ވަހީދާ ރަހުމާން، އާޝާ ޕަރޭކު އަދި ހެލެން އަކީ 70 ގެ އަހަރުތަކުގައި ބޮލީވުޑުގައި ރަނިކަން ކުރަމުންދިޔަ ތަރީންނެވެ. މި ތިން ބަތަލާއިންގެ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމަކީވެސް މުޅި އިންޑިއާގައި ރީތި ނަމޫނާއެކެވެ.

އަންޑަމަން އެންޑް ނިކޮބާއަށް ކޮށްފައިވާ ޗުއްޓީދަތުރެއްގައި ލޯންޗެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކަކުން މިތިން ތަރީން މިވަނީ އެކުގައި ފެނިގެން ގޮސްފައެވެ.

ތިން ފަންނާނުން އެކުގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް ހިއްސާކޮށްފައި މިވަނީ ޕްރޮޑިއުސަރު ތަނޫޖު ގަރްގު އޭނާގެ އިންސްޓަގްރާމުގައެވެ. ތަނޫޖު ހިއްސާކޮށްފައިވާ ފޮޓޯތަކުގައި މި ތިން ބަތަލާއިން ވަރަށް ހަމަޖެހިލައިގެން އެކީގައި ތިބޭތަން ފެނިގެން ދެއެވެ.

ތަނޫޖު މިފޮޓޯތައް ހިއްސާކުރަމުން ބުނެފައިވަނީ އުމުރުން ދުވަސްވީ ލާމަސީލު ތިން މީހަކާއެކު ދިލް ޗާހަތާ ހޭ އަލުން ކުޅޭ ނަމަ، ފެނިގެންދާނީ މި ތިން ބަތަލާއިން ކަމަށެވެ. ވަރަށް ހަމަޖެހިލައިގެން މުސްކުޅިވި ދުވަހު މިގޮތަށް އެކުގައި ވަގުތު ހޭދަކުރާތަން ފެނުމުން ހިތަށް ހަމަޖެހުން ގެނުވާ ކަމުގައި އޭނާ ބުނެފައިވެއެވެ.

ގިނަ ބަޔަކު މި ފޮޓޯތަކަށް ތައުރީފުކޮށް ކޮމެންޓުކޮށްފައިވާއިރު މި ތިން މީހުންގެ ގުޅުމަކީ ތަފާތު ގުޅުމެއް ގޮތުގައި އެކަކު ސިފަކޮށްފައި ވެއެވެ. ކޮމެންޓު ކުރި އެހެން މީހަކު ވަނީ މިއީ ރިޓަޔަރމެންޓް ގޯލްސް ކަމުގައި ބުނެފައެވެ. ތިން މީހުންގެ މޫނުމަތިންވެސް ހިތްހަމަޖެހުމާއި އުފާވެރިކަން އަދި ބަދަހިކަން ފެނިގެންދާކަމުގައި ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް މި ތިން ފަންނާނުން ޗުއްޓީ ހޭދަކުރާ ފޮޓޯތަކެއް ވަނީ މީޑިއާއަށް ތިލަވެފައެވެ.

އެކުގައި އަބަދުވެސް ވަގުތު ހޭދަކުރާ މި ތިން ރަހުމަތްތެރިން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޑާންސް ދީވާނޭ 3 އިންނެވެ. އެ ޝޯގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެ އިންޑަސްޓްރީގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން އެ ޝޯގެ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވާ މަދޫރީ ޑިކްސިޓާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.

މީގެ ކުރިން ކަޕިލް ޝަރްމާ ޝޯގައިވެސް ހާއްސަ މެހެމާނުންގެ ގޮތުގައި ވެސް ބައިވެރިވެފައި ވެއެވެ.