ރާއްޖޭގެ ތިން ސަރަހައްދެއްގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ތަކުގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިނެއްގެ އިތުރުން 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހިން ކަމަށް ބުންޏެވެ.

އެގޮތުން އެ ތިން މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ގދ. ވާދުއަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް އެ ޑިންގީ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެވަނަ އޮޕަރޭޝަނުގައި 31 އަހަރުގެ މީހާ އާއި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ކަމަށް ފުލހުން ބުންޏެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، އައްޑޫސިޓި ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫސިޓީ ފޭދޫގެ ފަޅު ގެއެއްގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.