(10 މެއި ގެ އަދަދާ ގުޅޭ)

حسن ދެވަނަފަހަރަށް އެކޮޓަރިޔަށް ވެދެވަޑައިގެން ވިދާޅުވިއެވެ. "ބޮޑުދައިތާފުޅު އިތުރު އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯ؟"

"ދަރިފުޅު ދައިތަގެ ސުވާލުގެ ޖަވާބެއް ނުދެމެއްނު؟"

"ލޯބިވާ ބޮޑުދައިތާފުޅާ! އަޅުގަނޑު ދައިތާފުޅުގެ ހުރިހައި ސުވާލުތަކެއްގެ ޖަވާބު އަރުވައިފިން. ދައިތާފުޅު ދެން ތިޔަ މައްސަލަ ނުނިއުޅުއްވުން އެދެން."

أميـر يـوسف بــن تـاشـفـيـن އެނބުރި ވަޑައިގެންނެވުމާއެކު އަންދަލުސުގައި އަނެއްކާވެސް އާ ފޯރިޔަކާއެކުގައި ވަނީ ވެރިކަމާހުރެ ކޯޅެން ފަށައިފައެވެ. އަންދަލުސުގެ އަހުލުވެރީންގެ ވޭނާއި ކެކުޅުމާއި މުސީބާތްތައް ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ. ބޭރުގެ ނުރައްކަލުން މިންޖުވެވަޑައިގެންނެވުމާއެކު މުލޫކުއްޠަވާއިފުންގެ ހުރިހައި ސަމާލުކަމެއް ހުއްޓައިލެއްވީ އަންދަލުސުގައި އިސްލާމީ ޝަރުޢީ ނިޒާމުގެ ވެރިކަމެއް ޤާއިމުކުރަން ގޮވައިލާ މީހުންނާ ދިމާޔަށެވެ. އެބޭފުޅުން ގެންދެވީ އިސްލާމްދީނުގެ އަޑު އުފުލާ މީހުން

ފިސާރި ދަގަނޑު އަތްޕުޅުތަކަކުން ފިއްތަވަމުންނެވެ. ސަރުކާރުގެ ޖާސޫސުން އެންމެބޮޑަށް ސަމާލުކަންދޭ ދެތަނެއްކަމުގައިވެފައިވަނީ އިސްލާމީ ވެރިކަން ޤާއިމުކުރުމުގެ އަޑު އުފުލާ މަދަރުސާތަކާއި މިސްކިތްތަކެވެ. ޝަރީޢަތާ ޚިލާފު ޓެކްސްތައް ދައްކަން އިންކާރުކުރާ މީހުންގެ ރައުސުމާލުތަކާއި ނުއުފުލޭ ހަރު މުދާތައް ސަރުކާރަށް ހިއްޕަވަން ފައްޓަވައިފިއެވެ.

މުލޫކުއްޠަވާއިފުންވަނީ އަންދަލުސުގެ ހުރިހާ ރަށްރަށެއްގައިވެސް އެބޭފުޅުން އިޝާރާތް ކޮށްލެއްވުމުން އެބޭފުޅުން ބޭނުންފުޅުވާގޮތަކަށް ފަތުވާ ނެރުއްވާނެ މުބައްލިޣުންގެ ޖަމާޢަތްތައް އުފައްދަވައިފައެވެ.

އެ މުބައްލިޣުންގެ އެންމެ ޚާއްޞަ އަމާޒުފަތްގަނޑަކީ ޙައްޤުގެ ބަސް ވިދާޅުވާ ޢިލްމުވެރީންނެވެ. އިސްލާމީ އުންމަތުގެ ތާރީޚުގެ ކޮންމެ ދައުރެއްގައިވެސް ކޮންމެ ތަނެއްގައިވެސް އިސްލާމީ އުންމަތަށް އެންމެބޮޑު ހަލާކަކާއި ގެއްލުންތަކެއް ލިބިފައިވަނީ އަމިއްލަ އެދުމުގައި އެކިއެކި ފަތުވާތައް ނެރޭ ދީނީ ޢިލްމުވެރީންގެ ފަރާތުންނެވެ. ނަމަވެސް أميـر يـوسف އަންދަލުސަށް ވަޑައިގެންނެވުމާ ވިދިގެން އަންދަލުސުގެ މިނިވަންކަމަށް ލޯބިކުރައްވާ ފަރާތްތަކަށްވަނީ އުންމީދުގެ އަލިކަމެއް ފެނިވަޑައިގެންފައެވެ. އެހެންކަމުން އެބޭފުޅުން ތިއްބެވީ ވެރިކަމުގެ ގޮނޑިތަކަށް ވެރިވެވަޑައިގެން ތިއްބެވި ބޭބޭފުޅުންގެ ގޮށްމުށުބާރުގެ ކުރިމަތީގައި އިސްތަށިފުޅު ލަންބަވަން ތައްޔާރަކަށެއް ނޫނެވެ. ވެރީންގެ އަނިޔާވެރިކަން އިތުރުވާ ވަރަކަށް މިނިވަން ހަރަކާތުގެ މެމްބަރުންގެ ޖޯޝާއި ފޯރި ހައްތާވެސް ދިޔައީ ވަރުގަދަވަމުންނެވެ.

ޒަލާޤާގެ މައިދާނުގައި ޢިބުރަތްތެރި ގޮތަކަށް ބަލިވުމުން ޢީސާއީން އެންމެފުރަތަމަ ހީކުރީ ވައިޖެހޭ މިސްރާބު ބަދަލުވެއްޖެކަމުގައެވެ. މިހާރު މުސްލިމުން ކުރިޔަށް ނުކުމެއްޖެކަމުގައިވާނަމަ އަންދަލުސުގެ އެންމެދުރު ކަންކޮޅުތަކާ ހަމަޔަށްވެސް އެއްވެސް ބާރަކަށް މުސްލިމުން ނުހުއްޓުވޭނެ ކަމުގައެވެ. ނަމަވެސް أميـر يـوسف އަންދަލުސުން ފުރައިވަޑައިގެންނެވުމާއެކު މުލޫކުއްޠަވާއިފުން އެބޭފުޅުންގެ ޒަމާންވީ ކުޅިގަނޑު އަތުރައިލައްވައިފިކަމާއި އެތެރޭގެ އަރައިރުންތަކާއި ފިތުނަތައް އަނެއްކާވެސް އުތުރިގެންފިކަމުގެ ޚަބަރު ލިބުމުން ޢީސާއީންގެ މަރުވެފައިވާ ރޫޙު ދިރިއްޖެއެވެ. އެބައިމީހުން އާފޯރިއަކާއެކު ޢަސްކަރީގޮތުން ތައްޔާރުވާން ފަށައިފިއެވެ. އަލްފާންސޫ މިފަހަރު ގަސްތުކުރެއްވީ އެންމެފުރަތަމަ ފައްޓަވައިގެންނެވުމުގައި އިޝްބީލިއްޔާއާއި، ބިޠުލިޔޫސާއި އެނޫންވެސް ހުޅަނގުދެކުނުގެ ދައުލަތްތަކާ ހުރަހޮޅިވަޑައިގަންނަވާކަށެއް ނޫނެވެ. އޭނާގެ ޢަސްކަރީ ބާރު އަމާޒުކުރެއްވީ ދެކުނު އިރުމަތީގެ މައިދާންތަކަށެވެ.

