އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މޭސްތިރިޔާ އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން އެކަމުގެ ފައިސާ ދިން ވަކީލުންގެ ތެރެއިން ހަމަ އެކަނި، އަލީ ހުސެއިންގެ ނަން އޮތުމަކީ ތާކުން ތާކު ޖެހޭ ކަމެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ ލިސްޓުގައި އޭނާގެ ނަން އޮތް ކަން އެނގިވަޑައިގަތުމުން، ކެންދޫ ދާއިރާގެ ޖުމުހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވަނީ 2019 ވަނަ އަހަރު އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން، އެ ތުހުމަތުތައް ސާފުކޮށްދެއްވައިފި އެވެ. އެހެން ނަމަވެސް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓު މިދިޔަ ހަފުތާގައި އާންމު ކުރި އިރު އެ ލިސްޓުގައި ވެސް އަލީ ހުސެއިންގެ ނަން އޮވެއެވެ. އަދި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014 ގެ ކުރީކޮޅު އަލީ ހުސެއިނަށް ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށް ވެފައި، ހިޔާނާތުގެ ކަންކަން ފަޅާއެރި ފަހުން 2015 އިން ފެށިގެން އަދީބުގެ ވަކީލުކަން ކުރި ފަރާތްތަކަށް ދިން ފައިސާ އެއީ ހިޔާނާތުގެ ފައިސާއަށް ނުވާންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެއީ ވަރަށް ބޭ އިންސާފުން ކޮށްފައި އޮތް ކަމެއް. ހިޔާނާތުގެ ފައިސާ ވާނީ ހިޔާނާތުގެ ފައިސާއަށް ކޮންމެ ބަޔަކަށް ލިބުނު ކަމުގައި ވިޔަސް،" ވަން އަށް ދެއްވި އިންޓަވިއުއެއްގައި އުޝާމް ވިދާޅުވި އެވެ.
އާންމުވެ ފައިވާ ލިޔުންތަކަށް ބަލާއިރު އަލީ ހުސެއިނަށް ފައިސާ ލިބިފައިވަނީ 2014 ވަނަ އަހަރުގެ ކުރީ ކޮޅުގައި ކަން ފާހަގަކޮށް އުޝާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަޅާއަރާފައި ވަނީ އޭގެ ފަހުން އޮޑިޓް އޮފީހުން ނެރުނު އޮޓިޑް ރިޕޯޓެއްގައި ކަމަށެވެ.
"އަލީ ހުސެއިނަށް ލިބުނު ފައިސާ އަކީ ހިޔާނާތުގެ ފައިސާއަށް ވެފައި އޭގެ ފަހުން ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ހައްޔަރުކޮށް އެ ހިނގި ކަންތައްތަކާއި ގުޅިގެން އަދީބުގެ ވަކީލުންނަށް ފައިސާ ދޭނެ ކަމަށް އަޅުގަނޑު މި ގަބޫލު ކުރަނީ،" އުޝާމް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސްކޮށް ހުރީ އަދީބު ކަމާއި އޭނާ އަތުގައި އެ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާ ހުންނާނެކަން ގިނަބަޔަކު ގަބޫލު ކުރާ ކަން އުޝާމް ފާހަގަކުރެއްވި އެވެ. އަދި އެއަށް ފަހު އޭނާ ދީފައިވާ ފައިސާ އަކީ ހިޔާނާތުގެ ފައިސާއެއް ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމައި އެ ނަންތައް ލިސްޓުގައި ނެތުމުން އެ ކޮމިޝަނުން ކޮށްފައި އޮތީ މިނިވަން އިންސާފުވެރި ހަމަހަމަ ތަހުގީގެއް ނޫން ކަން ދޭހަވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން އަލީ ހުސެއިންގެ ނަން އެ ލިސްޓުގައި ހިމަނާފައި ދެން އެހެން ބޭފުޅުންގެ ނަން އެ ނުހިމެނީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފުކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
އެފަދަ ގިނަ ކަންތައްތަކެއް ފެންނަން ހުރުމުން ކޮމިޝަނުން މަސައްކަތް ކުރަނީ ނުފޫޒެއް ނެތިއޭ ނުބުނެވޭނެ ކަމަށާއި އެ ކޮމިޝަން މިހާރު ފެއިލް ވެއްޖެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު