميـر يـوسف ކޮންމެ ބޭފުޅަކުވެސް ފޮނުއްވައިލެއްވީ ވިދިގެންއަންނަ ދުވަހުގެ މެންދުރު ނަމާދަށްފަހު އޭނާއާ ބައްދަލުކުރައްވަން ދަޢުވަތު ދެއްވައިފައެވެ. މުލޫކުއްޠަވާއިފުންކުރެ ކޮންމެ ބޭފުޅަކުވެސް ހީފުޅުކުރެއްވީ އެއީ ހަމައެކަނި އެބޭފުޅަކަށް ޚާއްޞަވެގެން ލިބިވަޑައިގަންނަވާ ރަނުގެ ފުރުސަތެއް ކަމުގައެވެ.

އެކަމަކު އަނެއްދުވަހުގެ މެންދުރު ނަމާދަށްފަހު އެބޭފުޅުންނަށް ކުރިމަތިފުޅުލައްވަން ޖެހިވަޑައިގެންނެވީ ވަރަށްބޮޑު މައްސަލައަކާއެވެ. ކޮންމެ ބޭފުޅަކުވެސް أميـر يـوسف ގެ ފޭލިގެކޮޅަށް ވެދެވަޑައިގަންނަވަނީ ހިތްޕުޅަށް ފިނިކަން ލިބިވަޑައިގަންނަވާވަރަށް އެހެން ބޭފުޅުންނާ ދިމާޔަށް ކިލާ އުއްކަވަން ހިތްޕުޅުގައި ރާއްވަވައިގެންނެވެ. އަންދަލުސުގެ ޝަހެންޝާހުކަމުގެ ޙައްޤުވެރިޔަކީ އެބޭފުޅަކުކަން ސާބިތުކުރެއްވޭނެކަމުގެ ޔަގީންކަމާ އެކުގައެވެ. އެކަމަކު ކޮންމެ ބޭފުޅަކަށްވެސް ފެނިވަޑައިގަންނަވަނީ އެބޭފުޅެއްގެ ވާދަވެރިޔާ އެބޭފުޅަކަށްވުރެ ކުރީން ވަޑައިގެން أميـر يـوسف ގެ ބައްދަލުކުރައްވާ ފޭލިގެކޮޅުގައި އިންނަވަނިކޮށެވެ. ނުވަތަ އެބޭފުޅަކު ވަޑައިގަންނަވާތާ މާގިނައިރެއް ނުވަނީސް ވާދަވެރިޔާ ވަޑައިގެން ވެދެވަޑައިގަންނަވާ ތަނެވެ. ނަތީޖާއަކީ ހުރިހާ ބޭފުޅުންގެވެސް އުފާވެރިކަން ހައިރާންފުޅުކަމާއި ކަންބޮޑުވެވަޑައިގެންނެވުމަށް ބަދަލުވުމެވެ. މުލޫކުއްޠަވާއިފުންގެ އިތުރަށް ރިޟާކާރުން އެންމެ އިސްކޮމާންޑަރުންވެސް މާގިނައިރެއް ނުވަނީސް އެފޭލިގެކޮޅަށް ހާޒިރުވެވަޑައިގެންފިއެވެ. ޖަވާހިރުން ޖަރީކުރައްވައިފައި ހުންނަ ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަންނަވަން އާދަކުރައްވައިފައިވާ ބޭފުޅުން މިއަދު އިށީނދެވަޑައިގެން އެތިއްބެވީ ވަރަށް އާދައިގެ ލަކުޑި ގޮނޑިތަކެއްގައެވެ. އެކަމަކު އެއްވެސް ބޭފުޅަކަށް އެކަމެއް އިޙުސާސުވެވަޑައެއް ނުގަންނަވައެވެ. ހުރިހައި ބޭފުޅުންގެވެސް ކަޅިފުޅު ހުއްޓިފައިހުރީ ފޭލިގެކޮޅުގެ ދޮރުކޮޅާ ދިމާޔަށެވެ.

أميـر يـوسف އެމަނިކުފާނު ހުންނަވާ ފޭލިގެކޮޅުން ނުކުމެވަޑައިގެން ބައްދަލުކުރައްވާ ފޭލިގެކޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނަށް މަގުދައްކާކަށެއް ނަގީބަކު ނެތެވެ. ވަޑައިގެންނެވި މަގުގައި އަތުލަސް ފޮތްޗާއި ކަމްޚުވާބު ފޮތީގެ ސަނދުވާ ދަމައިފައެއް ނުވެއެވެ. އަގުބޮޑު ދޫލަ އަޅައިފައެއް ނެތެވެ. އެކަމަކުވެސް އެމަނިކުފާނު ދެކޭމީހުންނަށް އިޙުސާސުވަނީ ފަރުބަދަތަކުގެ ހައިބަވަންތަކަމާއި ފުން ކޯރުތަކުގެ ޖެހިލުންކުރުވުމާއި ސަހަރާތަކުގެ ތަނަވަސްކަމާއި ކަނޑުތަކުގެ އަބުއިކަން އިންސާނެއްގެ ވުޖޫދަށް ޖަމާވެފައިވާހެންނެވެ. ޖަޒީރަތުލްޚަޟުރާޢުގައި ސިކުނޑި ހަމަނުޖެހޭ މުސްކުޅި އަންހެނަކު ފެނިވަޑައިގެންނެވުމުން ލޯފުޅު ކަރުނަފޮދުން ފުރައިލެއްވުމާއެކު، "އަހަންނަކީ މަންމަގެ ދަރިފުޅޭ" ވިދާޅުވި ރަޙުމާއި ލޯބީގެ މުޖައްސިމު މިއަދު އެހުންނެވީ އެމަނިކުފާނުގެ ފުރިހަމަ އައުދާނަކަމާއި ކީރިތި މޫރިތިކަމާއެކުގައެވެ. އެރަސްރަސްކަލުންގެ ކުރިފުޅުމަތީގައި ހަތަރުކަޅި ހަމަކޮށް ވާހަކަ ދެއްކުމަކީވެސް ފާފައެއްކަމުގައި ބެލެވޭ ރަސްރަސްކަލުންގެ ކުރިފުޅުމަތީގައެވެ. އަންދަލުސުގެ ރަސްރަސްކަލުން އެތިއްބެވީ އެމަނިކުފާނުގެ ތަޢުޒީމުގައި ކޮޅަށް ތެދުވެވަޑައިގެންނެވެ. އެކަމަކު އެމަނިކުފާނުގެ އަތްޕުޅުން އިޝާރަތް ކޮށްލެއްވުމާއެކު އަލުން އިށީނދެވަޑައިގެންފިއެވެ. أميـر يـوسف މުލޫކުއްޠަވާއިފުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް އެމަނިކުފާނާ ހަތަރުކަޅިފުޅު ހަމަކުރައްވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. أميـر يـوسف ތުންފަތްޕުޅު ހަރަކާތްކޮށްލެއްވުމާއެކު އަޑުއައްސަވަން ތިއްބެވި ބޭފުޅުންނަށް ހީފުޅުވީ ފެނުތެރެއިން ގުގުރާން ފެށިހެންނެވެ. أميـر يـوسف އިޝްބީލިއްޔާގެ أميـر އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "سلطـان معـتـمـد! ބިޠުލިޔޫސުގެ ރަސްގެފާނާމެދު މަނިކުފާނުގެ ޝަކުވާއަކީ ކޮބައިތޯ؟"

معـتـمـد ތެދުވެވަޑައިގެންނެވިއެވެ. އެކަމަކު އޭނާ ފިކުރުފުޅު ބޮޑުވެ ޖެހިލުންވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. "އަޅުގަނޑުމެން އެންމެން ހަނގުރާމަ މިކުރަނީ އެއްމަޤުޞަދެއްގައި ނޫންތޯ؟ އެމަނިކުފާނާމެދު އަޅުގަނޑުގެ ހިތުގައި އޮނަންވީ ކޮން ޝަކުވާއެއްތޯ؟"

أميـر يـوسف ބިޠުލިޔޫސުގެ أميـر އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މަނިކުފާނު أميـر معـتـمـد އާމެދު ވިދާޅުވަނީ ކީކޭތޯ؟"

"ދަންނަވާނެ ވަކިއެއްޗެއް ނެތް." އޭނާ ބެދެމުންދާ އަޑުފުޅަކުން ވިދާޅުވިއެވެ.

أميـر يـوسف ޣަރުނާޠާގެ ވެރިޔާއާ ސުވާލު ކުރެއްވިއެވެ. "أميـر عبـد اللّـه! މަނިކުފާނު އިއްޔެ ހިނގައިދިޔަ ކަންތަކުގެ ޒިންމާ އަޅުއްވާނީ މަނިކުފާނުގެ އެކުވެރީންގެ ތެރެއިން ކޮންބޭފުޅެއްގެ އިސްތަށިފުޅުގައިތޯ؟"

أميـر عبـد اللّـه ކަންބޮޑުފުޅުވެވަޑައިގެން ތެދުވެވަޑައިގެންނެވިއެވެ. "އެކަމަކު އޭނާއަށް އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެވުނެވެ."

يـوسف بــن تـاشـفـيـن މުލޫކުއްޠަވާއިފުންގެ ދެން ތިއްބެވި ބޭފުޅުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިޔައިގެ ތެރެއިން ބޭފުޅަކު އެހެން ބޭފުޅެއްގެ ޝަކުވާ ކުރައްވަން ބޭނުންފުޅުކަމުގައިވާނަމަ އަޅުގަނޑު މިހުރީ އަޑުއަހާން ތައްޔާރަށް!"

ޠަވާއިފުލްމުލޫކުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު އިސްދަށަށް ޖައްސަވައިލައްވައިފިއެވެ.

أميـر يـوسف އިރުކޮޅަކު ހިމޭނުން ހުންނަވައިފައި ވިދާޅުވިއެވެ. "ތިޔަބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ކުރިފުޅުމަތީގައި އަނގަފުޅު ހުޅުއްވައިލައްވަން ބިރުފުޅުގެން ވަޑައިގަންނަވަމު. އެކަމަކު ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައި މާތް اللّـه އާމެދު ތިޔަވަރަށް ބިރުފުޅު އޮންނަ ނަމަކަ އަންދަލުސު މިއަދު މިހާލުގައި އޮއްވައެއް އަޅުގަނޑަކަށް ނުފެނުނީސް. ތިޔަބޭފުޅުންގެ ހިތްޕުޅުތައް އެއްބޭފުޅަކު އަނެއްބޭފުޅަކާމެދު އޮންނަނީ ޒަހަރުން ފުރިފައި. އެކަމަކު ބޭރުފުށުގެ ލަދުވެތިކަމާއި ނިއަނެތިކަމާއި ޚުލުޤުފުޅު ހެޔޮކަންވަނީ ތިޔަބޭފުޅުންގެ ތުންފަތްޕުޅުތަކުގައި ސިލްޖަހައިފައި. މާތް اللّـه ގެ ރަސްކަންފުޅު ދެކެވެސް ތިޔަބޭފުޅުން ތިޔަހައިވަރަށް އަދަބުވެރިވެވަޑައިގެން ލަދުވެތިވެވަޑައިގަންނަވާނަމަ ކޮންފަދަ ރަނގަޅުވީސްތޯ؟ ތިޔަބޭފުޅުންގެ ލަޝްކަރުތައް މައިދާނަށް ފުރަގަސްދީފައި ފިލައިގެން އައިއިރަކު އަޅުގަނޑު އެތާކު ނެތިން..... އެކަމަކު މާތް اللّـه ތިޔަބޭފުޅުންގެ ކަންތައް ދެކެދެނެވޮޑިގެންވޭ. ތިޔަބޭފުޅުން އެކަލާނގެ ރަސްކަންފުޅާމެދު ރަނގަޅުގޮތުގައި މުޢާމަލާތު ކުރައްވާނަމަ ތިޔަބޭފުޅުންނަކަށް އަޅުގަނޑުގެ ކުރިމަތީގައި ތިޔަބޭފުޅުންގެ ކުށެއް ނެތްކަން ބަޔާންކޮށްދެއްވާކަށެއް ޖެހިވަޑައެއް ނުގެންނެވީސް..... އެކަމަކު ތިޔަބޭފުޅުންވަނީ އެއްބޭފުޅަކު އަނެއްބޭފުޅެއްގެ އިސްތަށިފުޅުގައި އިލްޒާމު އަޅުއްވައި ކުށްވެރިކުރައްވާން މަސައްކަތްޕުޅު ކުރައްވައިފައި. އޭގެ ނަތީޖާއަކީ ތިޔަ ހުރިހައި ބޭފުޅުންގެ މޫނުފުޅުތައްވެސް ހުތުރުވުން. މުޑުދާރުވުން. އެހެންކަމުން މިބައްދަލުވުމުގައި ތިޔަބޭފުޅުންގެ މޫނުފުޅު ފެނުމުން އަޅުގަނޑަށްވަނީ ތިޔައިގެ ތެރެއިން އިބިލީހަކީ ކޮބައިކަމާއި މަލާއިކަތަކީ ކޮންބޭފުޅެއްކަން ވަކިކުރާން އުނދަގޫވެފައި."

أميـر يـوسف އެހެން ވިދާޅުވެފައި އެބައްދަލުވުމުގެ ކުރީގޮނޑިބަރީގައި އިންނެވި މުސްކުޅި ބޭފުޅެއްގެ އަރިހަށް ވަޑައިގެން އޭނާގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވައިފިއެވެ. އެއީ ޣަރުނާޠާގެ ރިޟާކާރުންގެ ކޮމާންޑަރ عبــدالمنـعـــم އެވެ. أميـر يـوسف، عبــدالمنـعـــم އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ— "عبــدالمنـعـــم ކަލާ އިއްޔެ ހަނގުރާމައިގެ މައިދާނުގައި ހުންނެވީމު. ކަލާ މިތިއްބެވި ހުރިހައި ޢިއްޒަތްތެރީން ރަނގަޅަށް ދެނެވަޑައިގަންނަވާނޫ. މީގެތެރެއިން މަލާއިކަތަކީ ކޮބައިކަން އަޅުގަނޑުގެ ގާތު ވިދާޅުވެދެއްވަފާނުތޯ؟"

عبــدالمنـعـــم ތެދުވެވަޑައިގެން ޖަވާބު ދެއްވިއެވެ. "ޙަމަލައިގެ ވަގުތު އަޅުގަނޑުމެންގެ ލޯތައް ހުރީ ފަރުބަދައިގެ ކުރިޔާ ދިމާޔަށް. އަޅުގަނޑުމެން ކިއްލާގެ ފާރުކައިރިޔަށް ގޮސްފައި އެނބުރި ފަސްބަލައިލިއިރު މިތިއްބެވި ޢިއްޒަތްތެރީން ފަހަތްޕުޅަށް އެނބުރި ވަޑައިގެން ދުވެވަޑައިގެންނެވުމުގައި އެއްބޭފުޅަކަށްވުރެ އަނެއްބޭފުޅަކު ކުރިއަތުލައްވަން ވާދަކުރައްވަނީ!"

"ފަރުބަދައިގެ ތިރީގައިހުރި ދުޝްމިނުންގެ މަރުކަޒުތަކުގެ ތީރުވެރީން ގެންދިޔައީ އެބައިމީހުންގެ މަގާމުތަކުން ނުކުމެ މިބޭފުޅުން ފަހަމުން ދޮގެއްތޯ؟"

"ނޫން. ނޫން. އެބައިމީހުން ތިބީ މިބޭފުޅުންނާމެދު ހިތްހަމަޖައްސައިލައިގެން. އެމީހުން މަސައްކަތްކުރީ އަޅުގަނޑުމެން ވަށައިލެވޭތޯ."

معـتـمـد ތެދުވެވަޑައިގެން އިޙުތިޖާޖު ކުރެއްވިއެވެ. "އެއީ ރަނގަޅު ވާހަކަފުޅެއް ނޫން. އަޅުގަނޑުގެ ލަޝްކަރަށް ފަހަތަށްޖެހޭން މަޖުބޫރުވީ ދުޝްމިނުންގެ ވަރުގަދަ ޙަމަލަތަކުގެ ސަބަބުން."

ޣަރުނާޠާގެ أميـر ވެސް ދެކޮޅުހެއްދެވިއެވެ. "އަޅުގަނޑުގެ ލަޝްކަރު އޮތީ ޣަރުނާޠާގެ ރިޟާކާރުންގެ ކަނާތްފަރާތުގައި. عبــدالمنـعـــم އަށް ކިއްލާގެ ފާރާ ހަމަޔަށް ވަޑައިގެންނެވުނީ އަޅުގަނޑުގެ ލަޝްކަރު ދުޝްމިނުންގެ ތީރުވެރީންގެ މަގާމުތަކަށް ޙަމަލަދީ އެބޭފުޅުންނަށް ކުރިޔަށް އަރައިވަޑައިގެންނެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ސަބަބުން."

