ކޮވިޑުގެ ފަރުވާއެއް ކަމަށް ގަބޫލުކޮށް އިންޑިއާގައި މީހުން އެމީހުންގެ ހަށިގަނޑުގައި ގެރި ގުއި އުނގުޅަމުންދާތީ އެކަން ނުކުރުމަށް އެގައުމުގެ ޑޮކްޓަރުން އިލްތިމާސް ކޮށްފި އެވެ.

ގައިގައި ގެރީގެ ނަޖިސް އުނގުޅައިގެން ކޮވިޑުން ދިފާއުކޮށްދޭ ކަމަށް ސައިންސްގެ އަލީގައި ސާބިތުވެފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި އެހެން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމަށް އެގައުމުގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކޮރޯނާގެ ބަލިމަޑުކަމުގައި އިންޑިއާގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާތަނަށް އެގައުމުން 22.66 މިލިއަން ޕޮޒިޓިވް ކޭސް ފެނިފައި ވާއިރު 246،116 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. ކަމުގެ މާހިރުން ލަފާކުރާ ގޮތުގައި މި އަދަދުތައް އަސްލު އުޅޭނީ މިއަށްވުރެ ފަހެއް ނޫނީ ދިހައެއް އިންސައްތަ މަތީގައެވެ.

އިންޑިއާގެ ހާލަތު ބޮއްސުންލައި ހޮސްޕިޓާތަކުގެ އެނދުތައް ފުރި، އޮކްސިޖަން އަދި ބޭސްފަރުވާ ފޯރުކޮށް ދެވޭނެ ގޮތެއް ނެތިގެން ވެސް އެތައް ބަޔަކު މަރުވެގެން ގޮސްފައިވެއެވެ.

އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖުރާތުގައި ގެރިއަށް އަޅުކަން ކުރާ ބައެއް މީހުން އަންނަނީ ހިމާޔަތް ހޯދުމުގެ ގޮތުން ހަފުތާއަކު އެއްފަހަރު އެތަކެތީގެ ނަޖިސް މުޅި ގައިގައި އުނގުޅަމުންނެވެ. އެމީހުން ގަބޫލުކުރާގޮތުގައި އޭގެ ނަޖިހުގެ ސަބަބުން ހަށިގަނޑުގައި ދިފާއީ ބާރު ވަރުގަދަކޮށްދީ ކޮރޯނާ ވައިރަހުން ސަލާމަތްކޮށްދެއެވެ.

ގެރިއަކީ އިންޑިއާގައި އެއަށް އަޅުކަން ކުރާ މީހުންގެ ދީނީ ޝިއާރެކެވެ. އަދި އެތައް ޒަމާނެއް ވާންދެން ގެރި ގުއީގައި އެކުލެވިގެންވާ މާއްދާތަކުގައި ހިމެނޭ ސިއްހީ ފައިދާތަކުގެ ސަބަބުން ކަމަށް ބުނެ އެމީހުންގެ ގެތަކާއި އަޅުކަންކުރަން ބޭނުންކުރާ ތަންތަން ސާފުކުރުމަށް ވެސް ގެރީގެ ނަޖިސް އަންނަނީ ބޭނުންކުރަމުންނެވެ.

''މިތަނަށް ޑޮކްޓަރުންވެސް އާދޭ. އެމީހުންވެސް ގަބޫލުކުރާގޮތުގައި ގައިގާ ގެރި ގުއި އުނގުޅުމުން ހަށިގަނޑުގައި ދިފާއީ ބާރު ވަރުގަދަކޮށްދީ، ބަލިމީހުންނަށް ހާސްކަމެއް ނެތި ފަރުވާކުރުމަށް އެހީއަކަށް ވެގެންދޭ.'' ގޯތަމް މަނިލާލް ބޮރިސާ ބުނެފައިވެއެވެ. އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއްގެ އެސޯސިއޭޓް މެނޭޖަރެއް ގޮތުގައި ވަޒީފާ އަދާކުރާ ގޯތަމް ބުނެފައިވަނީ އޭނާއަށް މިދިޔަ އަހަރު ކޮވިޑު ޖެހި އެބަލިން ރަނގަޅުވީ މިގޮތަށް ފަރުވާކޮށްގެންނެވެ.

ގެރީގެ ނަޖިސް އުނގުޅައިގެން ފަރުވާ ހޯދާމީހުން، ހަށިގަނޑުގައި ގެރީގެ ކުޑަކަމުދާ ތަކެއްޗާއި ގެރި ގުއި އުނގުޅުމަށްފަހު ހިކެންދެން މަޑުކުރެއެވެ. އެއަށްފަހު ގެރިއަށް އަޅުކަންކޮށް އެތަކެތީގެ ގައިގާ ބައްދާ ހަދައެވެ. އަދި ހަކަތަ އިތުރުކުރުމަށް ކަމަށް ބުނެ ޔޯގާ ހެދުމަށްފަހު ކިރުން ފެންވަރާ ހަދައެވެ.

އިންޑިއާގެ އަދި ބައިނަލް އަގުވާމީ ޑޮކްޓަރުންނާއި ސައިންސްވެރިން އަންނަނީ ކެނޑިނޭޅި ކޮވިޑަށް ފަރުވާއެއް ކަމަށް ބުނެ އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުން ސިއްހީ އިތުރު މައްސަލަތަކަށް މަގުފަހިކުރުވަފާނެކަމުގެ އިންޒާރު ދެމުންނެވެ.

''ގެރީގެ ކުޑަކަމުދާ ތަކެތިންނާއި ނަޖިހުން ދިފާއީ ބާރު ވަރުގަދަ ކޮށްދީ ކޮވިޑަށް ފަރުވާ ހޯދައިދޭކަމުގެ އެއްވެސް ހެއްކެއް ނެތް. އެއީ އެމީހުންގެ ގަބޫލުކުރުންތަކުން އުފައްދައިގެން އުޅޭ ވިސްނުމެއް.'' އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ނެޝަނަލް ޕްރެސިޑެންޓު ޑރ. ޖޭ.އޭ ޖަޔާލާލް ވަނީ ބުނެފައެވެ.

ގައިގާ މިފަދައިން ނަޖިސްތައް އުނގުޅުމުގެ ސަބަބުން އެހެން ބަލިތަކަށް ހުށަހެޅި، ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ބަލި އެރުމަށްވެސް މަގުފަހިކުރުވާ ކަމުގައި އޭނާ އިތުރަށް ފާހަގަކުރިއެވެ. މީގެ އިތުރުންވެސް މިފަދައިން ފަރުވާ ހޯދުމަށް އެއްބަޔަކު އެއްތަނަކަށް ޖަމާވެ ހެދުމުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.