ޙިޞްނުއްލައިޠު އޭރުވެސް ހުރީ އަލްފާންސޫގެ ކޮމާންޑަރ އިން ޗީފްގެ ބާރުގެ ދަށުގައެވެ. އެކިއްލާ ހުރީ ލޫރިޤާއާއި، މުރުސިއްޔާއާ ދެމެދުގެ އުސް ފަރުބަދައެއްގެ މަތީގައެވެ. އެކިއްލާ ހުރިތާނގެ ދިފާޢީ އަހަންމިއްޔަތުގެ ސަބަބުން އެކިއްލާއަކީ ވަރަށް ގަދަފަދަ އަދި ރައްކާތެރި ޢަސްކަރީ މަރުކަޒެކެވެ. އެކިއްލާގައި ތިބޭ ސިފައިންގެ މަދު މީސްކޮޅަކަށްވެސް ބޮޑު ލަޝްކަރަކާ ހަނގުރާމަ ކުރެވިދާނެއެވެ. އަނެއްކޮޅުން އެކިއްލާއަކީ ބާރަ ތޭރަ ވަރަކަށްހާސް ސިފައިންނަށް ކުޑަވެސް އުނދަގުލަކާނުލައި ދާއިމީގޮތަކަށް ދެމިތިބެވޭހައި ތަނަވަސްކަންހުރި ބޮޑު ކިއްލާއެކެވެ. އަލްފާންސޫއާއި އޭނާގެ އެކުވެރި ނަޞާރާ ރަސްރަސްކަލުންވަނީ އެބޭފުޅުންގެ ނަޞާރާ ލަޝްކަރުތައް އަލުން އިންތިޒާމު ކުރައްވައިފައެވެ. އެބޭފުޅުންގެ ލަޝްކަރުތަކުގެ އެންމެވަރުގަދަ ގެމަތައް ޙިސްނުއްލައިޠުގައި ރުކުރުވައިލައްވައިފައެވެ.

ޙިޞްނުއްލައިޠުގެ ޢީސާއީ ފައުޖުންވަނީ ވަށަވަށައިގެންހުރި މުސްލިމު ރަށްރަށަށާއި އަވަށްއަވަށަށް އަރައި ފޭރުމާއި ލޫޓުވުމާއި ޤަތުލުއާއްމު ހިންގުން އާއްމުކޮށްފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކިއްލާގެ ވަށަވަށައިގެންހުރި މުސްލިމު ރަށްރަށާއި އަވަށްއަވަށް ވީރާނާކޮށްލައިފައެވެ.

ޤަޞްޠިލާގެ ނަޞާރާއިންގެ އަނިޔާވެރިކަމުގެ ދަށުގައި ބަލަންސިއްޔާގެ މުސްލިމުން ދުވަސްތަކެއް ހޭދަކުރުމަށްފަހު އެމީހުންނަށް ހަމަނޭވާލެވުނުތާ މާގިނަދުވަހެއް ނުވެއެވެ. މިހާރު އަނެއްކާވެސް އެބައިމީހުންނަށްވަނީ އާ މުސީބާތަކާ ކުރިމަތިވެފައެވެ. ޤަޞްޠިލާގެ މަޝްހޫރު ނައިޓެއްކަމުގައިވާ ސިޑްގަންބީޠޫރަކީ ކުލީ ސިފައިންގެ މީހެކެވެ. އޭނާއަކީ މުސްލިމުންގެ އަތުން ފައިސާ އަތުލައިގެން ޢީސާއީންނާ ހަނގުރާމަ ކުރުމަށާއި، ޢީސާއީންގެ އަތުން ކުލި އަތުލައިގެން މުސްލިމުންނާ ހަނގުރާމަ ކުރުމުގައި މަޝްހޫރުވެފައިވާ މީހެކެވެ. މިހާރު އޭނާ ވަނީ ބަލަންސިއްޔާ އޭނާގެ ޝިކާރަ ބިމަކަށް ހަދައިފައެވެ. ޒަލާޤާގެ ފަތަޙައަށްފަހު ޤަޞްޠިލާގެ ފައުޖު ބަލަންސިއްޔާއިން ފޭބުމުން ބަލަންސިއްޔާގެ ރައްޔިތުން يحـيى القــادر ގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު يحـيى އަލްފާންސޫގެ ހިޔާވަހިކަމުން މަޙުރޫމުވެވަޑައިގެންނެވުމުން އޭނާ ވަނީ ގަންބީޠޫރަކީ އޭނާ ވާގިވެރިޔަކަށް ހައްދަވައިފައެވެ. ގަންބީޠޫރު ޑާކޫންނާއި ލުޓޭރުންތަކެއްގެ ލަޝްކަރެއް އެއްކޮށްގެން ބަލަންސިއްޔާގައި ޤަޞްޠިލާގެ ލަޝްކަރުގެ މަގާމު ފުރާންފަށައިފިއެވެ. يحـيى އޭނާއަށް ދުވާލަކު ހަހާސް އަސްރަފީގެ ކުލި ދެއްވަން ޖެހިވަޑައިގަންނަވައެވެ. މިދެންނެވި ކުލީގެ އިތުރަށް ބަލަންސިއްޔާގެ އާއްމުން ލޫޓުވުމާއި ފޭރުމާއި ޤަތުލުކުރުމުގެ ލައިސަންސް އެލަޝްކަރަށް އޮވެއެވެ.

އެހެންކަމުން ގަންބީޠޫރު ބަލަންސިއްޔާގައި ހިންގަމުންގެންދިޔަ އަނިޔާވެރި ހަރަކާތްތަކާއި ޙިޞްނުއްލައިޠުގެ ޤަޞްޠީލީ ޖަނަރަލުންގެ ލޭއޮހޮރުވުމާއި ފޭރުމާހުރެ ދެކުނު އިރުމަތީ އަންދަލުސުގެ މުސްލިމުންގެ ރޭގަނޑުގެ ނިދި ހަރާންވެއްޖެއެވެ. މުސްލިމުންގެ ރަށްތައް ދިޔައީ ދަރަހަނާ ވަމުންނެވެ. މުރުސިއްޔާއާއި، އަލްމަރިއްޔާގެ އިތުރަށް އެހިސާބުގަނޑުގެ ކުދިކުދި މުސްލިމު ސަރުކާރުތަކުގެ ވަފުދުތައް މުލޫކުއްޠަވާއިފުންގެ އަރިހަށް އާދޭހާއިގެން ދާންފަށައިފިއެވެ. އެކަމަކު މުލޫކުއްޠަވާއިފުންގެ ކުރީގެ އާދަފުޅުގެމަތީން އެބޭފުޅުން ތިއްބެވީ ހަނގުރާމަކުރައްވާ ގޮތަކަށެއް ނޫނެވެ. އަލްފާންސޫއަށް ހަދިޔާ (ރިޝްވަތު) ދެއްވައިގެން އޭނާ މައިތިރި ކުރެއްވުމުގެ ވިސްނުންފުޅުގައެވެ.

أميـر معـتـمـد ކުއްލިޔަކަށް އޭނާގެ ލަޝްކަރާއިގެން އިޝްބީލިއްޔާއިން ނުކުމެވަޑައިގެންފިއެވެ. ބިކަހާލުގައިޖެހި ނޭވާހަށްޓަށް ނުފެތިފައި ތިބި ދެކުނު އިރުމަތީ އަންދަލުސުގެ މުސްލިމުން ހީކުރީ އަރަހުށި މާތް اللّـه އެބައިމީހުންގެ ފަރިޔާދު އައްސަވައި ވޮޑިގެންނެވީ ކަމުގައެވެ. އެކަމަކު أميـر معـتـمـد ގެ ލަޝްކަރު ޤުރުޠުބާގެ ސަރަޙައްދު ހުރަސްކުރުމަށްފަހު މިސުރާބުޖެހީ ޙިޞްނުއްލައިޠާ ދިމާޔަކަށެއް ނޫނެވެ. އޭނާ ޝިކާރުގާހެއް ކަމުގައި ބެއްލެވީ ލޫރިޤާއެވެ. އެހެންކަމުން އަންދަލުސުގެ އެއްވެސް މުސްލިމަކަށް އޭނާ ދަހިވެތިވެވަޑައިގެންފައިވަނީ ކޮންކަމަކަށްކަން ވިސްނައިގަންނާކަށެއް އުނދަގުލެއް ނުވިއެވެ. معـتـمـد ކުރީންވެސްވަނީ ލޫރިޤާއާއި މުރުސިއްޔާ ހިއްޕަވައިފައެވެ. އޭނާއަށް ހީފުޅުވެފައިއޮތީ އެދެރަށުގެ މުސްލިމުން معـتـمـد އަކީ ތިމަތިމާމެންގެ ސަލާމަތެއްކަމުގައި ބަލައިގެން އޭނާގެ ފައިތިލަފުޅުދަށަށް މާމެލާމެލި އުކާނެކަމުގައެވެ. އެދެރަށުގެ މީހުން އެބައިމީހުންގެ ވެރީންނާމެދު މާޔޫސްވެފައިވާތީއެވެ. ނަޞާރާއިންގެ ޙަމަލަތަކުގެ ސަބަބުން ނޭވާހަށްޓަށް ނުފެތިފައި ތިބޭތީއެވެ. ނަމަވެސް معـتـمـد ގެ އެ އެދިވަޑައިގެންނެވުން ފުރިހަމައެއް ނުވިއެވެ. ލޫރިޤާއަށް ދަތުރު ކުރެއްވި މަގުމަތީން އޭނާއަށް ޖެހިވަޑައިގެންނެވީ ޙިޞްނުއްލައިޠުގެ ލަޝްކަރަކާ ކުރިމަތިލައްވާށެވެ. ދެފަރާތުގެ ދެމެދުގައި ހިނގި ހަނގުރާމައިން ބަލިވެވަޑައިގަތުމުން معـتـمـد މިސުރާބު ޖެއްސެވީ މުރުސިއްޔާއާ ދިމާޔަށެވެ. إبـن رشـيــق ވެސް ޢީސާއީން ތަޅައިތިރިއަރުވައިފައިވާ ލަޝްކަރެއްގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަވާކަށެއް ބޭނުންފުޅެއް ނުވިއެވެ. އޭނާ ލަޝްކަރު ގޮވައިގެން ހަނގުރާމަޔަށް ރަށްބޭރަށް ނުކުމެވަޑައިގެންފިއެވެ. معـتـمـد އޭނާއަށް އެންމެފައިދާ ބޮޑުވާނެ ކަމުގައި ދެކެވަޑައިގެންނެވީ ހަނގުރާމަ ނުކުރައްވައި އެނބުރިވަޑައިގެންނެވުމެވެ.

معـتـمـد އަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ޙިޞްނުއްލައިޠުގެ ޢީސާއީންގެ އާރާއި ބާރު ވަނީ ވަކީން ގަދަވެފައެވެ. ޤުރުޠުބާއާއި ޣަރުނާޠާގެ ސަރަޙައްދާ ހަމަޔަށްވެސް އެބައިމީހުންގެ ލޫޓުވުމުގެ ދާއިރާ ވަނީ ފުޅާކޮށްފައެވެ. އެ ހިތާމަވެރި ބިރުވެރި ޙާލަތުގައި އަންދަލުސުގެ މުސްލިމުން އަނެއްކާވެސް ކަރުދަމަދަމައިފައި ބަލާންފެށީ އެފުރިކާއާ ދިމާޔަށެވެ. ނަމަވެސް އެފުރިކާގެ ދާޚިލީ ޙާލަތު أميـر يـوسف އަށް އޭނާގެ ވަޒަން ދޫކޮށްލައްވައިފައި އަންދަލުސަށް ވަޑައިގެންނެވުމުގެ ހުއްދައެއް ނުދިނެވެ. އަންދަލުސުގެ މުސްލިމުންގެ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވާން ފަށައިފިއެވެ. އެންމެފަހުން ދެކުނު އިރުމަތީ އަންދަލުސުގެ ދައުލަތްތަކުގެ ކުރިޔަށް ތިއްބެވި ބޮޑުންގެ ވަފުދެއް މުރާކިޝަށް ހިނގައްޖެއެވެ. އެބޭފުޅުން أميـر يـوسف ގެ އަރިހުގައި ފަރިޔާދު ކުރެއްވިއެވެ. އެބޭފުޅުންގެ އާދޭހުގެ ސަބަބުން أميـر يـوسف ގެ ހިތްޕުޅަށް އަސަރު ނުކޮށެއް ނުދިޔައެވެ. أميـر يـوسف އެބޭފުޅުންނަށް ތަސައްލީ ދެއްވިއެވެ. އަންދަލުސަށް އެހީވެވަޑައިގެންދެއްވުމަށްޓަކައި ވަރަށް އަވަހަށް ކަނޑު ހުރަސްކުރައްވައިފާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ލޫރިޤާގެ ކައިރީން ޢީސާއީންގެ އަތުން ބަލިވެވަޑައިގެންނެވުމުން معـتـمـد ގެ ލޯފުޅު އަނެއްކާވެސް ވަނީ ހުޅުވިފައެވެ. އަންދަލުސުގެ އާއްމުންނަށްވުރެވެސް މާބޮޑަށް ޚުދު އޭނާ ހުންނެވީ އާރެއް ބާރެއް ނެތިފައި ކަމާއި މަޖުބޫރުވެވަޑައިގެންފައިކަން ވިސްނިވަޑައިގެންފިއެވެ. އެނިކަމެތިކަމުގެ އިޙުސާސު އޭނާއަށް މަޖުބޫރުކުރުވީ އަމިއްލަފުޅަށް أميـر يـوسف ގެ ހިރިޔާފާތުރާގެ ދަށަށް ވަޑައިގަންނަވާށެވެ. أميـر يـوسف ނުހަނު ރީތި ޚުލުޤުފުޅާއެކު أميـر معـتـمـد އަށް މަރުޙަބާ ވިދާޅުވިއެވެ. أميـر معـتـمـد ދުވަސްކޮޅަކު މުރާކިޝްގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގެންނެވުމާއެކު އަންދަލުސުގައި ނޯށުންރޮއިރޮއިތިބި މުސްލިމުން އަޑުއަހަމުން ގެންދިޔައީ أميـر يـوسف ވަރަށް އަވަހަށް އެބަވަޑައިގަންނަވާކަމުގެ އުފާވެރި ޚަބަރެވެ.

* * * * * * * * * * *

أميـر يـوسف بــن تـاشـفـيـن ޙިސްނުއްލައިޠު ޙިޞާރު ކުރައްވައިފިއެވެ. ކިއްލާގައި ޢީސާއީންގެ ތޭރަހާސް ސިފައިން ފުރިހަމަޔަށް ހަތިޔާރު އަޅައިގެން ތިއްބެވެ. أميـر يـوسف ވަރަށް އާދައިގެ ޙަމަލަތަކެއް ދެއްވައިގެންވަނީ ދުޝްމިނުންގެ ބާރު އަންދާޒާ ކުރައްވައިފައެވެ. އެއަށްފަހު أميـر يـوسف އެއްދުވަހަކު ހެނދުނު އެކިއްލާއަށް ވަރުގަދަ ޙަމަލައެއް ދެއްވައިފިއެވެ. މުލޫކުއްޠަވާއިފުންގެ ރަސްމީ ލަޝްކަރުތަކާއި އަންދަލުސުގެ ރިޟާކާރުން ކުރިއަރަމުންދިޔައީ ކިއްލާގެ އިރުމަތީންނާއި އުތުރުންނެވެ. ކިއްލާގެ ދެކުނުފަރާތުންނާއި ހުޅަނގުފަރާތުން މުރާބިޠީނުންގެ ލަޝްކަރު ދިޔައީ ވަރަށް ވަރުގަދަޔަށް ޙަމަލަދެމުން ކުރިއަރަމުންނެވެ.

ދުޝްމިނުންގެ ތީރުވެރީން ތިބީ ކިއްލާގެ ވަށައިގެން ބޭރުގައިހުރި ފަރުބަދަތަކުގެ މަތީގައި ޙަމަލަދޭ މަރުކަޒުތައް ހަދައިގެންނެވެ. އެކަމަކު މުރާބިޠީންގެ ލަޝްކަރު ވަރުގަދަ ސައިލެއް ފަދައިން ދުޝްމިނުން ފައިދަށުލަމުން ފަހަތަށް ކޮއްޕަމުން ކިއްލާގެ ބޭރުފާރާ ހަމަޔަށް ހިނގައްޖެއެވެ. ނަމަވެސް މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކަށް ފަރުބަދަތަކުގެ ތެރޭގެ މަގުތަކުން ކުރިޔަށްދެވުނީ ގާތްގަނޑަކަށް މަގުގެ ދެބައިކުޅަ އެއްބަޔާ ހަމަޔަށެވެ. ދުޝްމިނުންގެ ތީރުގެ ވާރޭގެ ސަބަބުން އެނބުރި ފަހަތަށްޖެހޭން ފަށައިފިއެވެ. ނަމަވެސް ރިޟާކާރުންގެ ގެމަތައް ހިތްވަރުކޮށްފައި ފަރުބަދައިގެ ކުރިޔަށް އަރައިފިއެވެ. ވަރަށްބޮޑެތި ގެއްލުންތަކާ ކުރިމަތިލަމުންނެވެ. އެކަމަކު ކިއްލާގެ ފާރުމަތީން އަންނަ ދުނީގެ ވާރޭގެ ސަބަބުން އެބައިމީހުންނަކަށް ކިއްލާގެ ފާރުކައިރީގައި ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. ކިއްލާގެ ބޭރުން ފަރުބަދަތަކުގެ މަތީގައިތިބި ނަޞްރާނީ ތީރުވެރީންގެ ބައެއް ގެމަތައް މުލޫކުއްޠަވާއިފުންގެ ލަޝްކަރުތައް ފަރުބަދައިގެ ތިރިޔަށް ފަހަތަށް ކޮއްޕައިލުމަށްފަހު ރިޟާކާރުންގެ މަދު މީސްކޮޅާ ދިމާޔަށް އަރައިގެންފިއެވެ. އެމީހުންނަށް މަޖުބޫރުވީ ދިފާޢީ ހަނގުރާމައެއް ކުރަމުން ފަހަތަށް ޖެހޭށެވެ. އިރުކޮޅެއްގެ ތެރޭގައި ކިއްލާގެ ފާރަވެރީން ކިއްލާގެ އިރުމަތީފަރާތާއި އުތުރުފަރާތް އަމާންކަމުގައި ބަލައިގެން ކިއްލާގެ ދެކުނުފަރާތާއި ހުޅަނގުފަރާތުން ޙަމަލަ ވަރުގަދަކޮށްލައިފިއެވެ.

މުރާބިޠީނުން ވަނީ ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޢީސާއީން ގެންދިޔައީ ފާރުމަތީން ތީރުގެ ވާރޭ ވެއްސަމުންނެވެ. އެއާއެކު ކެކިކެކިހުރި ތެޔޮ އޮއްސަމުންނެވެ. އެނާޒުކު ވަގުތުގައި أميـر يـوسف އަށް އެނގިވަޑައިގެންނެވީ އޭނާގެ ބައިވެރީން ފަހަތަށް ޖެހިވަޑައިގެންފިކަމެވެ. އެހެންކަމުން أميـر يـوسف މުރާބިޠީންގެ ލަޝްކަރަށްވެސް ޙަމަލަދިނުން ހުއްޓައިލައިފައި އެނބުރިދާން އަމުރުކުރައްވައިފިއެވެ.

(ނުނިމޭ)