ދުނިޔެ

ތުރުކީގެ އާންމުން ގޭ ބަންދުކޮށް، ޓޫރިސްޓުންނަށް މިނިވަންކަން ދޭތީ ރަތަށް

ތުރުކީގައި އިއުލާން ކޮށްފައިވާ ދިގު ލޮކްޑައުންގެ މުއްދަތުގައި ފަތުރުވެރިންނަށް މިނިވަންކަމާއެކު ތަންތަނަށް ގޮސް އުޅެވޭތީ, އެގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

މީގެ ދެ ހަފުތާ ކުރިން ތުރުކީ ލޮކްޑައުން ކުރީ އެގައުމުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 60,000 އިން މައްޗަށް ދިއުމުންނެވެ. އަދި އެ ބަލީގައި ދުވާލެއްގެ މައްޗަށް އޭރު 400 އެއްހާ މީހުން ދިޔައީ މަރުވަމުންނެވެ.

މި ފިޔަވަޅުތަކާއެކުވެސް ތުރުކީން ވަނީ އެގައުމުގެ ޓޫރިޒަމް ސިނާއަތް އަލުން ކޮޅަށް ޖެހުމަށްޓަކައި ޓޫރިސްޓުންނަށް ގައުމު ހުޅުވާލައިފައެވެ. ޓޫރިސްޓުންނަށް ތުރުކީއަށް އެތެރެ ވެވޭނީ ނެގެޓިވް ކޮވިޑް-19 ޓެސްޓެއް ދެއްކުމުންނެވެ.

ނަމަވެސް އާންމުން ބޭރުގައި އުޅޭނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެއެވެ. އަދި ބޭރުގައި އުޅޭ މީހުންގެ އަތުގައި އެކަމުގެ ހުއްދަ އޮތްތޯ ބަލައެވެ.

އެކަމާ ގުޅިގެން ތުރުކީގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ތުރުކީގެ ޓޫރިސްޓު ހަބެއް ކަމަށްވާ, އަންޓަލްޔާގެ ހޮޓަލެއްގެ ތެރޭގައި ޓޫރިސްޓުންތަކެއް ބޭއްވި ޕާޓީއެއްގެ ފޮޓޯތަކާއި ވީޑިއޯތަކެއް ދައުރުވާން ފެށުމުން އެކަމުގެ ފާޑުކިޔުން އިތުރުވިއެވެ.

އެ ޕާޓީގެ ފޮޓޯތަކާއި ވީޑިއޯތައް ތުރުކީގެ މީޑިއާތަކުން ކަވަރުކުރި އިރު, ބައެއް މީހުން ބުނާ ގޮތުން ތުރުކީގެ ކޮވިޑުގެ ހާލަތަށް ބަލައި ޓޫރިސްޓުން އެތެރެވުން މަނާކުރަން ޖެހެއެވެ. އަދި ލޮކްޑައުން ކުރާ އިރު, އެކަން ކުރަންޖެހޭނީ ރަނގަޅަށް ކަމަށް ބުނެއެވެ.

އަނެއް ބައި މީހުން ދެކޭ ގޮތުގައި ގައުމުގެ އިގުތިސާދު ހިންގުމަށް ތުރުކީ ޓޫރިސްޓުންނަށް ހުޅުވާލަން ޖެހެއެވެ. އަދި ތުރުކީ ލޮކްޑައުންގައި އޮތް މިވަގުތަކީ ފަތުރުވެރިން އެގައުމަށް ދާންޖެހޭ ސަބަބެއް ކަމަށްވެސް އެ ސިނާއަތުގައި އުޅޭ ބައެއް މީހުން ދެކެއެވެ.

ތުރުކީގެ އިގުތިސާދުގެ 12 ޕަސެންޓް ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި އެ ސިނާއަތުން ތުރުކީއަށް ވަނީ 12 ބިލިއަން ޑޮލަރު ލިބިފައެވެ.