أميـر مـعــتــصـم ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުގެ ލަޝްކަރު ފަހަތަށްޖެހުނީ އެހެނިހެން ރަސްރަސްކަލުންގެ ލަޝްކަރުތައް ފަހަތަށް ޖެހުމުގެ ސަބަބުން. އަޅުގަނޑުގެ ލަޝްކަރަށް ދުޝްމިނުންގެ ފިއްތުންތައް ބޮޑުވެ މުޅީން ސުންނާފަތިވާން ކައިރިވުމުން. އަލްމަރިއްޔާއާއި މުރުސިއްޔާގެ ރިޟާކާރުންގެ ކޮމާންޑަރަކީ حسن بــن عبــدالمنـعـــم. މަނިކުފާނަށް އޭނާއާ ސުވާލު ކުރެއްވިދާނެ."

حسن ގެ ދެ މުލައްދަނޑިފުޅު ހުރީ ޒަޚަމުގެ ސަބަބުން ބެންޑޭޖު ކޮށްފައެވެ. އޭނާ ފޭލިގެކޮޅުގެ އެއްކަނަކުން ތެދުވެވަޑައިގެން ވިދާޅުވިއެވެ. "އަލްމަރިއްޔާގެ ރަސްމީ ލަޝްކަރު ވަރަށް ހިތްވަރާއެކު ހަނގުރާމަ ކުރިކަމަށް ހެކިދޭން އަޅުގަނޑު މިހިރީ ތައްޔާރަށް. އެކަމަކު أميـر مـعــتــصـم އެހެނިހެން ރަސްރަސްކަލުން ނަމޫނާއަކަށް ބައްލަވައިގެން އެބައިމީހުންނަށް ފަހަތަށްޖެހެން އަމުރު ނުކުރެއްވިނަމަ އަޅުގަނޑުމެންނަށް ކިއްލާގެ ފާރާ ހަމަޔަށްދާން އެހައިބޮޑު ގެއްލުންތަކެއް އުފުލާކަށެއް ނުޖެހުނީސް. أميـر مـعــتــصـم އެގޮތަށް ކަންތައް ނުކުރެއްވިނަމަ އަލްމަރިއްޔާގެ ސިފައިންގެ ސާބިތުކަން ފެނުމުން އެހެނިހެން ދައުލަތްތަކުގެ ސިފައިންގެ ހިތުގައިވެސް ޣީރަތެއް އުފެދިގެން އެނބުރި އައުމަކީ އެކަށީގެންވާ ކަމެއް. أميـر مـعــتــصـم ގެ ނިޔަތްޕުޅަކަށް އަޅުގަނޑު ޙަމަލައެއް ނުދެން. އެކަމަކު އެމަނިކުފާނަށް ގޯހެއް ނުހެއްދެވެއެކޭ ނުދަންނަވާނަން."

ބިޠުލިޔޫސާއި، މާލިޤާއާއި، މުރުސިއްޔާއާއި އެހެނިހެން ދައުލަތްތަކުގެ ވެރީން އެއްފަހަރާ ތެދުވެވަޑައިގެންފިއެވެ. ނަމަވެސް أميـر يـوسف އެބޭފުޅުންނަށް އިށީނދެވަޑައިގަންނަވަން އަތްޕުޅުން އިޝާރާތް ކޮށްލެއްވުމުން އެބޭފުޅުން ހިމޭންވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.

