ކުޅިވަރު

ރޮނާލްޑޯއަށް 100، އުމުރުން 43 އަހަރުގެ ބުފޮންގެ ޕެނެލްޓީ ސޭވެއް

އިޓަލިއަން ސެރެއާ އޭގައި ރޭ ޔުވެންޓަސްއިން ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ސަސުއޯލޯ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެ ކްލަބު ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި 100 ވަނަ ގޯލް ފެނިގެން ގޮސްފައިވާއިރު، ގިނަ ބައެއްގެ ތައުރީފު އޮހިގެން ދިޔައީ އުމުރުން 43 އަހަރުގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ބޮފޮންގެ ޕެނެލްޓީ ސޭވްއަށެވެ.

ޔުވެންޓަސް ޖާޒީގައި އެންމެ އަވަހަށް 100 ގޯލް ހަމަކުރި ކުޅުންތެރިޔަކަށް ރޮނާލްޑޯ ވެފައިވާއިރު، އޭނާވެފައި ވަނީ ތިން ކްލަބެއްގެ އިތުރުން ގައުމީ ޖާޒީގައި 100 ގޯލް ހަމަކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުން މޮޅު ވެ، ޔުވެންޓަސްއިން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އުންމީދު އާކޮށްފައިވާއިރު، ރޮނާލްޑޯއަށްވެސް އެޓީމު ޗެމްޕިއަންސް ލީގުގައި ކުޅުން އިންތިހާއަށް މުހިއްމު ވާނެއެވެ. މިދިޔަ ނުވަ އަހަރު ޔުވެންޓަސްއިން ލީގު ކާމިޔާބު ކުރި ނަމަވެސް މިއަހަރު އިޓަލީ ލީގު ޔަގީން ކޮށްފައި ވަނީ އިންޓަ މިލާނުންނެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ސަސުއޯލޯގެ ޕެނެލްޓީއެއް ބުފޮން މަތަ ކޮށްފައިވާއިރު، އޭނާ ވަނީ ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަން އިއުލާން ކޮށްފައެވެ. އަދިވެސް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ބުފޮން ބުނެފައިވާއިރު، ޔުވެންޓަސް އަދި އިޓަލީ ފުޓުބޯޅައިގެ ލެޖެންޑަރީ ގޯލްކީޕަރު ބުފޮންނަށް ރޭގެ މެޗަކީ އޭނާ ޔުވެންޓަސް ޖާޒީގައި ކުޅުނު އެންމެ ފަހު މެޗަށްވެސް ވުން ގާތެވެ.

ފުރަތަމަ ހާފްގައި އެޑްރިއަން ރެބިއޮޓާއި ރޮނާލްޑޯގެ ގޯލްތަކުން ޔުވެންޓަސް ހަމަޖެހިލައިގެން ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅުގައި ގިއަކޯމޯ ރަސްޕަޑޯރީ ވަނީ ސަސުއޯލޯއަށް އުންމީދު އާކޮށްދީފައެވެ. މެޗު ނިމެންދަނިކޮށް ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގު ފުޓުބޯޅައިގެ އުންމީދު ގެނެސްދީ، މެޗުން ތިން ޕޮއިންޓް ޔަގީން ކޮށްދިނީ ޕައުލޯ ޑީބާލާގެ ގޯލުންނެވެ.

އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި ޔުވެންޓަސް މި ސީޒަނަށް ނުކުމެފައިވާއިރު، އެޓީމަށް ސީޒަން ނިންމާލަން ޖެހިފައި ވަނީ ހުސް އަތާއެވެ. ލީގު ތާވަލުގެ ފަސްވަނައިގައި މިވަގުތު އޮތްއިރު، ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީން ކުރުމަށް އެޓީމުން ޗެމްޕިއަން އިންޓަ ބަލިކޮށް، ބޮލޯނިއާވެސް ކުރިއަށް އޮތް މެޗުން ބަލިކުރަން ޖެހޭނެއެވެ. އެ ނަތީޖާތަކާ އެކުވެސް ގަދަ ތިނެއްގެ ނަތީޖާއެއް ޔަގީންވާން އޮތީ އެތުލާންޓާއިން ކުޅޭ މެޗުތަކުގައި އޭސީ މިލާން ނޫނީ ނަޕޯލީ އަތުން ޕޮއިންޓް ގެއްލިއްޖެ ކަމަށްވާނަމަށެވެ.