ދިރާގުން، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގެ އެއިޑް ޕްރޮގްރާމަށް މި ފިތުރު އީދުގައި ހާއްސަ އެހީއެއް ވެދީފި އެވެ.

ދިރާގުން ބުނީ އާކް އެއިޑް ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ކޮވިޑުގެ މިހާލަތުގައި އެންމެ ބޭނުން ޖެހިފައި ތިބި 40 އާއިލާއެއްގެ 75 ކުއްޖަކަށް ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މި އަހަރުވެސް އާކް ޕްރޮގްރާމަށް ދިރާގުން އެހީތެރިވެދީފައިވާ ކަމަށާއި އާކް އެއިޑުގެ ދަށުން ނިކަމެތި އާއިލާތަކަށް ފޯރުކޮށްދޭ، ކިރު، މުގު، މަސްދަޅު، ތަރުކާރީ ދަޅު، ބިސް، ހަނޑޫ، ހަކުރު ފުށް ހަދިޔާ ކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އާކްގެ ޕާޓްނަރުންނާއި ޑޯނަރުންގެ އެހީތެރިކަމާ އެކު ފާއިތުވި އަހަރެއްގެ ތެރޭގައި އެ ޖަމިއްޔާ އިން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި 1،800 އަށް ވުރެ ގިނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައުވާ ކަމަށެވެ.

ދިރާގުން ބުނީ ކޮވިޑުގެ މި ބަލިމަޑުކަމުގެ ސަބަބުން މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމަށެވެ.