ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއަހަރުގެ ފިތުރު އީދު ދުވަސް ބައްދަލުކޮށްފައި މިވަނީ ގައުމަށް ނުތަނަވަސް ކަމާއި ބިރުވެރިކަން ވެރިވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އައިއީޑީއެއް ގޮށްވާލައިގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އެ ހަމަލާގައި އަނިޔާ ލިބުނު އެންމެންނަށް އަވަސް ޝިފާއެއް ލިބުން އެދޭ ކަމަށާއި އެ ހަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.
"އެއްވެސް މީހެއްގެ ފުރާނަ ދުއްވާލުމަށް ހަމަލާއެއް ދިނުމަކީ ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެ ޒާތުގެ އަމަލުތަކުން އެބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް މާތްﷲ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގާނޫނުތައް އެފަދަ މީހުން ވަށާލާނެ ކަމަށާއި އަދުލު އިންސާފު އެމީހުންނާ އަރާ ހަމަކުރާނެ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ތިން މީހުންނާއި އެ ހަމަލާގެ އަޑީގައި ތިބި މީހުންނާވެސް އިންސާފު އަރާ ހަމަކުރާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ހަމައެކަނި މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބަޔަކުވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުވަޑައިގެން ނީލޯފަރު ހިނގުމުން ކުރިއަށް ގޮސް މަޖީދީ މަގާއި ނީލޯފަރު ހިނގުމާ ގުޅޭ ކަންމަތީގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައިވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް، ކާރުކޮޅާ ކައިރީގައި ޕާކުކޮށްފައި ހުރި ވޭވް ބްރޭންޑުގެ ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިޑީއެއް ގޮއްވާލައިގެންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބީ ތިން މީހެކެވެ. އެއީ އެ މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމާއި މއ. ފޭރުގެ، މުޖާޒް އަހުމަދު (21އ) އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ތިން މީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު