އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ރިޝްވަތެއް އަދި ހިޔާނާތެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް މިރޭ އެމަގާމުން އިސްތިއުފާދެއްވި ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ޒިޔަތު މިގޮތަށް ވިދާޅުވެފައިވަނީ އޭނާ އިސްތިއުފާދެއްވިކަން އަންގައި، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައެވެ.

ޒިޔަތު، އޮޑިޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީއެވެ.

ޒިޔަތު ފޮނުއްވި ސިޓީގައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓާ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

ތަހުޒީބު މުޖުތަމައުތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓާ ޖެނެރަލްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"އޮޑިޓާ ޖެނެރަލްގެ ހައިސިއްޔަތުން، މަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން،" ސިޓީގައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ލިސްޓުގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބައޮތެވެ.