އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މީހުން ހިމެނޭ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ކޮމެޓީގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އާންމުކޮށްފައެވެ.

އެއާއެކު ބައެއް ފަރާތްތަކުން ވަނީ އެ ލިސްޓަށް ކޮމެޓީން އުނިއިތުރު ގެނެސްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ކޮމެޓީގެ މުގައްރިރު، އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ އެފަދަ ކަމެއް ކޮމެޓީން ނުކުރާ ކަމަށެވެ.

އެކަމާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އައްސަދު ވެސް ވަނީ މަޖިލީހުން އާންމުކުރި ލިސްޓު އޮތީ އެ ކޮމިޝަނުން ފޮނުވި ގޮތަށް ކަން 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ނަމަވެސް އެ ލިސްޓުގައި ތިބި މީހުންނަކީ ކުށްވެރިންގެ ގޮތުގައި ނިންމާނީ ތަހުގީގު ކުރުމަށް ފަހު އެކަމާ ގުޅޭ އިދާރާތަކުން ކަން އައްސަދު ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން 119 މީހުން ދައުލަތުގެ މަގާމުތަކުގައި އެބަތިބި ކަމަށް ކޮމެޓީން މިއަދު ބުންޏެވެ. އަދި އެ ފަރާތްތަކުގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް ނިންމުމަށް އެ ކޮމެޓީން ވަނީ ގޮވާލައިފައެވެ.