ޚަބަރު

މާލެއާއި ފުވައްމުލަކު ފިޔަވައި ހުރިހާ ރަށެއްގައި އީދު ނަމާދުކޮށްފި، މާލެއަށް މިފަހަރުވެސް ފިތުރު އީދުގެ ފަޅުކަން

މާލެ ސިޓީ އާއި ފުވައްމުލަކު ސިޓީ ފިޔަވައި، އެހެން ހުރިހާ ރަށެއްގައި އީދު ނަމާދުކޮށްފިއެވެ.

ކޮވިޑުގެ އަދަދުތައް އިތުރުވަމުން ދިއުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ އާއި ފުވައްމުލަކުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓާލައިފައެވެ.

މާލޭގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ އިއްޔެގެ މަޣްރިބު ނަމާދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށެވެ. އަދި ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ މިއަދުގެ ފަތިސް ނަމާދުން ފެށިގެން އަންނަ ބުދަ ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށެވެ. އެހެންކަމުން އެ ދެ ސިޓީގައި މިއަދު އީދު ނަމާދުކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދު ދިމާވީ މާލެ ލޮކްޑައުންކޮށްފައިވާ ދުވަސްވަރެއްގައެވެ. އެހެންކަމުން މާލޭގައި މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދުކޮށްފައި ނުވަނީ ލޮކްޑައުންގެ ސަބަބުންނެވެ.

މިދިޔަ އަހަރު މޮނީޓަރިންގައި ހުރި ރަށްރަށުގައި ފިތުރު އީދު ނަމާދުކޮށްފައި ނުވި ނަމަވެސް، މިއަހަރު ފުވައްމުލަކު ފިޔަވައި މޮނީޓަރިންގެ ހާލަތުގައި ހުރި ހުރިހާ ރަށެއްގައި ވަނީ އީދު ނަމާދުކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖެއިން ދުވާލެއްގެ މައްޗަށް 1500 އަށްވުރެ ގިނަ ކޭސް ފެންނަމުންދާ އިރު، އޭގެ ތެރެއިން މާލެއިން 1000 އަށްވުރެ ގިނަ ކޭސް ފެނެއެވެ.

ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. ބަލި ކޮންޓްރޯލްކުރުމަށް އެ ސިޓީގައި މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އަދި މިއަދުން ފެށިގެން ފުވައްމުލަކުގައި ހިންގާ ކާފިއުގެ ވަގުތު އިތުރުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެގޮތުން މިއަދުން ފެށިގެން އެރަށުގައި ކާފިއު ހިންގާނީ ހަވީރު 6:00 އިން ފަތިހު 4:00 އަށެވެ.