ކުޅިވަރު

އަންނަ ސީޒަންގައި ރޮނާލްޑޯ ކުޅޭނީ ސްޕޯޓިން ލިސްބަން އަށް: ރޮނާލްޑޯ މަންމަ

މި ސީޒަން ނިމުމާއެކު ޔޫރަޕް ފުޓުބޯޅަ ދޫކޮށްލައި އަނބުރާ އަމިއްލަ ގައުމަށް ނިސްބަތްވާ ސްޕޯޓިން ލިސްބަން އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދާނެ ކަމަށް އޭނާގެ މަންމަ ބުނެފިއެވެ.

ރޮނާލްޑޯގެ މަންމަ ޑޮލަރެސް އަވިއޭރޯ ބުނެފައި ވަނީ ކުރީގެ ކްލަބަށް ގެންދަން ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އަންނަ ސީޒަންގައި ދަރިފުޅު ފެންނާނީ އަލްވަލާޑޭ ސްޓޭޑިއަމުން ކަމަށެވެ.

"އަހަރެން ވާހަކަ ދައްކާނަން ރޮނާލްޑޯއާ. އަންނަ ސީޒަންގައި އޭނާ ފެންނާނީ ސްޕޯޓިންގެ ސްޓޭޑިއަމް އަލްވަލާޑޭއިން،" ރޮނާލްޑޯގެ މަންމަ ޑޮލަރެސް ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރުގެ އެންމެ މުހިއްމު އެއް ކްލަބަކީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއެވެ. އެ ކްލަބުން 2002 ވަނަ އަހަރު ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރު ފަށާފައިވާއިރު، އޭގެ ފަހުން ޔޫރަޕްގައި ރޮނާލްޑޯ ވަނީ ވިދާލައިފައެވެ. ސްޕޯޓިން އިން މެންޗެސްޓާ ޔުނައިޓެޑަށް ގޮސް އެ ކްލަބާއެކުވެސް ޔޫރަޕްގެ ތަށި އުފުލާލައި، ރޮނާލްޑޯ ވަނީ އެތަކެއް ތަށްޓެއް ރެއާލް މެޑްރިޑާއެކުވެސް ހޯދައިފައެވެ. އެއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފަސް ފަހަރަށް ރޮނާލްޑޯ ހޯދާފައިވާއިރު، އޭނާ މިވަގުތު ކުޅެމުން އަންނަނީ ޔުވެންޓަސްއަށެވެ.

އުމުރުން 36 އަހަރުގައި ރޮނާލްޑޯ އަދިވެސް ކެރިއަރުގައި ކުރިއަށް ދިޔުމުގެ ވިސްނުން ހުރިއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ސީޒަނަށްފަހު އޭނާގެ ކެރިއަރުގެ ފަހު ދުވަސްތަކަށް ދަށް ފަންތީގެ ކްލަބަކަށް ބަދަލުވުން ގާތެވެ. އެމެރިކާ ލީގަށް ދިއުމުގެ ވާހަކަތައްވެސް މީގެ ކުރިން ރޮނާލްޑޯ ދައްކާފައިވާއިރު، އެނބުރި އަމިއްލަ ގައުމު ޕޯޗުގަލްގެ ސްޕޯޓިންއަށް ދިޔުމަކީވެސް ރޮނާލްޑޯއަށް އޮތް ފުރުސަތެކެވެ.