ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުންގެންދާ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީންކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށް އެޓަނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުންގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީންކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އޭޖީއަށް، ރައީސް މިއަދު އަންގަވާފައިވާ ކަމަށެވެ.
މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރުކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށްވެސް ރައީސް، އޭޖީއަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ސޯލިހު، އެކަން މަޖިލީހުގެ މެންބަރުންނާވެސް ހިއްސާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މިގޮތަށް އަންގަވާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެ ހަމަލާއަށްފަހު ވަނީ ރައީސް ނަޝީދަށް ދެމުންގެންދާ ސެކިއުރިޓީއާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައިފައެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަން އުޅުއްވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް ޒަހަމުތަކެއް ލިބިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ފުއްޕާމެއަށް ގެއްލުންވެ އިތުރުން ގޮހޮރު ދެތަނަކުން ފޫ އެޅުމުގެ އިތުރުން، އެ ހަމަލާގައި ބުރައިގެންދިޔަ ރޭޒާފުއްތަކާއި ދަގަނޑުކޮޅުތަކާއި ޕްލާސްޓިކު ކޮޅުތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ފުންކޮށް ވަދެ، ބޮޑެތި ޒަހަމުތަކެއް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭޑީކޭގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޓީމަކުން 16 ވަރަކަށް ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަންތަކެއްކޮށް ހުރިހާ ރޭޒާ ފުއްތަކެއް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުން ނަގައިފައެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.