ޚަބަރު

ވިއްސާރައިގައި ފުވައްމުލަކަށް ގެއްލުންތަކެއްވެ، ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ

ރިފާ ހަލީލު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކު ސިޓީއަށް ވަރަށް ބޮޑަށް ގެއްލުންވެ، ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކުރަން ފަށައިފިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު "ވަން" އަށް މިރޭ ވިދާޅުވީ އެ ސިޓީގެ ވަރަށް ގިނަ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ މިހާރުވެސް ވެލި ބަސްތާ ޖެހުމުގެ ކަންކަން ކުރަމުންދާ ކަމަށާއި ބައެއް ގެތަކުން މީހުންބަދަލުކުރަން ވެސް ޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހާރުވެސް އެއް ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބެނުންވެގެން އެހެން ގެއަކަށް ބަދަލު ކުރަމުންދާ ކަމަށާއި އިތުރަށްވެސް ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކާއި އައްޑޫ ސިޓީއަށް އޮތީ އޮރެންޖު އެލާޓް ނެރެފައެވެ.

އެމްއެންޑީއެފުން ބުނީ މި ވިއްސާރައިގައި ފުވައްމުލަކު ސިޓީގެ 120 ގެއަކަށް ފެން ވަދެ ގެއްލުން ލިބުމާ ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.