ވެމްބްލީގައި ކުޅުނު އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް، ލެސްޓާ ސިޓީން ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް އިނގިރޭސި އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ސަޕޯޓަރުންނާއެކު މިރޭ ކުޅުނު ފައިނަލް ލެސްޓާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިދިނީ ޔޫރީ ތީލަމަންސްއެވެ.
މިރޭގެ މެޗުގެ ކުރިން ލެސްޓާ ސިޓީގެ ތާރީހުގައިވެސް އެފްއޭ ކަޕެއް ހޯދިފައިނުވާ އިރު، އެޓީމުން ނުކުތީ މީގެ ކުރިން އަށް ފަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ޗެލްސީއާ ދެކޮޅަށެވެ. އެންމެފަހުން 2017-18 ވަނަ އަހަރުގެ ސީޒަންގައި ޗެލްސީން އެފްއޭ ކަޕް ކާމިޔާބު ކޮށްފައި އޮތް އިރު، މިދިޔަ ސީޒަންގައިވެސް ޗެލްސީ ވަނީ ފައިނަލް ކުޅެފައެވެ. ބަލިވީ އާސެނަލް އަތުންނެވެ.
މިރޭގެ މެޗަށް ވެމްބްލީއަށް 20،000 ސަޕޯޓަރުން ވައްދާފައިވާ އިރު، މިއީ ކޮވިޑް 19ގެ ހާލަތުގައި މިހާތަނަށް އިނގިރޭސި ދަނޑަކަށް އެންމެ ގިނަ ސަޕޯޓަރުން ވަން މެޗެވެ. ދަނޑުގައި ސަޕޯޓަރުންގެ އަޑު ގުގުމަމުން ދިޔަ އިރު، މެޗުގެ ފޯރި އޭގެ ސަބަބުން ފެނުނީ ވަރުގަދަކޮށެވެ.
ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ފައިނަލަކަށް ވަރަށް ބޮޑަށް ގޭމްޕްލޭން ތައްޔާރުކޮށްފައިވާކަން ކުޅުމުން ފާހަގަވެގެން ދިޔައެވެ. ހަމަލާތައް އުފެއްދުމުގައި ޑިފެންސަށް ސަމާލުކަން ދިންކަން ފާހަގަވެގެން ގޮސްފައިވާ އިރު، ދެޓީމުގެ ފަރާތުންވެސް ފިޒިކަލް ކުޅުމެއް ފެނިގެން ދިޔައެވެ. ޓެކުލްތައް ގިނަކޮށް ފާހަގަކޮށްލެވުނު އިރު، ދެޓީމުންވެސް ބޮޑަށް ބަލާފައި ވަނީ މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން، މެދުތެރެ ޑޮމިނޭޓް ކުރެވޭނެ ގޮތެއް ހޯދުމަށެވެ.
ލެސްޓާގެ ނުރައްކާތެރިކަން ފެނިގެންދިޔައީ ކުރިއަށް ޖޭމީ ވާޑީއަށް ލިބޭ ބޯޅަތަކުގައެވެ. ނުރައްކާތެރި ހަމަލާއެއް ލެސްޓާގެ ފަރާތުން ފެނިގެން ނުދިޔަ ނަމަވެސް ވާޑީގެ އިތުރުން ޔޫރީ ޓީލަމަންސްގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި މަންޒަރެވެ.
އަނެއްކޮޅުން ފުރަތަމަ ހާފުގައިވެސް ޗެލްސީއަށް ހަމަލާތައް އުފައްދަން ފުރުސަތު ލިބުނެވެ. ޓީމޯ ވާނާގެ ދެ ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ގޮސްފައިވާ އިރު، ތިއާގޯ ސިލްވާގެ ހުރަހަކުން ކެޕްޓަން އަޒްޕިލިކުއެޓާއަށް ލިބުނު ހުސް ފުރުސަތު ބޭކާރުވެގެން ދިޔައީ ބޯޅަ ލައްވާ ނުލައި ދިޔުމުންނެވެ. ޗެލްސީއަށް ގިނަ ކޯނަރުތަކެއް ލިބުނު ނަމަވެސް އެޓީމަށް ކޯނަރުތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ލެސްޓާއިންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ހާފުގެ މެދާހަމައިން ޓީލަމަންސް ޖެހި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ މަތީ ކަނަށެވެ. ޗެލްސީ ގޯލު ބަލަހައްޓަން ހުރި ކެޕަ އަރީޒާބަލާގާ ބޯޅައަށް ޑައިވްކުރި ނަމަވެސް އަތުގައި ޖެހޭ ގޮތެއް ނުވިއެވެ.
މެޗަށް އަނބުރާ ވަނުމަށް ޗެލްސީއަށް ކުރިއަށް ޖެހި އެޓޭކްތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ލެސްޓާއިން ވަނީ ފަހަތަށް ޖެހި ރަނގަޅަށް ޑިފެންސް ކޮށްފައެވެ. ހާއްސަކޮށް ޗެލްސީގެ އެޓޭކަށް އެއްވެސް ޖާގައެއް ނުދީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ޕެކް ކޮށްލައިގެން މެޗުގެ ނަތީޖާ ލެސްޓާއިން ވަނީ ޔަގީންކޮށްފައެވެ.
ހާއްސަކޮށް އިތުރު ވަގުތުގައި ބެން ޗިލްވެލް ޖެހި ބޯޅައެއް ލެސްޓާ ކީޕަރު ދިފާއުކުރި އިރު، ޗެލްސީން އުފެއްދި އިތުރު ހަމަލާއެއްގައި ބޯޅަ ގޯލަށް ވަން ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފައެވެ.
ޗެލްސީއަށް އަދި ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލް އެބައޮތެވެ. އެޓީމުން ޗެމްޕިއަންސް ލީގު ފައިނަލުގައި މިމަހު 29 ވަނަ ދުވަހު ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މެޗު އޮންނާނީ ޕޯޗުގަލުގެ ޕޯޓޯ ދަނޑުގައެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް