އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިނުވާނެ ކަމަށާއި އޭނާގެ ނަން ލިސްޓުގައި ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލައި، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އެ ލިސްޓު މިއަދު މަޖިލީހުން ވަނީ އާންމުކޮށްފައެވެ.
އާންމު ކުރި ލިސްޓުގައި އަދުރޭގެ ނަންވެސް ހިމެނެއެވެ. އަދި ކުރީ ސަރުކާރުގެ ބައެއް މެމްބަރުންވެސް އެ ލިސްޓުގައި ހިމެނެއެވެ.
އެކަމާ ގުޅިގެން އަދުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ މަތިމައްޗަށް ލިސްޓުތަކުގައި އޭނާގެ ނަން ޖެހިޔަސް ފަހަތަށް ޖެހުމެއްނެތް ކަމަށާއި އޭނާ ހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަކަށް ޖަވާބުދާރީވުމަށް ތައްޔާރަށް ކަމަށެވެ.
"އެމްއެމްޕީއާރުުސީގެ ހިޔާނާތުގެ ލިސްޓުގައި އަޅުގަނޑުގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.
މަޖިލީހުން މިއަދު އާންމުކުރި ލިސްޓުގައިވާ ގޮތުން ކުރީ ސަރުކާރުގެ ބައެއް މިނިސްޓްރުންނާއި އޭރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަށާއި މަޖިލީހުގެ އޭރުގެ އަދި މިހާރުގެ ވެސް ބައެއް މެމްބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް ލިސްޓުގައި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު