ޚަބަރު

ފުވައްމުލައް ފެނު އަޑީގައި، 100 އަށްވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުންތަކެއް ވެއްޖެ

މުއާވިޔަތު އަންވަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި، 100 އަށް ވުރެ ގިނަގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު 'ވަން' އަށް މިއަދު ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ފެށިގެން އެރަށަށް ކުރަން ފެށި ވިއްސާރަ ރޭ ދަންވަރު ހުއްޓާލާފައިވާ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ފުވައްމުލަކުގައި ފެންބޮޑުވެފައިވާ އިރު ގިނަ ގެތަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މައިގަނޑު ގޮތަކަށް ވާރޭ ވެހުނީ. ވައި ގަދައެއްވެސް ނޫން. މިހާރު މިދަނީ ލިބުނު ގެއްލުންތަކުގެ ތަފުސީލު ހޯދަމުން. މިހާތަނަށް 100 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވޭ،" ފަލާހު ވިދާޅުވިއެވެ.

އެންމެ ބޮޑަށް ފެން ބޮޑުވި ހިސާބުތަކުގެ ގެތަކުގައި 18 އިންޗީގެ އުސް މިނަށް ފެންގަނޑު ހުރިކަން ފާހަގަކޮށް ފަލާހު ވިދާޅުވީ، ބޮޑަށް ގެއްލުން ލިބިފައި ވަނީ ރަށުގެ މެދުތެރޭގެ އަވަށްތަކަށާއި ދެކުނަށް ކަމަށެވެ. އަދި ކައުންސިލް އަތުގައި ހުރި 17 ޕަމްޕު ބޭނުން ކޮށްގެން ރަށު ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެން ބޮޑުވެފައިވާ އިރު އަނެއްބައި ރަށް ރަށަށް އުދަ އަރަމުންދާ ކަމުގެ ރިޕޯޓުތައްވެސް އަންނަނީ ލިބެމުންނެވެ.