"ގައުމީ ޓީމަށް އެރުމަކީ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެއް. ފުރުސަތާއެކު 100 ޕަސެންޓް ދައްކަން މިހުރީ ތައްޔާރަށް." ދަ ގްރާންޑޭގެ ގޯލްކީޕަރު، އުމުރުން 27 އަހަރުގެ އިޔާން އަބްދުލް އަލީމް (ޗިކީ) ހުރީ ތައްޔާރަށެވެ.
ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް ނެގުމާއެކު އުންމީދުތަކެއް ހާސިލު ވެއްޖެއެވެ. ހދ. ނޮޅިވަރަމުން މާލެ އައިސް، އެތައް ދުވަހެއް ވަންދެން އިޔާން ކުރި މަސައްކަތުގައި ހާސިލު ކުރަން ބޭނުންވި އެއް ކަމެއް ހާސިލުވެއްޖެއެވެ. ގައުމީ ޖާޒީ ލުމެވެ. މީހަކު ބުނި ބަހަކަށް ނުބަލައި، މީހަކު ދިން ޖަވާބަކަށް ނުބަލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެހިސާބުން ހުއްޓާލައި، ކުރަން އުޅުނު ކަންތައް ހާސިލުވި ކަމަށް އިޔާން ގަބޫލުކުރީކީ ނޫނެވެ: ދެން އޮތީ ގައުމީ ޓީމުގެ ފުރަތަމަ 11 އަށް އެރުމެވެ. އެކަމަށް މިފަހަރުގެ ފުރުސަތު ޖަވާހިރުހާ އަގުބޮޑެވެ.
"ފުރަތަމަ އައީ 2013 ވަނަ އަހަރު 21 އަހަރުން ދަށުގެ މުބާރާތަށް. އަމްދާން އަލީ (އެންޑީ) ހޯދައިދިން ފުރުސަތެއްގައި ފުރަތަމަ މިކޮޅަށް އައީ. ދެން އަފަހަރު އައިސް 21 އަހަރުން ދަށުގެ މުބާރާތް ދެ އަހަރު ކުޅެލާފައި އަނެއްކާވެސް ދިޔައީ. ދެން އަނެއްކާ 2015 ވަނަ އަހަރު މާޒިޔާ ސީނިއާ ޓީމުގެ ގޯލްކީޕަރަކަށް ގުޅެން ފުރުސަތު ލިބުނީމަ އައީ އަނެއްކާވެސް. އޭރު ދެން ހުރީ ހަތަރުވަނަ ގޯލްކީޕަރަކަށް. އެކަމަކުވެސް ބަރާބަރަށް ފަރިތަކުރުންތަކަށް ގޮސް، ވަރަށް ބުރަކޮށް މަސައްކަތް ކުރިން،" އިޔާން އޭނާގެ ދަތުރު "ވަން އޮންލައިން"އަށް ހިއްސާ ކުރަމުން ބުންޏެވެ.
ފުޓުބޯޅައިގެ ތެރެއަށް ވަދެ، އެ ރޮނގުން ކުރިއަށް ދިޔުމަށް އެންޑީއަށް ލިބުނު ހިތްވަރަކަށްވީ އެއަހަރު މާޒިޔާގެ ފުރަތަމަ ޓީމަށް މެޗެއް ކުޅެން ލިބުމުގެ އިތުރުން އެއަހަރު 23 އަހަރުން ދަށުގެ ޓީމުން ލިބުނު ފުރުސަތެވެ. އެ ފުރުސަތާއެކު ގައުމީ ސީނިއާ ޓީމުގެ ޖާޒީއަށް އިޔާންގެ ނަޒަރު ހުއްޓުވާލި ކަމަށް އޭނާ ބުންޏެވެ.
މާޒިޔާގައި ދުވަސްތައް ހޭދަކުރި ނަމަވެސް އިޔާންއަށް އެ ދުވަސްތައް ވީ ދަސްކުރުމުގެ ދުވަސްތަކަށެވެ. ތަޖުރިބާކުރުމުގެ ދުވަސްތަކަކަށެވެ. ނޫސްތަކުގެ ސުރުހީތަކަށް އިޔާން އައި ހިސާބަކީ 2018 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި ދަ ގްރާންޑޭއިން ޖޭޖޭ ބަލިކުރިއިރު، މެޗުގެ "ހީރޯ"އަކީ އިޔާނެވެ. ފައިނަލް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައިވެސް މޮޅު ކުޅުމެއް ދައްކައި އިޔާން ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރު މަގާމު ހޯދައިފައެވެ. އެއީ އިޔާން ތައާރަފު ވި ހިސާބެވެ.
"ދެވަނަ ޑިވިޝަންގެ ތަށި ނެގުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ ވަރަށް ބޮޑު ގުރުބާނީއެއްގެ ނަތީޖާ. ތިން އިރަށް ފަރިތަކުރަމުން ދިޔައީ. މާޒިޔާގައި ދެއިރަށް ފަރިތަކޮށް، ދަ ގްރާންޑޭގައިވެސް ފަރިކުރަމުން، ހަމަ އެންމެ ފަރިތަކުރުމެއްވެސް ވައްޓާނުލައި ދިޔައީ. އެއީ އެ މަސައްކަތުން ލިބުނު ކާމިޔާބެއް. ތިން މަސް ދުވަސް ވަންދެން، ހެނދުނު، ހަވީރު އަދި ރޭގަނޑުވެސް ފަރިތަކޮށްގެން ލިބުނު ނަތީޖާއެއް އެއީ،" އިޔާން ބުނެފައިވެއެވެ.
އެ ކާމިޔާބީއާއެކު ފުރަތަމަ ޑިވިޝަންގައި އިތުބާރު ހިފޭ ގޯލްކީޕަރަކަށް އިޔާންވީ މި ސީޒަނުގައެވެ. ދަ ގްރާންޑޭގެ ފުރަތަމަ 11 ގައި ބަރާބަރަށް އޭނާ ކުޅެމުން އަންނައިރު، ކެޕްޓަން ބޭންޑުގައިވެސް މެޗަކަށް ވަނީ ނުކުމެފައެވެ. ދިވެހި ގޯލްކީޕަރަކަށް އެއީ ޗެލެންޖެކެވެ. ލީގުގައި ހަމައެކަނި ދިވެހި ގޯލްކީޕަރުންނަށް ކުޅެވޭ ގޮތަށް ބަދަލުކުރުމަށް އެފްއޭއެމުން އަބަދުވެސް މަޝްވަރާ ކުރަމުން އަންނައިރު، އެ ބަދަލަކީ މޮޅު ގޯލްކީޕަރުންތަކެއް އުފެއްދޭނެ ފޯމިއުލާއެއް ކަމަށް އިޔާން ގަބޫލުކުރެއެވެ.
"ދިވެހި ކީޕަރުން އެކަނި ރާއްޖޭގެ ލީގުގައި ކުޅުމަކީ ވަރަށް މުހިއްމު ކަމެއް. ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އިޔާން ދެކެނީ. އެއީ ވަރަށް ހުނަރުވެރި ޒުވާން ގޯލްކީޕަރުން އެބަ ތިބި ރާއްޖޭގައި މިހާރުވެސް. މިސާލަކަށް ޔޫވީގެ ގޯލްކީޕަރު، މާޒިޔާ ދެވަނަ ގޯލްކީޕަރު ހުސައިން ޝަރީފް އެއީ ފާހަގަކޮށްލަން ޖެހޭ ކީޕަރުން. ފުރުސަތު ދީފިއްޔާ އެ ކީޕަރުން ތަފާތު ދައްކާނެ، އަޅުގަނޑަކީ އެކަމުގެ ހެއްކެއް ގޮތުގައި ގަބޫލު ކުރާނީ، ލިބުނު ފުރުސަތުގައި ކާމިޔާބު ކުޅުމެއް ދެއްކިއްޖެ ކަމަށް ދެކޭނީ،" އިޔާންގެ ހިޔާލު އޭނާ ފާޅުކުރިއެވެ.
ގޯލްކީޕަރެއް ނަމަ އިސްކޮޅުން ދިގު ވާން ޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ. ދިގުވުމަކީ ގޯލްކީޕަރެއްގެ ގައިގައި ކޮންމެހެން ހުންނަން ޖެހޭނެ ސިފައެއް ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކު އެކަންކަމަށް ގޮންޖަހާލި ކީޕަރުންވެސް ފެނިފައިވެއެވެ. އިޔާންގެ ކެރިއަރަށް އެންމެ ބޮޑު ހިތްވަރަކަށްވި ގޯލްކީޕަރަކީ ސްޕެއިންގެ ލެޖެންޑް އީކާ ކަސިޔަސްއެވެ. އިސްކޮޅުން ކުރު ގޯލްކީޕަރެއް ނަމަވެސް ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކީޕަރަކީ ކަސިޔަސްއެވެ. އިޔާން ގަބޫލުކުރާ ގޮތުގައި ކުރަކަސް ގޯލްކީޕަރަކަށް ވެވޭނެ ކަން އެތައް ފަހަރަކު ވަނީ ފެނިގެން ގޮސްފައެވެ.
"ކުރުވުމުން އޭގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވި. މާޒިޔާގައި ހުރިއިރު، ހުސައިން ދިގުވީމަ އޭނައަށް ތިންވަނަ ގޯލްކީޕަރުގެ ޖާގަވެސް ލިބުނު. ދެން އެފަހަރު ދެވަނަ ޑިވިޝަނަށް ދިޔައީ، ދެވަނަ ޑިވިޝަނަށް ގޮސް ދައްކައި ދިނިން ކުރުވުމަކީ ގޯލްކީޕަރުގެ މަގާމު އަދާ ނުކުރެވޭނެ ސަބަބެއް ނޫންކަން. އެ މައްސަލަ ދިމާވޭ. އެކަމަކު މިހާރު މީހުންނަށް ގަބޫލުކުރެވެން ޖެހޭނެ ކުރުވެގެން މައްސަލަ ދިމާ ނުވާނެ ކަން. ލީގުގައި މިހާތަނަށް 14 މެޗުގައި ކުޅުނުއިރުވެސް ކުރުވެގެން ހައި ބޯލްއަކަށް ނޭރެވިގެން ގޯލެއް ވަދެފައެއް ނީންނާނެ އިރާދަކުރެއްވިއްޔާ،" އިޔާން ފަހުރުވެރިކަމާއެކު ބުންޏެވެ.
ގައުމީ ޓީމުން ވިދާލި އަމްދާން އަލީ (އެންޑީ) މިވަގުތު އަނިޔާއަކުން ރިކަވާ ވެ، އަލުން އެނބުރާ ކެރިއަރުގެ ޕީކަށް އަންނަން މަސައްކަތް ކުރަމުން އަންނަ އިރު، އެންޑީއާއި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަކީ އިޔާންގެ ކެރިއަރުގައި އެންމެ މުހިއްމު ދެ އެހީތެރިންނެވެ.
"އަބަދުވެސް އެންޑީއާއި އަސޯގެ އެހީތެރިކަން ފާހަގަކޮށްލަން ޖެހޭ. އަދިވެސް، މިއަދާ ހަމައަށްވެސް އެ ދެމީހުންގެ އެހީތެރިކަން ފާހަގަކޮށްލަން ބޭނުން ވޭ. ފަރިތަކުރުމެއް ގެއްލުވާލިޔަވެސް ނުދޭނެ. ބަރާބަރަށް ހުރިހާ ކަމެއް ބަލާ، ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ. އެ ދެމީހުން ވަރަށް ސަޕޯޓިވް. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން،" އިޔާން ބުންޏެވެ.
އެހީތެރިވާ އެތައް ފަރާތެއްގެ އެހީތެރިކަމާއެކު ގައުމީ ޓީމުގެ ފުރަތަމަ 11 އަށް އަރަން އިޔާން ބޭނުންކުރާނެ ހަތިޔާރަކީ "ހިތްވަރާއި ބުރަ މަސައްކަތެވެ." އެއީ އިޔާންގެ ކެރިއަރު ބަރޯސާވެފައިވާ މައިގަނޑުގެ ކޮމްޕޮނަންޓެވެ. ބުރަ މަސައްކަތުން ކުރިއެރުން އެއީ އިޔާންގެ ކެރިއަރުގައި މިހާތަނަށްވެސް އޭނާ ގަބޫލުކުރި ކާމިޔާބު ފިލޯސަފީއެވެ. އަދިވެސް ހުރީ އެގޮތަށް ކާމިޔާބު ހޯދުމުގެ ވަރުގަދަ ހިތްވަރުގައެވެ. ޒުވާން ކުދިންނަށް ދޭން އޮތް މެސެޖުވެސް ސާފެވެ. "ހިތްވަރު ދޫނުކޮށް، ކުރިމަތިލާށެވެ."
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް