އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ބުނެ ވަކި ބައެއްގެ ނަންތައް ހިމަނައިގެން ލިސްޓެއް އާންމު ކުރީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދުމަށް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ބަލައި އެކުލަވައިލި، ލިސްޓުގައި 281 މީހެއްގެ ނަން ވަނީ ހިމަނައިފައެވެ. މަޖިލީހުގެ ކޮމިޓީން އެ ލިސްޓު އާއްމު ކުރުމާ ގުޅިގެން، އެ މައްސަލައިގައި ކޮމިޝަނުން ސުވާލު ކޮށްފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ.

"އަޅުގަނޑު މިހާރު ގަބޫލުކުރާ ގޮތުގައި އެމްއެމްޕީއާރުސީއޭ ކިޔައިގެން އެސެޓް ރިކަވަރީ ކޮމިޝަނުން މި ހިންގާ ތަހުގީގަކީ ހަމަ ސިޔާސީ ކަމެއް. ވަކި ބަޔަކަށް ސިޔާސީ ގޮތުން މަންފާތަކެއް ހޯދައިދީ ވަކި ބައެއްގެ އަބުރު ކަތިލައި ވަކި ބައެއްގެ ސިޔާސީ ކެރިއަރު ދުއްވާލުމަށްޓަކައި ކުރަމުންދާ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" 'ވަން' އަށް ދެއްވި އިންޓަވިއުއެއްގައި އުޝާމް ވިދާޅުވި އެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުގައި ބައެއް ނަންތައް އުނިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި އުޝާމް ވިދާޅުވީ، އެކަމުން ވެސް ދޭހަވަނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށެވެ.

އެ ލިސްޓަށް ބަލައިލުމުން ފާހަގަވާ އެއް ކަމަކީ މި ވެރިކަން ގެނައުމަށް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅުގެ ހަރަކާތްތަކަށް ވެސް އަދީބު ފަންޑުކޮށްފައިވާ ކަން އެނގެން އޮންނަ ކަމަށް އުޝާމް ފާހަގަކުރެއްވި އެވެ.

"އަދީބު އެމްއެމްޕީއާރުސީން ހޯދާފައިވާ ފައިސާއިން ފަންޑުކޮށްގެން މި ހުރިހާ ކަމެއް ކޮށްފައި ހުރީމަ އޭގެން ވެސް އެނގޭ އެއްޗަކީ ހަގީގަތުގައި އެމްއެމްޕީއާރުސީގެ ފައިސާއާ އެމްއެމްޕީއާރުސީގެ ހިޔާނާތާއި މި ސަރުކާރަކަށް ދުލެއް ނުދެވޭނެ ކަން،" އުޝާމް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ދެން އިންސާފުވެރި ތަހުގީގެއް ނުކުރެވޭނެ ކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، މިހާތަނަށް އެކޮމިޝަނުން އަމަލުކޮށްފައި އޮތް ގޮތުންނާއި ހާއްސަކޮށް އެ ލިސްޓާ ގުޅިގެން އަމަލުކޮށްފައި އޮތް ގޮތަށް ބަލާއިރު އެ ކޮމިޝަން ފެއިލް ވެފައިވާ ކަމަށެވެ.

"ލިސްޓެއް ނެރުއްވި އިރު އެ ލިސްޓުގައި އޮތް 80 ޕަސެންޓް މީހުނަށް އެއްވެސް ވަރަކަށް ކޮމިޝަނުން އަދި މިހާތަނަށް މުއާމަލާތް ކޮށްފައެއް ނުވޭ. ސުވާލެއް ވެސް ކޮށްލާފައެއް ނުވޭ. އެވަރު ނުކޮށް މީހުންގެ ނަން ލިސްޓުގައި ހިމަނާފައި ހުރީ،" އުޝާމް ވިދާޅުވި އެވެ.

ސައްހަ ވިޔަފާރީގެ މުއާމަލާތް ކޮށްފައި ހުރި މީހުނާއި ޕީޕީއެމްގެ ފަރާތުން އިންތިހާބަށް ނިކުތް ފަރާތްތަކަށް އެ ޕާޓީން ކޮށްފައިވާ ހަރަދުތައް ވެސް އެ ލިސްޓުގައި ހިމަނާފައި އޮތުމުން އުޝާމް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ވިދާޅުވީ، އެއީ ހިޔާނާތުގެ ފައިސާކަން އެނގޭ ނަމަ އެ ފައިސާ ނުނަގާނެ އެތައް މީހުނެއް އެބަ ތިބި ކަމަށެވެ.

"އެފަދަ ހާލަތެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުން ކަމަށް ބުނެ ލިސްޓުގައި އެ މީހުންގެ ނަންތައް ހިމަނައިގެން ނުވާނެ،" އުޝާމް ވިދާޅުވި އެވެ.