"މި މައުޟޫޢުގައި އިތުރަށް ބަހުސު ކުރުމުގެ ބޭނުމެއް އޮތްކަމަކަށެއް އަޅުގަނޑު ނުދެކެން. ތިޔަބޭފުޅުންގެ ކަނޑިކޮޅުތަކާ ނިސްބަތްކުރާއިރު ތިޔަބޭފުޅުންގެ ދޫފުޅުތައް ހާސްގުނަ ތޫނުކަން އަޅުގަނޑު ރަނގަޅަށް ދަންނަން. ޒަލާޤާގެ ފަތަޙައަށްފަހު އަޅުގަނޑު އެނބުރި ދިޔައީ އަންދަލުސުގެ މުސްލިމުން ޙިމާޔަތްކުރަން އަޅުގަނޑަށް ހަވާލުކުރެވުނު ބަޔަކީ ކަމާ އެކަށީގެންނުވާ ބައެއްކަމުގެ ހިތި އިޙުސާސާއެކު. އެކަމަކު މިއަދު ތިޔަބޭފުޅުން ތިޔަ ސާބިތުކޮށްދެއްވީ ތިޔަބޭފުޅުންގެ ނާޤާބިލުކަން އެކަންޏެއް ނޫން. އަދި ކީއްތޯ؟ ތިޔަބޭފުޅުންގެ އެތެރެފުށުގެ ނުބައިކަމާއި ފިނޑިފުޅުކަންވެސް ސާބިތުކޮށްދެއްވައިފީމު."

أميـر معـتـمـد އިޙުތިޖާޖު ކުރައްވާން ތެދުވެވަޑައިގެންނެވިއެވެ. އެކަމަކު أميـر يـوسف އޭނާއަށް އިށީނދެވަޑައިގަންނަވަން އިޝާރަތްކުރައްވަމުން ވިދާޅުވިއެވެ.

"އަޅުގަނޑު ރަނގަޅަށް ދަންނަން. ތިޔަބޭފުޅުންގެ ކަންފަތްޕުޅުތަކަކީ މިފަދަ ލަފުޒުތަކާ ވަރަށް ބީރައްޓެހިފުޅު ކަންފަތްޕުޅުތަކެއް. ތިޔަބޭފުޅުން އެންމެ ނުބައި ޚަޞީލަތްތަކަށްވެސް ދެއްވަނީ ވަރަށް ރީތި ނަންނަން. ތިޔަބޭފުޅުންގެ ޝާޢިރުންނާއި ޚުޝާމަދުކުރާ ވާހަކަދެއްކުންތެރީން ވަނީ ތިޔަބޭފުޅުންގެ މިޒާޖުފުޅު ވަރަށްބޮޑަށް ނުބައިކޮށްފައި. ތިޔަބޭފުޅުންގެ ހިތްޕުޅުތަކަށް ބޮޑާފުޅުކަމާއި ކިބުރުވެރިކަން ވައްދައިފައި. އެކަމަކު ތިޔަބޭފުޅުންނަކީ ނާޤާބިލު ބޭފުޅުންތަކެއްކަމުގައި ނުވާނަމަކަ އިސްލާމްދީނުގެ ދުޝްމިނުންނަށް އަންދަލުސު ފަތަޙަކުރުމުގެ ހުވަފެން ދެކޭކަށެއްވެސް ލާހިކެއް ނޫން. ތިޔަބޭފުޅުންގެ ނިޔަތް ރަނގަޅުނަމަކަ އިސްލާމްދީނުގެ ސީދާ ރާސްތާއިން އެއްފަރާތަކަށް އަރައިވަޑައިގެން މަގުފުރެދުމުގެ އަނދިރީގެ ތެރޭގައި ގަނަތެޅިވަޑައެއް ނުގެންނެވީމުސް. ތިޔަބޭފުޅުން ދެނެވަޑައިގަންނަވަމުތޯ އިސްލާމްކަމަކީ ކާފަރުކަމުގެ އުތުރިއަރާ ޠޫފާނީ ސައިލުތަކުން ތިޔަބޭފުޅުންނަށް ޙިމާޔަތް ހޯއްދެވޭނެ އެންމެފަހުގެ ދިފާޢީ ޙިޞާރު. ޒަލާޤާގެ ފަތަޙަޔަށްފަހު ތިޔަބޭފުޅުން އަޅުގަނޑުގެ ގާތުގައިވަނީ އިސްލާމީ ހުދޫދުތަކުގެ އިމުން ބޭރުވެވަޑައިނުގަންނަވަން ވަޢުދުވެވަޑައިގެންފައި. ޣައިރު އިސްލާމީ ހުރިހައި ޤާނޫނުތަކެއް އުވައިލައްވާނެކަމުގައި ވިދާޅުވެފައި. އެކަމަކު ތިޔަބޭފުޅުން އެރޮނގުން އެޅުއްވި ފިޔަވަޅުފުޅުތަކަކީ ކޮބައިތޯ؟ އެއީ އަންދަލުސުގައި ތިޔަބޭފުޅުން ހިންގަވާ އިސްލާމީ ޝަރީޢަތާ ޚިލާފު ޤާނޫނުތަކާ ދެކޮޅަށް އަޑުއުފުއްލަވާ ޢިލްމުވެރީންގެ ކަރުފުޅަށް ފިއްތެވުން. އިސްލާމްދީނާ ވަޑިފަތިވާގޮތަށް ނަންގަވާ ވާރުތައް އިހުނަށްވުރެ އިތުރުކުރައްވައި ބޮޑުކުރެއްވުން. އޭގެ ނަތީޖާ މިއަދު ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ. ޒަލާޤާގެ މައިދާނުގައި ނަޞާރާއިން ލަޝްކަރު ހަލާކުވެ ސުންނާފަތިވުމުން އެބައިމީހުން ދުވަހަކުކޮޅުންވެސް ތެދުވެ ހިންދެމިލާނެ ކަމަކަށް ތިޔަބޭފުޅުން ޚިޔާލުފުޅަށްވެސް ނުގެންނަވަމު. އެކަމަކު މިހާރު ޙިޞްނުއްލައިޠުން މިފެންނަނީ އަލްފާންސޫގެ އައު ލަޝްކަރެއް. ތިޔަބޭފުޅުންގެ ސިފައިންގެ ކިބައިގައި ޒަލާޤާގެ މައިދާނުން ފެނުނު ހިތްވަރާއި ޖޯޝެއްވެސް ނެތް. އޭރު އަންދަލުސުގެ އާއްމުންވެސް ތިޔަބޭފުޅުންގެ އަރިހުގައި ތިބި. އެހަނގުރާމަޔަކީ ކުފުރާއި އިސްލާމާ ދެމެދުގައި ހިނގާ ހަނގުރާމައެއްކަމަށް އޭރު އެމީހުން ބެލި. އެކަމަކު މިހާރު އާއްމުން ތިޔަބޭފުޅުންނާ ދުރަށް ހިނގައްޖެ. ތިޔަބޭފުޅުން ތިއްބަވާ ކޮޅަކަށް އެމީހުން ބޮލެއްވެސް ނުލާ. އަލްފާންސޫގެ ކިބައިގައިހުރި އިސްލާމްދީނާ ދުޝްމިނުކަމާ ތިޔަބޭފުޅުންގެ އިސްލާމްދީނަށް ލޯބިކުރެއްވުމާ ދެމެދު ކުޑަވެސް ތަފާތެއް ނެތްކަން އެމީހުން ދަނޭ. މީގެކުރީން ޒަލާޤާގެ ހަނގުރާމައިގެ ދުވަސްވަރު އަންދަލުސުގެ ދިގާއި ހުރަހުން އަށެއްކަހާސް ރިޟާކާރުން މަހެއްހައިދުވަހުގެ ތެރޭގައި ޖަމާވި. އެކަމަކު މިފަހަރު ޖިހާދުގެ ޝައުޤުގައި އައި ރިޟާކާރުންގެ އަދަދު ދެހާސް ފަސްސަތޭކައަށް ވުރެވެސް މަދު. އެއީ ކީއްވެތޯ؟ އަންދަލުސުގެ އާއްމުންނަށް އެނގޭ ޒަލާޤާގެ ފަތަޙައެކޭ އެއްގޮތަށް ޙިޞްނުއްލައިޠުގެ ފަތަޙައިގެ ސަބަބުންވެސް ގިތެލުން ބައްތި ދިއްލޭނީ ތިޔަބޭފުޅުންގެ ސަންގުމަރުމަރުގެ ގަނޑުވަރުތަކުގައިކަން. އެބައިމީހުންގެ ނިކަމެތި ޖިފުޓިތަކުގައި ވޮށުތެޔޮ ނެތިގެން ހުންނާނީ ބައްތި ނުދިއްލިކަން. އެބައިމީހުންގެ ޅަދަރީން ތިބޭނީ އަނދިރީގައިކަން. އެހެންކަމުން އަންދަލުސުގެ އާއްމުން މިހާރު ތިބީ ތިޔަބޭފުޅުން އެގަސްގަހުގެ މޭވާ ފަރީއްކުޅުއްވާ ގަސްގަހުގެ މޫތައް ކޮށައިލުމުގެ ފިކުރުގައި. ތިޔަބޭފުޅުން މަޖާކުރައްވަން ތިއްބަވާ ގަނޑުވަރުތަކުގެ ބިންގާ ކޮނެގެން ނަގައި އުކައިލުމުގެ ވިސްނުމުގައި. އެހެންވީއިރު ތިޔަބޭފުޅުންނަކީ ނިޔަތް ރަނގަޅު ބޭފުޅުންނެއް ނޫނޭ އަޅުގަނޑު ނުދަންނަވަންވީ ކީއްވެގެންތޯ؟ ތިޔަބޭފުޅުންނަކީ ފިނޑީންކަމުގައި ނުވާނަމަ ޙިޞްނުއްލައިޠު ފަތަޙައިގެ ނިޔާގެ ޙުކުމްނާމާ މިހާރު ވީހީ އެތާނގެ ފާރުދޮށުގައި އޮހޮރައިލެވުނު ޝަހީދުންގެ ލެއިން ލިޔެވިފައި. ތިޔަބޭފުޅުން އެހައި ކުއްލިގޮތަކަށް ފިލައިވަޑައިގެންފާނެކަން އަޅުގަނޑަށް ވިސްނުނުނަމަ އަޅުގަނޑުގެ ލަޝްކަރު ހުސްއެކަނި ދެކުނުފަރާތާއި އިރުމަތީ ފަރާތަކު ނުބައިތިއްބާނަން. ކިއްލާގެ ހަތަރު ފަރާތަށްވެސް ފަތުރައިލާނަން. ޙިޞްނުއްލައިޠު ފަތަޙަކުރަން އަޅުގަނޑު ބޭނުންވަނީ ދުޝްމިނުންގެ ތީރުތަކުގެ އަމާޒުފަތްގަނޑަކީ ތިމާމެންގެ ބުރަކަށިކަމުގައި ހަދާނެ އަންހެންދުޅާ ފިނޑިބައެއް ނޫން. އަޅުގަނޑު ބޭނުންވަނީ އެބައެއްގެ މެޔަށް ތީރުތައް ހެރެމުން ދާއިރުވެސް ހީނލަހީނލައި ތިބޭނެ ހިތްވަރުގަދަ މުޖާހިދުން..... އަޅުގަނޑު ވަނީ މާތް اللّـه ގެ ވާގިފުޅާއެކު ކޮންމެ އަގެއްގައިވެސް ޙިޞްނުއްލައިޠު ފަތަޙަކުރާން ޢަޒުމު ކަނޑައަޅައިފައި. އަޅުގަނޑު މާތް اللّـه ގެ މަގުގައި ކުރިޔަށްއެޅި ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އެނބުރި ފަހަތަކަށް ނާޅާނަން. އަޅުގަނޑު ތިޔަބޭފުޅުންނަށް މިތަނަށް ވަޑައިގަންނަވަން ދަޢުވަތު އެރުވީ ތިޔަބޭފުޅުންގެ އަރިހުގައި ވަޢުޡު ބުނެފައި ކުރިޔަށް އޮތްތާނގައި ހެޔޮނިޔަތްޕުޅުގައި އަޅުގަނޑާ ބައިވެރިވެވަޑައިގެންދެއްވާތޯ އިލްތިމާސްކޮށް ދަންނަވާކަށެއް ނޫން. އަޅުގަނޑު ޞަރީޙަކޮށް ދަންނަވަން. ތިޔަބޭފުޅުން މާތް اللّـه ގެ ރަސްކަންފުޅުގެ ބަދަލުގައި ބިރުފުޅުގެން ވަޑައިގަންނަވަނީ އަލްފާންސޫދެކެ ކަމުގައިވާނަމަ އަޅުގަނޑު ތިޔަބޭފުޅުން އެނބުރި ވަޑައިގެންނެވުމަކަށް ހުރަހެއް ނާޅަން. މަންޒިލާ ދިމާޔަށް ފުރަގަސްދީގެން ތިބޭ ބައެއްގެ އެކުވެރިކަމެއް އަޅުގަނޑު ބޭނުމެއް ނޫން."

(ނުނިމޭ)