އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 700 މިލިއަނަށްވުރެ ގިނަ ރުފިޔާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ލިބިފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ލިސްޓުގައި ތުހުމަތު ކޮށްފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރު ކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.
އެ ލިސްޓްގައިވާ ގޮތުން އެމްޕީއެލް އިން ޕްރޮމިސަރީ ނޯޓުގެ ދަށުން ޑޮލަރު ގަތުމަށް ނެގި 77 މިލިއަން ރުފިޔާގެ ތެރެއިން 37 މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދިން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރު މާރުކުރުމަށްފަހު އެ ފައިސާގެ ތެރެއިން ފަސް މިލިއަން ރުފިޔާ ދިންކަމަށް އަދީބުގެ ބަޔާނުގައި ބުނެފައިވާ ކަމަށްވެސްވެއެވެ.
ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން، ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން 143 މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދިންކަމަށް އަދީބު ބުނެފައިވާ ކަމަށްވެސް ލިސްޓުގައިވެއެވެ.
ލިސްޓުގައިވާ ގޮތުން ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން 32 މިލިއަން ޑޮލަރު (493،440،000ރ.) ރައީސް ޔާމީނަށް ދިންކަމަށް އަދީބުގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ފައިސާގެ ތެރޭގައި އިސްލާމިކް ބޭންކަށް ޖަމާކުރި މިލިއަން ރުފިޔާ ހިމެނޭ ކަމަށްވެއެވެ.
.
ރައީސް ޔާމީނަށް އެއް މިލިއަން ރުފިޔާ މުހައްމަދު ހުސައިން (އޮއިއްޓޭ) ހަވާލުކޮށްފައިވާނެ ކަމަށާއި އަދި ގާތްގަނޑަކަށް ހަ ފަހަރުމަތިން އަދީބާއެކު ފައިސާ ހަވާލުކުރަން ގޮސްފައިވާނެ ކަމަށްވެސް އޮއިއްޓޭގެ ބަޔާނުގައި ބުނެފައިވާ ކަމަށްވެއެވެ. އަދި 30 މިލިއަން ރުފިޔާ އަޅާފައިވާ ދަބަހެއް ހިފައިގެން އަދީބާއެކު ގޮސް ހަވާލުކޮށްފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ބަޔާނުގައި ބުނެފައިވާ ކަމަށްވެސް ލިސްޓުގައިވެއެވެ.
މީގެ އިތުރުން އަދީބު ބުނެގެން ވެސްޓާން ޔޫނިއަން މެދުވެރިކޮށް 10،000 ޑޮލަރު (154،200ރ.) ދެ ފަހަރެއްގެ މަތިން މެޑަމް ފާތުންއަށް ސިންގަޕޫރަން ފޮނުވާފައިވާނެ ކަމަށާއި އެކަމާ ގުޅުން ހުރި ރިސީޕްޓްތައް ފޯނުގައި ހުންނާނެ ކަމަށް އޮއިއްޓޭ ބުނެފައިވާ ކަމަށްވެސް ލިސްޓްގައިވެއެވެ.
ލިސްޓުގައިވާ ގޮތުން 2013 ވަނަ އަހަރުގެ އިންތިހާބު ދުވަސްވަރު އަދީބު ބުނެގެން ފައިސާތަކެއް މެޑަމް ފާތުންނާ ހަވާލުކުރި ކަމަށްވެސް އޮއިއްޓޭ ބުނެފައިވެއެވެ. ނަމަވެސް ހަވާލުކުރީ ކިހާ އަދަދެއް ކަމެއް ނޭނގޭ ކަމަށްވެސް އޮއިއްޓޭ ބުނެފައިވާ ކަމަށް ލިސްޓުގައިވެއެވެ.
ލިސްޓުން ދައްކާ ގޮތުން އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ރައީސް ޔާމީނަށް އެކަނި 709 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު