ޖެނިފާ ލޮޕޭޒް އަދި ބެން އެފްލެކް އަލުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެ ބެނިފާ އަކަށް ވެއްޖެކަމުގައި ރިޕޯޓުތައް ބުނަންފަށައިފިއެވެ.
ބެނިފާގެ ނަމަކީ މި ދެތަރިން މީގެ 17 އަހަރުކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު މީޑިއާއިން އެ ދެތަރިންނަށް ހަރުކޮށްފައިވާ ނަމެކެވެ.
ބެން އެފްލެކް އަދި ޖެނިފާ ލޮޕޭޒް 2002 ވަނަ އަހަރުން ފެށިގެން 2004 އާއި ހަމައަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ބެނިފާގެ ނަމުން މަޝްހޫރު ވެ އެ ގުޅުން ކައިވެންޏަކާ ހަމައަށް ދާނެ ކަމުގައި ވަރަށް ބޮޑަށް ބެލެވުނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެގުޅުން އެންގޭޖްމަންޓާ ހަމައިން ވަނީ ނިމިގެން ގޮސްފައެވެ.
17 އަހަރު ފަހުން މި ގުޅުން އަނެއްކާވެސް ފެށިފައިވާ ކަމަށް ވާހަކަދެކެވެން ފަށާފައި މިވަނީ މިދެތަރިން އެކުގައި ފެންނަލެއް ގިނަވެފައި ވަނިކޮށާއި އެކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފޮޓޯތަކެއް މީޑިއާއަށް ތިލަވެފައި ވަނިކޮށެވެ.
ޖެނިފާ އަދި ބެން އެފްލެކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން އަދި ޔަގީންކޮށްދީފައި ނުވި ނަމަވެސް، ބެނިފާގެ ގުޅުމެއް އުފެދޭނެ ކަމަށް ގިނަބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މިވާހަކަތަކާ ގުޅިގެން ޖެނިފާ ލޯރެންސް ވަނީ ޖެނިފާ ލޮޕޭޒް އަދި ބެން އެފްލެކްގެ ގުޅުން އަނެއްކާވެސް ބެނިފާއަކަށް ބަދަލުވާނެ ކަމަށް އޭނާ އިންތިޒާރު ކުރާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ބެން އެފްލެކްއާ ގާތް ގުޅުމެއް އޮންނަ މެޓް ޑެމަން އަށް އެ ދެތަރިން އަލުން ލޯބީގެ ގޮތުން ގުޅުމާ މެދު ދެކެނީ ކިހިނެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައިވަނީ އެ ގުޅުން އުފެދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ޖެނިފާ ލޮޕޭޒް ވަނީ އެލެކްސް ރޮޑްރިގެޒްއާއެކު ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދިޔަ އޭޕްރިލްމަހު އެގުޅުން ނިންމާލާފައެވެ. އަދި ބެން އެފްލެކްވެސް ވަނީ އެނާ ޑީ އާމާސް އާ ރަށްޓެހި ވެގެން އުޅުމަށްފަހު މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރުޅިވެފައެވެ.