ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހު ހަވާލުކުރެވޭނެ ކަމަށާއި ލަފާކުރަނީ ދެ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ހައި ކޮމިޝަނުން މިއަދު ބުނީ ފެބްރުއަރީ މަހު މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި ދިވެހި ސަރުކާރުން ޑީޕީއާރްގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލައިގެންފައިވާ ކަމަށެވެ. ޑީޕީއާރްއަށް ފަންޑު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ހައި ކޮމިޝަނުން ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މިހާރު އަންނަނީ މި މަޝްރޫއުގެ ޕްރީ ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި މަރުހަލާގައި މިފަދަ މަޝްރޫއުތައް ފުރިހަމަކުރުމުގެ ތަޖުރިބާއާއި ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު އަދި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށްވެސް ބުންޏެވެ.
"ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް މިހިނގާ މެއި މަހުގެ ފަހުކޮޅު ނިމޭނެކަމަށް ލަފާކުރެވޭ. އެއަށް ފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެ. މި މަޝްރޫއުގެ ކޮންޓްރެކްޓް ޖުލައި 2021 ގައި ހަވާލުކުރެވޭނެ ކަމަށް ބެލެވޭ. އަދި މަޝްރޫއުގެ މަސައްކަތަށް ދެ އަހަރު ނަގާނެ ކަމަށް ލަފާކުރެވޭ،" އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
މި މަޝްރޫއުއަށް 85 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެއެވެ. މަޝްރޫއުގެ އަގު ފައިނަލް ވާނީ ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުއަށް ހުށަހެޅޭ ޓެންޑަރުތައް އިވޭލުއޭޓް ކުރުމުން ކަމަށްވެސް ހައި ކޮމިޝަނުން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ ރަންވޭއަކާއި 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލައަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަނދުތައް ޖެއްސޭ ވަރަށް އެއާޕޯޓުގެ ރަންވޭ ދިގުކޮށް ޓާމިނަލްތަކާއި ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަނާއި ކާގޯ ޓާމިނަލްތައް ތަރައްގީ ކުރާނެއެވެ.
ރާއްޖެ އާއި އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު