ގއ. ކޮނޑޭ ކައުންސިލުގެ އިންތިހާބީ ރައީސް، މަގާމުގެ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރެއް ނެރެފިއެވެ.
ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ، ކޮނޑޭ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރެވެންދެން ނުވަތަ ހައިކޯޓުން ވަކި ގޮތެއް އަންގަންދެން ގާނޫނީ ހުވާކުރުން ފަސްކުރުމަށް އަންގާ އަމުރު ކުރާ ކަމަށެވެ.
އެ އަމުރު ރައްދު ވަނީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް އަދި ކައުންސިލްތަކުގެ ހުވާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދޭ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ދެ ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބުވި ޝުއައިބު މުހައްމަދު ދީދީ އެވެ. އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 393 މީހުން ދިރިއުޅޭ ކޮނޑޭގައި، ކައުންސިލުގެ ރައީސް ކަމުގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ 337 މީހުންނެވެ. ބާތިލު އިނީ 15 ވޯޓެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހައިކޯޓަށް ވަނީ 12 ޝަކުވާއެއް ހުށަހަޅައިފައެވެ.
ހައިކޯޓަށް ހުށަހެޅި ޝަކުވާގެ މައްސަލަތަކުގެ ތެރެއިން އެ ކޯޓުން ބަލައިގަނެފައި ވަނީ ހަ މައްސަލައެކެވެ. އެއީ ހއ. ފިއްލަދޫ، ކ. ތުލުސްދޫ، ލ. މާބައިދޫ، ގއ. ކޮނޑޭ، ތ. ކަނޑޫދޫގެ އިތުރުން ށ. ބިލެއްފެހިން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެވެ.