ގއ. ދާންދޫ ހެލްތު ސެންޓަރަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފި އެވެ.
ދާންދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު ލަތީފް މިއަދު "ވަން" އަށް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު އެ ރަށުން ދެ އަންހެނަކު ހުން އައިސްގެން ހެލްތު ސެންޓަރަށް ދެއްކި ކަމަށެވެ. އަދި މި ދެ މީހުންގެ ސާމްޕަލް ނަގައި ރޭގެ ވަގުތެއްގައި ނަތީޖާ ލިބުނު އިރު، ދެ މީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ މި ފަހުގެ ތާރީހެއްގައި އެ ދެމީހުން އެއްވެސް ރަށަކަށް ދަތުރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް މާލެއިން އައިސް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެފައިވާ އިރު، އެމީހާ ކަރަންޓީނު އުސޫލާ ހިލާފުވެ އެމީހާ ދިރިއުޅޭ ގޭގައި ހުންނަ ފިހާރައަށް ވަދެ ނިކުމެ ހަދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި ދެ އަންހެނުންވެސް މައުލޫމަތު ދޭ ގޮތުގައި އެމީހުން ބަލިވާން ފެށީ އެ ގޭ ފިހާރައަށް ދިޔަ ފަހުން ކަން އެނގިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މާލެއިން އައިސް ކަރަންޓީނުގައި ހުރި މީހެއް ކަރަންޓީނު މުއްދަތު ހަމަވުމުގެ ކުރިން އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން ރިޕޯޓުކުރުމުން އޭނާގެ ސާމްޕަލް ނެގިން. ދެން އޭނާ ޕޮޒިޓިވް ކަމަށް އަންގައި ބޭރަށް ނުނިކުތުމަށްވެސް އެންގިން. އެކަމަކު ރަށުތެރޭގައި ބައެއް މީހުން އަޅުގަނޑުމެންނަށް މައުލޫމާތުދޭ އޭނާ އުސޫލާ ހިލާފަށް އެ ގޭ ފިހާރައަށް ވަދެ ބޭރަށްވެސް ނިކުންނަ ކަމަށް. އަޅުގަނޑުމެން ގޮސް ބުނަން ތިހެން ނޫޅެށޭ. އަދި މީހަކާ ދިމާވިޔަސް އަންގަން އަޅުގަނޑުމެން ވާނީ އަންގާފައި. ދެން މި ދެ އަންހުނުންވެސް އެ ފިހާރައަށް ދިޔަ ކަމަށް ބުނަނީ." އޭނާ ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ ކަރަންޓީނު ކުރާ މީހުން އުސޫލާ ހިލާފު ނުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ކަމަށާއި ކޮންމެ މީހެއްގެ ފަހަތުގައި މޮނިޓާ ކުރެވޭނެ މީހަކު ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން އެންމެންގެ ރައްކާތެރިކަމަށް އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އުޅުމަށް ހުރިހާ އެންމެންނަށްވެސް އިލްތިމާސް ކުރާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ ދިމާވެފައިވާނަމަ ތެދު ބަހުން މައުލޫމާތު ހިއްސާކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ލަތީފް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް 44 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު